ނެޓްފްލިކްސްގެ ހިޓް ސީރީސްއެއް ކަމަށްވާ "ސްކުއިޑް ގޭމް"ގެ ދެވަނަ ސީޒަންއެއް ނެރެން ހަމަޖެހިއްޖެ އެވެ.

ދެކުނު ކޮރެއާގެ އުފެއްދުމެއް ކަމަށްވާ ސްކުއިޑް ގޭމްއިން ފެނިގެންދަނީ ދަރަނި އެޅިފައިވާ ބަޔަކު ފައިސާގެ ބޮޑު އިނާމަކަށް ފުރާނައަށް ނުރައްކާވާ ފަދަ ގޭމްތަކެއްގައި ބައިވެރިވާ ތަނެވެ.

ސްކުއިޑް ގޭމް، ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާއިރު، އެ ސީރީޒްއަށް ވަނީ އާންމުންގެ ބޮޑު ތަރުހީބެއް ލިބިފަ އެވެ. އަދި ސްކުއިޑް ގޭމް ވަނީ ނެޓްފްލިކްގައި މިހާތަނަށް އެންމެ ގިނައިން ބެލި ސީރީޒްގެ ރިކޯޑު މުގުރާލާފަ އެވެ.

އެ ސީރީޒްގެ ދެވަނަ ސީޒަންއެއް ނެރެން ނިންމާފައިވާއިރު، ފިލްމުގެ ބާނީ، ހްވަންގް ޑަންގް ހަޔުކް ވަނީ ސީރީޒްގެ ދެވަނަ ސީޒަންއެއް ނެރޭނެކަން ފޭނުންނަށް ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް، ސީރީޒް ރިލީޒްކުރާނެ ދުވަހެއް ޕްރޮޑަކްޝަނުން ހާމަކޮށްފައެއް ނުވެ އެވެ.

މި ސީރީޒްއަށް އާންމުންގެ ތަރުހީބު ލިބިފައިވާއިރު ބައެއް ގައުމުތަކުން ވަނީ ސީރީޒް ނެރުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން އުތުރު ކޮރެއާގެ އިތުރުން ހުޅަނގުގެ ބައެއް ގައުމުތަކުން ވެސް ވަނީ ސްކްއިޑް ގޭމްސްގެ ސަބަބުން ބޮޑުވަމުން އަންނަ ކުޑަކުދިންނަށް ކޮށްފާނެ އަސަރާމެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.