ޑިންގީއެއްގައި ބަޔަކު މިޔަރު ބާނާ ވީޑިއޯ އެއް ސޯޝަލް މީޑިއާގައި ޢާއްމުވެފައިވަނިކޮށް އެ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.

އެ ވީޑިއޯ އަކީ ފުވައްމުލަކު ބޭރުގައި މިޔަރު ބޭނުމަށްފަހު އޭގެ އުރަހަ ނަގައި، ބާކީ ބައި މޫދަށް އެއްލާލާ ތަން ފެންނަ ވީޑިއޯ އެކެވެ. ސޯޝަލް މީޑިއާގައި އާއްމުވެފައިވާ މި ވީޑިއޯ އިންފެންނަ ގޮތުގައި ޑިންގީއެއްގައި މަސްވެރިކަން ކުރަން ނުކުމެތިބި ތިން މީހަކު މިޔަރު ބޭނުމަށްފަހު އޭގެ އުރަހަ ކަނޑާ ނަގާފައި މިޔަރުގެ ބާކީ ބައިތައް މޫދަށް އުކާލައެވެ. އަދި އުރަހަ ނަގާފައިވާ ދެ މިޔަރެއް އެ ޑިންގީ ތެރޭގައި އޮތެވެ.

މި ވީޑިއޯއާ ގުޅިގެން ފިޝަރީޒް މިނިސްޓްރީން ބުނެފައިވަނި އެމައްސަލަ އެ މިނިސްޓްރީއަށް ރަސްމީކޮށް ހުށައެޅިފައި ނުވާ ކަމަށާއި ނަމަވެސް ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި ފުލުހުން އެ މައްސަލަ ބަލަން ފަށާފައިވާ ކަމަށެވެ.

ފުވައްމުލަކުގެ ބޭރުގައި އުޅޭ ފެމުނު މިޔަރު ދެކިލަން ޑައިވްކުރަން އަހަރަކު އެތައް ސަތޭކަ ޓޫރިސްޓުން އެ ރަށަށް ޒިޔާރަތްކުރެ އެވެ. މި ވީޑިއޯ އާއްމުވުމާއެކު ގިނަ ބަޔަކު ދަނީ އެކަމަށް ފާޑުކިޔަމުންނެވެ.

2010 ވަނަ އަހަރުން ފެށިގެން ރާޢްޖޭގައި މިޔަރުގެ ބާވަތްތައް ހިފާ ބޭނުންމަކީ މުޅިން މަނާ ކަމެކެވެ. އަދި މަސްވެރިކަމުގެ އާންމު ގަވާއިދުގައި ވާގޮތުން ރާއްޖޭގެ ކަނޑުގެ ސަރަހައްދަކުން މަޑި އާއި މިޔަރު ހިފުމާއި، ބޭނުމާއި، މެރުމަކީ ވެސް މަނާ ކަމެކެވެ.

އެހެންނަމަވެސް މިޔަރު އުރަހަ ނަގާ އޭގެ ވިޔަފާރި ބައެއް ފަރާތްތަކުން ކުރަމުން ދެއެވެ. އެގޮތުން އޮޅުވާލައިގެން ރާއްޖެއިން ބޭރުކުރަން އުޅުނު 429 ކިލޯގެ މިޔަރު އުރަހަ ކަސްޓަމްސް އިން މިދިޔަ އަހަރުގެ ތެރޭގައި އަތުލައިގެންފައިވެ އެވެ. އަދި އޭގެ ފަހުން ހއ. ބާރަށުގެ ފަޅުތެރޭގައި ގަވާއިދާ ހިލާފަށް ދާޖަހައިގެން މިޔަރު މަސްވެރިކަން ކުރަމުން ދިޔަ ދޯންޏެއް ވެސް ވަނީ އަތުލައިގެންފަ އެވެ.