ކުރީ ސަރުކާރުން ސައޫދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ހިލޭ އެހީގައި މާލޭގައި އިމާރާތް ކޮށްފައިވާ ކިންގް ސަލްމާން މިސްކިތް އަންނަ ހުކުރު ދުވަހު ނަމާދުކުރަން ހުޅުވާލަން ނިންމައިފި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރު ވިދާޅުވީ ސަލްމާން މިސްކިތް ރަސްމީކޮށް ނުހުޅުވި ނަމަވެސް ރޯދަ މަހު ނަމާދުކުރަން ހުޅުވާލަން ނިންމާފައިވާ ކަމަށެވެ. އަދި މިސްކިތް ރަސްމީކޮށް ހުޅުވާނީ ފަހުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މާލޭ ބޮޑުތަކުރުފާނު މަގުގެ އިރުމަތީ ފަރާތުގައި އިމާރާތްކޮށްފައިވާ ކިންގް ސަލްމާން މިސްކިތުގެ މަސައްކަތް ކުރަން ހަވާލުކޮށްފައި ވަނީ ތުރުކީގެ ޓާމެކްސް ކުންފުންޏާއެވެ.

އެ ކުންފުންޏާއެކު ކުރީ ސަރުކާރުން އެއްބަސްވުމުގައި ސޮއިކުރީ ފެބްރުއަރީ 28، 2017 ގަ އެވެ.

މިސްކިތް ހުޅުވަން ތައްޔާރުވަމުން އަންނަ ކަމަށް މީގެ ކުރިން އެތައް ފަހަރަކު ސަރުކާރުން ބުނެފައިވެ އެވެ. އެހެން ނަމަވެސް ފަހުން ސަރުކާރުން ބުނެފައި ވަނީ އެތަން ރަސްމީކޮށް ނުހުޅުވި ލަސްވީ ކޮވިޑާ ގުޅިގެން ސައުދީގެ އިސް ބޭފުޅުންނަށް ވަޑައިނުގެންނެވިގެން ކަމަށެވެ.