ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރް އޭނާގެ ކުރީގެ އަނބިކަނބަލުންނަށް ގެވެށި އަނިޔާކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ޒަރީރުގެ ކުރީގެ އަނބިކަނބަލުން ފާތިމަތު ޝަޒްރާ އޭނާގެ ފޭސްބުކްގައި ލިޔުއްވާފައިވާ ޕޯސްޓެއްގައިވަނީ ޒަރީރުގެ ފަރާތުން ކުރިމަތިވަމުންދާ އުނދަގުލުގެ ސަބަބުން ކެތްތެރިކަން ކޮޅުންލައިފި ކަމަށެވެ. 17 އަހަރު އިނދެގެން އުޅުނު އިރު ވަރަށް ގިނަ ކަންކަން ތަޖުރިބާ ކުރެވިފައިވާނެ ކަމަށާއި އަދި އަނެކާގެ ދިރިއުޅުމަށް ދަތިކުރުމަކީ ކިހާވަރެއްގެ ކަމެއްކަން އޭނާ އަށް ކިޔާދޭން ޖެހުމަކީ ޖޯކެއް ކަމަށް ޝަޒްރާވަނީ ސިފަކޮށްފަ އެވެ.
ފޯނުން މައުލޫމާތު ދެމުން ޝަޒްރާވަނީ ޒަރީރު އޭނާ ކިތަންމެ ފަހަރަކު ރޭޕް ކޮށްފައިވާ ކަމަށްވެސް ބުނެފަ އެވެ. އެގޮތުން އޭނާ ރޭޕް ކުރަން އުޅުނު ވީޑިއޯވެސް އެބަހުރި ކަމަށް ޝަޒްރާ ބުންޏެވެ. "އެއްކޮށް އުޅުނު ދުވަސްވަރު އާއިލާ މީހުން ކުރިމަތީ، ރައްޓެހިން ކުރިމަތީ މަނިކުފާނު ކުރަމުންދިޔަ ވާބަލް އަދި ފިޒިކަލް އެބިއުޒް (ރޭޕް، ޑޮމެސްޓިކް ވަޔަލެންސް) މިހުރިހާ ކަމަކަށް މާފު ކުރުމަށްފަހު އަޅުގަނޑު ދިރިއުޅުމެއް ފެށީ މި ދުނިޔެއަކީ ކުޑަ ކުޑަ ހިނދުކޮޅެއްގެ ތަނެއްކަން އެނގޭތީ." ޝަޒްރާ ބުންޏެވެ.
"އަޅުގަނޑު 3 ފަށްވުމުން މީހަކާއިނީ ފަށްކަނޑައިގެން އަލުން ޒަރީރުއާ ކައިވެނި ކުރާކަށްނޫން. ފިރިމީހާއާއެކު ރަނގަޅަށް ދިރިއުޅެން. އެކަމަކު މިހާރު އޭނާ މަސައްކަތްކުރަނީ އަޅުގަނޑުގެ ދަރިންނާ އަޅުގަނޑާ ޖައްސާ، އެކުދިންގެ ހިތުގައި އަޅުގަނޑުގެ މައްޗަށް ނަފްރަތު އުފައްދަން. އެކުދިން ލައްވާ އަޅުގަނޑާ ދެކޮޅަށް ކަންކަން ކުރުވަން." ޝަޒްރާ ބުންޏެވެ. އެގޮތުން އޭނާގެ ދޮށީ އަންހެން ދަރިފުޅު ލައްވައި ދޮގު ހަދުއްވައިގެން ޝަޒްރާގެ މިހާރުގެ ފިރިމީހާއާ ދެކޮޅަށް ފުލުހަށް މައްސަލަ ހުށަހަޅަންވެސް އުޅުނު ކަމަށްވެސް ޝަޒްރާ ބުންޏެވެ.
ޝަޒްރާ ބުނީ ޒަރީރުގެ އަނިޔާއާއި އޭނާގެ "މެންޓަލް އެބިއުސް" އަށް ކެތްތެރިވެގެން ދަރިންނަށްޓަކައި މުޅި ހަޔާތްވޭތުކުރެވުމަކީ އޭނާއަށް ކުރެވުނު ވަރަށް ބޮޑު ގޯސް ކަމެއް ކަމަށެވެ.
ޝަޒްރާ ވަނީ ސޯޝަލް މީޑިއާގައި ވީޑިއޯއެއްވެސް ޕޯސްޓް ކޮށްފަ އެވެ. އޭނާ ބުނި ގޮތުގައި އެވީޑިއޯ އަކީ "ޒަރީރުގެ އޯގާތެރި ފިރުމުންތަކުގެ ފަޅި ސިކުންތެކެވެ."
ޝަޒްރާ ބުނީ މިއަދު މިކަމާގުޅުންހުރި މައްސަލަތައް އޭނާ ފުލުހުންނަށް ހުށައަޅާނެ ކަމަށެވެ.
ޝަޒްރާއާއި ޒަރީރުގެ ކައިވެންޏަށް 3 ދަރިން ލިބިފައިވެ އެވެ. މީގެ ކުރިންވެސް ޝަޒްރާވަނީ ފޭސްބުކްގައި ޒަރީރުގެ މިފަދަ އަމަލުތަކާ ގުޅޭގޮތުން ޕޯސްޓް ކޮށްފަ އެވެ.