ފަނޑިޔާރުންނަކީ އެތައް ބައެއްގެ ހައްގުތަކާ ގުޅިފައިވާ އެކަނިވެރި ބުރަ މަސްއޫލިއްޔަތެއް އަދާކުރާ ބައެއް ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު ވިދާޅުވެއްޖެ އެވެ.

ސިވިލް ކޯޓުގެ ގާޒީކަމަށް އަލަށް އައްޔަންކުރި ފަނޑިޔާރުން ހުވާކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ފަނޑިޔާރު ޝުޖޫން ވިދާޅުވީ ފަނޑިޔާރުކަމަކީ މީހުންގެ ހައްގުތަކާ، ގުޅިފައިވާ އެކަނިވެރި ބުރަ މަސައްކަތެއް ކަމަށެވެ. އަދި ފަނޑިޔާރުކަމަކީ އަމިއްލަ މަންފާއަށް ކުރެވޭ ކަމެއް ނޫން ކަމަށާއި، ފަނޑިޔާރުންނަށް ކަންކަން ކުރެވޭ ގޮތަކުން މުޖުތަމައުގައި ފަނޑިޔާރުގެއާ މެދު އޮންނަ އިތުބާރު ބޮޑުވާ ހާލަތްތައް އަންނައިރު، ބައެއް ހާލަތްތަކުގައި ހިތްހަމަ ނުޖެހުމާއި، ބަދުބަހާއި ނަފްރަތު ވެސް ކުރިމަތިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޝުޖޫން ވިދާޅުވީ ފަނޑިޔާރު ކަމުގެ ހުވާ ކުރެއްވުމަށްފަހު މީގެ ކުރިން އަދާކުރަމުންދިޔަ ވަކީލުކަމުގެ ދައުރާއި، މިހާރުގެ މަސްއޫލިއްޔަތާ ވަރަށް ބޮޑަށް ތަފާތުވާނެ ކަމަށެވެ. އަދި ފަނޑިޔާރުން ކަންކަން ނިންމަންވާނީ ހުށަހެޅޭ ކަންކަމާއި، ކޯޓުގައި ދެކެވޭ ވާހަތަކަށް ކަމަށާއި، ބޭރުގައި ދެކެވޭ ވާހަތަކާއި އަޑުތަކަށް ބަލައި ހުކުމް ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޝުޖޫން ވިދާޅުވީ ކޮންމެ ފަނޑިޔާރަކީ ވެސް ޝަރުއީ ދާއިރާގެ އިއްޒަތާއި ކަރާމާތް ދަމަހައްޓަންޖެހޭ ނަޒާހާތްތެރި ބޭފުޅަކަށްވުމަކީ ފަނޑިޔާރުގޭގެ އިތުބާރު ނެގެހެއްޓުމަށް ލިބިދޭނެ ބާރެއް ކަމަށެވެ. ހަމަ މިއާއެކު ޝަރުއީ ނިޒާމު ތަރައްގީކުރުމަކީ ވެސް ކޮންމެ ފަނޑިޔާރެއްގެ ވެސް ޒިންމާއެއް ކަމުގައި ދެކި މަސައްކަތްކުރެއްވުމަށް އޭނާ ވަނީ އިލްތިމާސް ކުރައްވާފަ އެވެ.

އަލަށް ހުވާކުރެއްވި ގާޒީންނާއެކު ފަނޑިޔާރު ޝުޖޫން އަދި ޖޭއެސްސީގެ މެމްބަރުން ފޮޓޯއަކަށް ހުއްޓިގެން. ފޮޓޯ: ޖޭއެސްސީ

ސިވިލް ކޯޓަށް އަލަށް އައްޔަން ކުރި ދެ ފަނޑިޔާރުންނަކީ ސ. ފޭދޫ، ފިތިރޯނުގެ، ޒުލައިޚާ ޝީޒާއާއި ގއ. މާމެންދޫ، ފެހިގެ، އަހުމަދު ނިމާލް ޖުނައިދު އެވެ. ޖޭއެސްސީގެ ރައީސް ހިސާން ހުސެއިންގެ ކުރިމަތީގައި އެ ދެ ފަނޑިޔާރުންނަށް ހުވާލައިދެއްވީ ހައި ކޯޓްގެ އިސް ފަނޑިޔާރު ހާތިފް ހިލްމީ އެވެ.