ޓީވީގެ ސިގްނަލް އެޗްޑީ ކޮލިޓީގައި ފެންނަ އަދި ކާރިސާތަކުގެ އެލާޓް ދުރާލާ ޓީވީތަކަށް ފޮނުވާ ޑިޖިޓަލް ޓެރަސްޓިރިއަލް ޓްރާންސްމިޝަން ބްރޯޑްކާސްޓިން ނެޓްވޯކް ގާއިމުކުރުމުގެ މަޝްރޫއު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު އިފްތިތާހު ކޮށްދެއްވައިފި އެވެ.

"ޑިޖިޓަލް ޓެރެސްޓްރިއަލް ޓެލެވިޒަން ބްރޯޑްކާސްޓިން ނެޓްވޯކް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް" އިފްތިތާހުކުރުން އޮތީ މިއަދު ހަވީރު ޕީއެސްއެމްގެ ޓީވީއެމް ބިލްޑިންގަ އެވެ.

ޑިޖިޓަލް ޓެރެސްޓްރިއަލް ޓެލެވިޒަން ބްރޯޑްކާސްޓިން ނެޓްވޯކް ޑިވެލޮޕްމަންޓް ޕްރޮޖެކްޓަކީ ޖަޕާން ސަރުކާރުގެ ހިލޭ އެހީގައި ކުރިޔަށް ގެންދާ މަޝްރޫއެކެވެ. މި އަހަރުގެ ފެބްރުއަރީ މަހު އަމަލީ މަސައްކަތް ފެށުނު މި މަޝްރޫއުގެ ދަށުން ކުރިއަށް ގެންދެވޭނީ ރާއްޖޭގައި ޑިޓިޓަލް ޓީވީ ނެޓްވޯކެއް ގާއިމްކުރުމުގެ މަސައްކަތެވެ.

މިގޮތުން، 2024 ވަނަ އަހަރުގެ ތެރޭގައި ނިންމުމަށް މަސައްކަތްކުރަމުންދާ މި މަޝްރޫއު ނިމޭ އިރު، ހައި ޑެފިނިޝަން ކޮލިޓީ (އެޗްޑީ)ގައި ލޯކަލް 8 ޗެނަލް މުޅިން ހިލޭ ރާއްޖޭގެ އާބާދީގެ 90 ޕަސެންޓް ސަރަހައްދަށް ފޯރުކޮށްދެވޭނެ އެވެ.

ޑިޖިޓަލް ޓެރެސްޓްރިއަލް ޓެލެވިޒަން ބްރޯޑްކާސްޓިން ނެޓްވޯކަކީ ވަރަށް ގިނަ، ތަފާތު ހިދުމަތްތަކެއް ފޯރުކޮށްދޭ ވިއުގައެކެވެ. މީގެ އެންމެ މުހިންމު ކަމަކީ މި ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން ގުދުރަތީ ހާދިސާއެއް ދިމާވާ ހާލަތެއްގައި ދުރާލާ އިންޒާރުދޭ ނިޒާމެއް ގާއިމްކުރެވިފައިވާ ކަމެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަލީ ޚާލިދު ވިދާޅުވީ މިހާރު ހިލޭ ލިބެނީ ޓީވީއެމްގެ ސިގްނަލް އެންމެ ޗެނަލެއް ކަމަށެވެ. ނަމަވެސް މި މަޝްރޫއު ނިމޭއިރު ހައި ޑެފިނިޝަން ކޮލިޓީގައި ލޯކަލް 8 ޗެނަލް މުޅިން ހިލޭ ރާއްޖޭގެ އާބާދީގެ 90 ޕަސެންޓް ސަރަޙައްދަށް ފޯރުކޮށްދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަދި ގުދުރަތީ ހާދިސާތަކުގެ މައުލޫމާތު ޢާންމުންނަށް ފޯރުކޮށްދޭނެ ކަމަށް ވެސް އަލީ ވިދާޅުވި އެވެ.

"އެހެން މައުލޫމާތު ވެސް ޑޭޓާގެ ޒަރިއްޔާއިން ފޯރުކޮށްދިނުމަށް މަގުފަހިވާނެ. މާނައަކީ ސުނާމީ ފަދަ ބޮޑު ކާރިސާއެއް ދިމާވާހިނދު މި ވިއުގަ ބޭނުންކޮށް ގޭގޭގައި ހުރި ޓީވީ އޮންކޮށް ވަގުތުން އެލާޓް އައިސް އަމިއްލައަށް ޓީވީތައް ހުޅުވި މި އެލާޓް ރައްޔިތުންނަށް ދޭނެ. ޓީވީތައް އޮން ނުކޮށް ހުއްޓަސް އަމިއްލައަށް އޮންވެ ރައްޔިތުންނަށް މައުލޫމާތު ދެވޭނެ،" އޭނާ ވިދާޅުވި އެވެ.

މި މަޝްރޫޢާއި ގުޅޭގޮތުން ދިވެހި ސަރުކާރާއި ޖަޕާނު ސަރުކާރާ ދެމެދު އެންމެ ފުރަތަމަ ވާހަކަ ދެކެވުނީ 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާއާ ގުޅިގެން 2007 ވަނަ އަހަރު އެވެ. އަދި މި މަޝްރޫއު ފެށުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ 2019 ވަނަ އަހަރު އެވެ.

އަލީ ވިދާޅުވީ 300 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ އަމަލީ މަސައްކަތް ނުފެށި ލަސްވީ ކޮވިޑާ ގުޅިގެން ކަމަށެވެ. އަދި ޖަޕާނު ސަރުކާރުގެ އެހީގައި ހިންގާ މި މަޝްރޫއަށް އެ ގައުމުގެ ސަރުކާރުން 22 މިލިއަން ޑޮލަރު އިންވެސްޓްކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ސިގްނަލް އާންމުންނަށް ހަމައަށް ފޯރުކޮށްދިނުމާއި އެހެނިހެން ޚަރަދުތަކަށް ދިވެހި ސަރުކާރުން 57 މިލިއަން ޚަރަދުކުރާ ކަމަށް ވެސް އަލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި މަޝްރޫއު 18 މަސްދުވަހުގެ ތެރޭގައި އެއްކޮށް ނިންމާ ޚިދުމަތް ދޭން ފެށޭނެ ކަމަށެވެ. އަދި މި މަޝްރޫއުގެ އަމަލީ މަސައްކަތް އަތޮޅުތެރޭގެ 20 ރަށެއްގައި ހިންގާނެ ކަމަށާއި، މިހާރު ވެސް ފަސް ރަށެއްގައި އަމަލީ މަސައްކަތް ކުރިއަށްދާ ކަމަށް އަލީ ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ޖަޕާނު ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.