ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް އިބްރާހިމް ނާސިރަށް "ނިޝާން ޣާޒީ"ގެ އިއްޒަތްތެރި ލަގަބު ލިބިވަޑައިގަތީ ދެކުނުގައި އުފެދުނު ބަޣާވާތް މައިތިރި ކުރައްވައި ސުވާދީބު އަނބުރާ ދިވެހި ދައުލަތުގެ ދަށަށް ގެންނެވުމުންނެވެ. އެއީ ދިވެހި ރައްޔިތުން ނާސިރުގެ އެ ޚިދުމަތް ބަލައިގަނެ، އޭރުގެ ރައްޔިތުންގެ މަޖިލީހުން އެރުވި ލަގަބެކެވެ.

ގދ. ތިނަދޫ ފަޅުވުން އެ މައްސަލައަކާ ގުޅިފައިވާ ދެކުނުގެ ބަޣާވާތަކީ ދިވެހި ތާރީޚުގެ މުހިންމު ބާބެކެވެ. މީގެ ފަސްދޮޅަހަކަށް އަހަރު ކުރިން ހިނގާފައިވާ އެ ހާދިސާގެ މާބޮޑު ތަފުސީލެއް މިއަދުގެ ގިނަ ޒުވާނުންނަށް ނުވަތަ މެދު އުމުރުގެ މީހުންނަށް ވެސް ރަނގަޅަށް ނޭނގިދާނެ އެވެ.

މި ސަރުކާރުން އެކުލަވައިލި އިންތިގާލީ އިންސާފުގެ އޮފީހުން މިހާރު ކުރަމުން ގެންދާ ތަހުގީގުގައި ބަލަމުން ގެންދާ ތިނަދޫގެ މައްސަލަ ގުޅެނީ ދެކުނުގެ ބަޣާވާތް، ނުވަތަ ދިވެހި ދައުލަތުން ވަކިވެ ދެކުނުގެ ތިން އަތޮޅުން އުފެއްދި ޔުނައިޓެޑް ސުވާދީބު ދައުލަތާ އެވެ.

މައްސަލައިގެ ފެށުން

ދެކުނުގެ ބަޣާވާތަކީ އެ ބަޣާވާތުގެ މޫ، ރާއްޖެ ދޫކޮށް މާދުރަށް ފެތުރިފައިވާ މައްސަލައެކެވެ. އަސްލު މައްސަލައިގެ ފެށުމަކީ އިނގިރޭސިންނަށް އައްޑު އަތޮޅު ގަން 100 އަހަރަށް ކުއްޔަށް ދޭން ދިވެހި ސަރުކާރުގެ ނަމުގައި ނިންމި ބަޔަކު ނިންމުމަށް ފަހު އެ ނިންމުން ރަސްމީ ކުރަން ދިވެހި ސަރުކާރުން ދެކޮޅު ހެދުމެވެ.

މިމައްސަލައިގެ ތެރޭގައި ސަރުކާރު ދެބަޔަކަށް ބައިވި އެވެ. ކާމިޔާބުވީ އިނގިރޭސިންނަށް ގަން ދޭން ދެކޮޅު ބަޔަށެވެ. އެފަޅިގެ އިސް ބޭފުޅަކަށް ހަރަކާތްތެރިވީ ކުރީގެ ރައީސް ނާސިރެވެ. އެއާއެކު އޭރުގެ ބޮޑުވަޒީރު އިސްތިޣުފާ ދެއްވައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ނާސިރު ބޮޑުވަޒީރަކަށް އިންތިޚާބުވުމާއެކު ސ. ގަން އިނގިރޭސިންނަށް ކުއްޔަށް ނުދިނުމަށް ދިވެހި ސަރުކާރުން ނިންމި އެވެ.

ތަހުގީގީ ނަޒަރަކުން މި މައްސަލަޔަށް ލިޔުއްވި ހުރިހާ ފަރާތަކުން ވެސް އެއްބަސްވާ ގޮތުގައި 1 ޖެނުއަރީ 1959 ވަނަ އަހަރު ޔުނައިޓެޑް ސުވާދީބު އައިލޭންޑްސްގެ ނަމުގައި އައްޑު އަތޮޅުގައި ދައުލަތެއް އުފެއްދުމުގެ އަސްލަކީ އިނގިރޭސިން އަޑީގައި ތިބެގެން އެ މީހުންނަށް އައްޑު އަތޮޅު ގަން ލިބޭނެ ގޮތް ހެދުމެވެ.

