މާފުށީގެ ޖަލާއި ދިމާލު މޫދުގައި މަރުވެފައި އޮތީ ޖަލަށް ފޯނުތަކެއް އެތެރެކުރަން އުޅުނު މީހެއް ކަމަށް ފުލުހުން ބުނެފި އެވެ.

މި ހާދިސާ ހިނގީ މާފުށި ޖަލާއި ދިމާލުން ތޮށިގަނޑު މައްޗަށް ފަތާފައި އަރާ މަންޒަރު މާފުށި ޖަލުގެ ސެކިއުރިޓީންނަށް ފެނުމުން އޭނާ އަމިއްލައަށް މޫދަށް ފުންމާލުމުން ކަމަށްވެ އެވެ. ނަމަވެސް އޭނާ މަރުވީ ޖަލަށް އެއްޗިހިތަކެއް އެތެރެކުރަން އުޅުމުގެ ތެރޭގައިކަން ފުލުހުން މީގެ ކުރިން ކަށަވަރުކޮށްދީފައެއް ނުވެ އެވެ.

މިކަން ކަށަވަރު ކޮށްދެމުން ފުލުހުން މިއަދު ބުނީ، އޭނާ މަރުވީ، މާފުށި ޖަލަށް ފޯނުތަކެއް އެތެރެކުރަން އުޅުމުގެ ތެރޭގައިކަން މިހާތަނަށް ބެލި ބެލުމުން ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ކަމަށެވެ.

މާފުށި ޖަލާ ދިމާލުން ފަޅުތެރެއަށް މީހަކު ގެނބިފައިވާ ކަމަށް މިމަހުގެ 10 ވަނަ ދުވަހުގެ ރޭ މެންދަމު 2:22 ގައި ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި އެ މީހާ މޫދުން ނަގައިގެން ހެލްތު ސެންޓަރަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހެލްތު ސެންޓަރުން މައުލޫމާތުދިން ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން ބުނީ މި ހާދިސާގައި މަރުވީ އުމުރުން 33 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުން ގެންދާނެ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

މާފުށީ ޖަލުގައި ތިބޭ ކުށްވެރިންނަށް ފޯނާއި ޑްރަގް އަދި އެ ނޫން ވެސް އެކި ތަކެތި ވަގަށް ވެއްދުމުގެ މައްސަލަ ވަރަށް ބޮޑުވެފައިވެ އެވެ.