ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރުގެ ޓްވިޓާ އެކައުންޓް ހެކްކޮށްފި ކަމަށް ބުނެ އެ މައްސަލަ ފުލުހަށް ހުށައަޅައިފި އެވެ.

ރައީސް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ މިއަދު ހެނދުނުން ފެށިގެން އަލީ ޒާހިރުގެ އެކައުންޓުން ޓުވީޓްކުރަމުން ދިޔަ ކަމަށާއި އެ މައްސަލަ މިހާރު ތަހްގީގުކުރުމަށް ފުހުންނަށް ހުށައަޅާފައިވާ ކަމަށެވެ.

އަލީ ޒަހިރުގެ ޓުވިޓާ އެކައުންޓުން މިއަދުގެ ހެނދުނުގެ ވަގުތެއްގައި ވަނީ އަވަގުރާނަ ގޮވާ ޓުވީޓްތަކެއް ކޮށްފަ އެވެ.

އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓަކު ކުރި ޓުވީޓަކަށް ރައްދުދެއްވައި ކުރެއްވި ޓުވީޓަކަށް ހަޑި ހުތުރުބަހުރުވައިން އަލީ ޒާހިރުގެ އެކައުންޓުން ރައްދު ދީފައިވެ އެވެ. ނަމަވެސް ފަހުން އެ ޓުވީޓު ވަނީ ޑިލީޓުކޮށްފަ އެވެ. އަދި ރައީސް ނަޝީދަށް ނިސްބަތްކޮށްވެސް ހަޑި ހުތުރު ބަހުރުވައިން ޓުވިޓާގައި ރައްދީފައިވެ އެވެ.

ޗީފް އޮފް ސްޓާފް އަލީ ޒާހިރުގެ ޓުވިޓާ އެކައުންޓަކީ ވެރިފައިޑް އެކައުންޓެކެވެ. އެ އެކައުން އެހާ ފަސޭހައިން ހެކްވީ ކޮން ގޮތަކަށް ކަމެއް ސާފެއް ނޫނެވެ. އަދި އެކައުންޓަށް ވަދެވޭނީ އީމެއިލްއާއި ޕާސްކޯޑުގެ އެކްސެސް ވެސް ލިބިގެންނެވެ.

މި ކަމާ ގުޅިގެން ރައީސް ނަޝީދަށް ތާއީދު ކުރާ މެމްބަރުންދަނީ ޓުވިޓާގައި ހިތްހަމަ ނުޖެހުން ފާޅުކުރަމުންނެވެ.

ބައެއް ފަރާތްތަކުން ބުނަމުންދަނީ ރައީސް އޮފީހުގެ ޓުވިޓާ އެކައުންޓުން ފައްޔާޒްގެ ޓުވީޓުތައް ވެސް ރިޓުވީޓް ކޮށްފައިވާ ކަމަށާއި މީ ކަނޑައެޅިގެން ގަސްތުގައި ވަކި ފަރާތެއް ޕްރޮމޯޓް ކުރުމަށް ކުރާ ކަންތައް ކަމަށެވެ.