ހަތަރު ދުވަސް ފަހުން ރާއްޖެއިން ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވް މީހުންގެ އަދަދު ކުއްލިއަކަށް ދަށަށް ހިނގައްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖެއިން މިއަދު މި ބައްޔަށް ޕޮޒިޓިވްވީ 80 މީހުންނެވެ.

ކޮވިޑް ޖެހުނު މީހުންގެ އަދަދު އެންމެ ފަހުން 100 އަށްވުރެ ދަށަށް އެންމެ ފަހުން ދިޔައީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ. އެ ދުވަހު ޕޮޒިޓިވްވީ 89 މީހުންނެވެ. އިއްޔެ ވެސް މި ބައްޔަށް 141 މީހުން ޕޮޒިޓިވް ވެފައިވެ އެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަދު އިރުއޮއްސި 6:00އާ ހަމަޔަށް ޕޮޒިޓިވްވި 80 މީހުންގެ ތެރެއިން 60 މީހުންނަކީ ދިވެހިންނެވެ. އަދި ބާކީ 40 މީހުންނަކީ ބިދޭސީންނެވެ. އެޗްޕީއޭއިން މިހާރު ޕޮޒިޓިވްވާ ބިދޭސީންގެ ގައުމެއް ހާމައެއް ނުކުރެ އެވެ.

ރާއްޖެއިން މިހާރު ކޮވިޑަށް ޖުމްލަ 8،361 މީހަކު ޕޮޒިޓިވްވެފައިވެ އެވެ. މިހާތަނަށް މީހުން ދިރިއުޅޭ 39 ރަށަކުންނާއި 20 ރިސޯޓަކުން މިބަލި ޖެހިފައިވާ މީހުން ފެނިފައިވެ އެވެ. ރިސޯޓުތަކުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި 17 ޓޫރިސްޓުންނާއި 45 މުވައްޒަފުން ހިމެނެ އެވެ.

އެޗްޕީއޭއިން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މާލެ ސަރަހައްދުން މިއަދު ޕޮޒިޓިވްވީ 77 މީހުންނެވެ. މި ބަލީގައި މިހާރު 2،684 މީހުން ދަނީ ފަރުވާ ހޯދަމުންނެވެ. މީގެ ތެރެއިން 162 މީހަކު އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުން ދައްކަ އެވެ. އަދި އެ ބަލިން މިއަދު 159 މީހަކު ރަނގަޅުވި އެވެ.

ކޮވިޑް ޖެހިގެން މިހާތަނަށް ރާއްޖެއިން 29 މީހަކު މަރުވެފައިވެ އެވެ.