ޓީވީއެމްގެ ގޯތިތެރޭގައި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ 15 ބުރީގެ އިމާރާތެއް އަޅައިދޭނެ ބަޔަކު ހޯދަން އަލުން ބީލަމަށް ހުޅުވާލަން ނިންމައިފި އެވެ.

މި އިމާރާތަކީ މީޑިއާގެ މަސައްކަތްތަކަށް ޚާއްސަކޮށްގެން ތަރައްގީކުރާ އިމާރާތެކެވެ. އަދި މި މަސައްކަތް ކުރިއަށްގެންދިއުމަށް ނިންމާފައި ވަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުންނެވެ.

ދައުލަތުގެ މީޑިއާ ހިންގާ ކުންފުނި، ޕީއެސްއެމް އިން ބުނިގޮތުގައި ކުރިން އެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް ކުރިން އިއުލާން ކުރިނަމަވެސް، ޝަރުތުތަކާ އެއްގޮތަށް ބީލަން ހުށައަޅަފައި ނުވާތީ، އެއްވެސް ކުންފުންޏަކަށް ބިޑް އެވޯޑެއް ނުކުރެ އެވެ. އަދި ބިޑް ހުށައެޅި ފަރާތްތަކަށް، އެ ފަރާތްތަކުން ހުށައެޅި ޕްރޮޕޯސަލް ޕީއެސްއެމްގެ ޝަރުތުތަކަށް ނުފެތޭ ސަބަބުތައް ވަކިން ހިއްސާކުރާނެ ކަމަށް ވެސް ޕީއެސްއެމް އިން ބުންޏެވެ.

މަސައްކަތަށް އަލުން ހުޅުވަލާއިރު ކުރިން ބީލަން ހުށައެޅި ފަރާތްތަކަށް ބީލަމަށް ކުރިމަތިލުމަށް ފުރުޞަތު ލިބޭނެ. ބީލަމަށް ހުޅުވާލުމާއި ގުޅޭ ތަފްސީލް ޕީއެސްއެމްއިން އިއުލާން ކުރާނެ،" އެ ކުންފުނިން ބުންޏެވެ.

ގާތްގަނޑަކަށް 7،000 އަކަފޫޓުގެ ބިމެއް އެ ބިލްޑިން ހެދުމަށް 120 މިލިއަނެއްހާ ރުފިޔާ ހަރަދުވާނެ ކަމަށް ޕީއެސްއެމް އިން ލަފާކުރެ އެވެ.

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަލީ ހާލިދު "ހުރިހާ"އަށް މިއަދު ވިދާޅުވީ އެ އިމާރާތް ހަދަން ހަމަޖެހިފައި ވަނީ ޓީވީއެމްގެ ގޯތިތެރޭގައި އޮންނަ ހުސް ތަނުގައި ކަމަށެވެ. އަދި އާ އިމާރާތް ހެދުމަށްފަހު މުސްކުޅި އިމާރާތް ތަޅާލަން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މުސްކުޅި ބިލްޑިން ތަޅާލަން ޖެހޭނީ. މިހާރު އެތަން ހުރީ ވަރަށް ބޮޑަށް ބާވެފައި،" އަލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އާ އިމާރާތް ހެދުމަށްފަހު މާފަންނު ބިލްޑިން ހުސްކުރުމަށްފަހު، އަޑާއި ޓީވީގެ ކުއްޔަށް އެއް ފުރާޅެއްގެ ދަށަށް ގެންދަން ނިންމާފައިވާ ކަމަށެވެ. އަދި މާފަންނު ބިލްޑިން ކުއްޔަށް ދޭން ނިންމާފައިވާ ކަމަށް ވެސް އަލީ ވިދާޅުވި އެވެ.