ތިނަދޫ މީހުން ބަޣާވާތްކުރި ދުވަސްވަރު އެ ރަށު ބަޔަކު އަތިރިމަތީގައި މަޑުކޮށްލައިގެން.

ހުވަދު އަތޮޅާއި ފުވައްމުލައް ހިމެނޭހެން އައްޑޫގައި އުފެއްދި މި ދައުލަތުގެ ވެރިޔަކީ ސ. ހިތަދޫ، އަބްދުﷲ އަފީފެވެ. ދެކުނުގެ ސަރުކާރު އިއުލާންކުރުމާއެކު އެ ހިސާބުގެ ހުރިހާ ރަށްތަކަކުން ހުރިހާ އެންމެނެއް އެކަމަކަށް މަރުހަބާ އެއް ނުކިޔަ އެވެ. އޭރުގެ ހަވަރު ތިނަދޫ އެ ދައުލަތް ރަސްމީ ގޮތުން އިއުލާން ކުރީ 16 ފެބްރުއަރީ 1959 ގަ އެވެ.

ދެކުނުގެ ތިން އަތޮޅު ދިވެހި ދައުލަތުން ވަކިވެ ވަކި ސަރުކާރެއް އިއުލާންކުރުމާއެކު އެ ޚަބަރު ބީބީސީއިން ގެނެސްދިނެވެ. އެއާއެކު އެ ޚަބަރު ދުނިޔޭގެ މީޑިއާތަކަށް ވަރަށް އަވަހަށް ފެތުރިގެން ދިޔަ އެވެ.

ތިނަދޫ މައްސަލަ ހައްލު ކުރުމަށް ދިޔަ ސިފައިން ރަށުގައި ހަރަކާތްތެރި ވަނީ

އެ ހިސާބުން އޭރުގެ ރަދުންގެ ފަތްކޮޅަކުން ބޮޑުވަޒީރު ނާސިރަށް މައްސަލަ ހައްލުކުރެއްވުމަށް އެންގެވި އެވެ. ރަދުންގެ އަމުރުފުޅާ ވިދިގެން ރައްޔިތުންގެ މަޖިލީހުގައި މައްސަލައިގެ ބަހުސްކޮށް ފެނިވަޑައިގެންނެވި ގޮތަކަށް މައްސަލަ ހައްލުކުރެއްވުމުގެ އިޚުތިޔާރު ނާސިރަށް އެރުވި އެވެ.

ތިނަދޫގައި ކަންތައް ހިނގަމުން ދިޔަ ގޮތް

އައްޑޫގައި އުފެއްދި ސަރުކާރާ ތިނަދޫ ގުޅި، އޭރު ހުވަދު އަތޮޅުގައި ހުންނެވި އަތޮޅުވެރިޔާ ނ.ތ. ހަސަން ދީދީ ތިނަދޫގައި ހުންނަވަނިކޮށް ހަމަލާދީ ވަރަށް ބޮޑަށް އަނިޔާކުރުމަށް ފަހު ހިލިހިލާ ޖަހައި ބަންދުކުރި އެވެ.

އެ ހިސާބަށް ކަންތައް ދިޔުމުން ބޮޑުވަޒީރު ނާސިރު، ސިފައިންނާއެކު މޯލްޑިވްސް ސްޓާގައި ތިނަދުއަށް ވަޑައިގެންނެވި އެވެ. އެ ދަތުރުފުޅުގައި ތިނަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ނަސޭހަތްތެރިވެވަޑައިގެން ހައްޔަރުކޮށްފައި ހުރި ނތ. ހަސަން ދީދީ މިނިވަން ކުރައްވައި ތިނަދޫގައި ދިވެހި ދިދަ ނެންގެވި އެވެ.

ތިނަދޫ މީހުން ބަޣާވާތްކުރި މައްސަލަ ހައްލުކުރެއްވުމަށް އޭރުގެ ބޮޑުވަޒީރު އިބްރާހިމް ނާސިރު ތިނަދުއަށް ވަޑައިގަންނަވަނީ.

