ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީން، ލާމަރުކަޒީ ނިޒާމުގެ ވާހަކަ ދައްކަން ލަދުގަންނަން ޖެހޭ ކަމަށް ހުޅުމާލެ ދާއިރާގެ ކައުންސިލަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

ޝުޖާއު މިހެން ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމުން ވާދަކުރާތީ އަޖައިބުވާ ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނިކޮށެވެ.

އެމަނިކުފާނު އެހެން ވިދާޅުވީ ޅ. ކުރެންދޫގައި ކައުންސިލް ރައީސްގެ ބައި-އިލެކްޝަންގައި އެ ޕާޓީގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓް އަލީ ނަސީމަށް ތާއީދު ހޯދުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ޕީޕީއެމްއަކީ ލާމަރުކަޒީ އުސޫލާ ހިލާފުވާ ބައެއްކަން ފާހަގަކޮށް ރައީސް ނަޝީދު ވަނީ އެޕާޓީން އުޅެނީ ރާއްޖެ މަރުކަޒު ކުރަންކަމަށް ވިދާޅުވެފަ އެވެ.

އެ ކަމަށް ރައްދުދެއްވަމުން ޝުޖާއު ކުރި ޓުވީޓްތަކެއްގައި ވިދާޅުވީ، މިއަދު އެމްޑީޕީން އިންތިޚާބުތަކަށް ނުކުމެ ލާމަރުކަޒު ވާހަކަ ދެއްކުމަކީ ލަދުވެތި އަދި ހުތުރު އަމަލެއް ކަމަށެވެ. އަދިި ގެސްޓް ހައުސް ހިންގަން ގުޅަން އަދިވެސް ޖެހެނީ ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމަށް ކަމަށާއި، ކައުންސިލްތަކުން ފަސް މިލިއަނުން ދަށުގެ މަޝްރޫޢުތައް ބިޑުކޮށް، އެ އިވެލުއޭޓުކޮށް އެވޯޑް ކުރެވޭނޭ ބުނެ "ދޮގު" ހަދާފައިވާ ކަމަށް ޝުޖާއު ވިދާޅުވި އެވެ.

ނަޝީދަށް ޓެގްކުރައްވަމުން ޝުޖާއު އިތުރަށް ވިދާޅުވީ، އަދާ ހަމައަށް އެކަން އޮތީ މައިސަރުކާރު ވަޒީރު ބޭފުޅުންގެ ކަބަޑު ތެރޭ ފޮރުވާފައިކަމަށެވެ. އަދި ކައުންސިލް ތަކަށް އުފެއްދޭނެ ކަމަށް ބުނި ކުންފުނިތައް އުފައްދަން ހުށައެޅީމަ އެކަން ނުވާ ކަމަށް ޝުޖާއު ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވީ ޓުވީޓުތަކަކުން އެ ހުރިހާ ވާހަކައެއް ދެއްކޭކަށް ނެތް ކަމަށެވެ.