ތިނަދޫ ދިވެހި ދައުލަތުގެ ދަށަށް އަނބުރާ ގެންނެވުމަށް ފަހު ނާސިރު އެނބުރި މާލެ ވަޑައިގެންނެވިތާ ދެމަސް ފަހުން ތިނަދޫގައި އަލުން ބަޣާވާތް އިއުލާންކޮށް ސުވާދީބު ސަރުކާރާ ގުޅުނެވެ. ތިނަދޫގައި ތިއްބެވި ސިފައިންގެ ދިހަ ބޭކަލުންނަށް ވަރަށް ބޮޑަށް އަނިޔާކޮށް ހިފާ ހައްޔަރުކޮށް، ރޯނުން ބަނދެގެން އައްޑުއަށް ގެންދިޔަ އެވެ.

މި ހާދިސާގެ ތެރޭގައި ސިފައިންގެ ބޭކަލެއް ކަމަށްވާ އަބްދުއްލަތީފު މުހައްމަދުގެ ބޮލަށް ލިބުނު އަނިޔާގައި ނިޔާވި އެވެ. ނާސިރުގެ ކުރީގެ ދަތުރުފުޅުގައި ދިވެހި ސަރުކާރުގެ ދަށަށް ގެންނެވި ރަށްތަކުގެ ތެރޭގައި ހިމެނޭ ގައްދުއަށް ތިނަދޫ މީހުން ހަމަލާދީ އެރަށް ލޫޓުވާލައި އެ ރަށުގެ ބައެއް ގެތަކާއި އޮޑިހަރުގެތައް އަންދާލި އެވެ.

ތިނަދޫ މީހުން ބަޣާވާތްކުރި ދުވަސްވަރު އެ ރަށު ގެއެއްގެ ދޮށުގައި ބަޔަކު މަޑުކޮށްލައިގެން.

މިޚަބަރު މާލެއަށް ލިބުމާއެކު ބޮޑުވަޒީރު ނާސިރު ދެވަނަ ފަހަރަށް ތިނަދުއަށް ވަޑައިގެންނެވި އެވެ.

ސިލްވަ ކްރެސްޓްގައި ކުރެއްވި މިދަތުރުފުޅުގައި ތިނަދުއަށް ވަޑައިގެންނެވުނީ 3 ޖެނުއަރީ 1961 ވަނަ ދުވަހުގެ ހަވީރު ތިނެއް ޖެހި އިރު އެވެ. އެ ވަގުތުން ފެށިގެން ރަށުގެ ރައްޔިތުންނަށް ބަޣާވާތް ހުއްޓާލުމަށް އިލްތިމާސްކުރަމުން ދިޔަކަމަށް ވިޔަސް، ފަހު ދުވަހު ހަވީރުވީއިރު ވެސް ރައްޔިތުން އެ އަޑެއް ނޭހި އެވެ.

ނަތީޖާއެއްގެ ގޮތުން ވައިގެ ތެރެއަށް ބަޑި ޖެހުމުން ވެސް މައްސަލައަށް ހައްލެއް ނުލިބުމުން ރަށު ތެރެއަށް ޖެހި ބަޑީގައި އެކަކު މަރުވެ، ތިން މީހުން ޒަޚަމްވި އެވެ. އެ ހިސާބުން ތިނަދޫގެ ރައްޔިތުންނަށް ދިވެހި ދައުލަތުގެ ފަރާތުން އެންގީ ހަވީރު އިރުއޮއްސުމުގެ ކުރިން ރަށުން ފައިބައިގެންދާށެވެ.

ތިނަދޫ މީހުން ބަޣާވާތްކުރި ދުވަސްވަރު އެ ރަށުން މީހުން ފައިބައިގެން ދަނީ.

އިރުއޮއްސުމުގެ ކުރިން ރަށުން ފައިބަން އެންގި އެންގުން ވެގެން ދިޔައީ ތިނަދޫ ރައްޔިތުންނަށް ލިބުނު މުސީބާތެއް ފަދަ ކަމަކަށެވެ. އެ މީހަކަށް ވެވުނު ގޮތަކުން ރަށުން ފައިބަން ކުރި މަސައްކަތުގައި ހާލުގައިޖެހި މަރުވެ ދިޔަ މީހުންގެ ފުރިހަމަ ހިސާބެއް ބެލެވިފައި ނެތް ކަމަށް ވިޔަސް ގިނަ ބަޔަކު މަރުވެ، އެތައް ބަޔަކަށް ބޮޑެތި ގެއްލުންތަކެއް ވެގެން ދިޔަ ކަމީ ތާރީޚީ ހަގީގަތެކެވެ.

މައްސަލައިގެ ނިމުން

ތިނަދޫގައި އުފެދުނު ބަޣާވާތުގެ މައްސަލައިގައި ތިނަދޫން މީހުން ބާލައި އެރަށް ފަޅު ރަށަކަށް ބަދަލުކުރުމަށްފަހު ބަޣާވާތުގެ ވެރިން މާލެ ގެނެސް، އެ މީހުންނަށް ތަފާތު އަދަބުތައް ދެވުނެވެ. ބައެއް މީހުން އަރުވާލައި އަނެއް ބަޔަކު ޖަލަށްލި އެވެ. ޖަލަށްލި މީހުންގެ ތެރެއިން ގިނަ ބަޔަކު ޖަލުގައި މަރުވި ކަމަށް ކިޔައި އުޅެ އެވެ.

ތިނަދޫގައި ބަޣާވާތްކުރި ކުށްވެރިން ހައްޔަރުކޮށްފައި.

ތިނަދޫގެ މައްސަލައަށް ފަހު ދިވެހި ސަރުކާރުން އިނގިރޭސިންނާއެކު ދެއްކި ވާހަކައިގެ ނަތީޖާއެއްގެ ގޮތުން ދެކުނުގައި އޮތް ސުވާދީބު ސަރުކާރު ނިމުމަކަށް އަ އެވެ. އެ ސަރުކާރުގެ ވެރިޔާ އަފީފު، އިނގިރޭސިންގެ ބެލުމުގެ ދަށުން ސީޝެލްސްއަށް ހިޖުރަ ކުރެއްވި އެވެ. އައްޑޫގެ މައްސަލަ ހަމަޖެހުމާ އެކު ހުވަދު އަތޮޅު ދެބައިކޮށް ތިނަދޫގައި އަލުން މީހުން އާބާދުކުރި އެވެ.

ފަސްމަންޒަރު

ތިނަދޫގައި މީހުން އަބާދުވިތާ ފަންސާސް އަހަރު ފަހުން ދިވެހި ސަރުކާރުން އުފެއްދި އިންތިގާލީ އިންސާފުގެ އޮފީހުން މިވަނީ ތިނަދޫގެ މައްސަލަ ބަލައި އިންސާފު ހޯދައިދިނުމުގެ މަސައްކަތް ފަށައިފަ އެވެ. އެއީ ތިނަދޫ ކައުންސިލުން އެ މައްސަލަ ހުށަހެޅުމުންނެވެ. ކައުންސިލުން ވަނީ ތިނަދުއަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ހުށަހަޅައިފަ އެވެ.

ތިނަދޫއިން މީހުން ބޭލި މައްސަލާގެ އަޑުއެހުންތައް ވަނީ ފަށާފައި

އެ މައްސަލައިގައި ކަންހިނގި ގޮތް ކިޔައިދޭން ބޭނުންވި މީހުންގެ ބަޔާންތައް ނަގަމުންދާއިރު ތިނަދޫގައި ބަޣާވާތްކޮށް ދިވެހި ދައުލަތާ ވަކިވެ ބޭރުގެ ބާރެއްގެ އެހީގައި ވަކި ސަރުކާރެއް އުފައްދުމުގެ ސަބަބުން ރާއްޖެއަށް ކުރިމަތިކުރުވި ގެއްލުންތަކުގެ މައްޗަށް ރިއާޔަތް ކުރެވޭނީ ކިހާ ވަރަކަށް ކަމެއް ނޭނގެ އެވެ. އެހެން ނަމަވެސް މިހާރު ބަލަމުންދާ މައްސައިގެ ނިމުން އަންނަ ގޮތަކުން ބާޣީން ޣާޒީންނަށް ވެ، ޣާޒީން ބާޣީންނަށްވުމުގެ ފުރުސަތު ވެސް އެބަ އޮތެވެ.