ސަރުކާރާ އިދިކޮޅު ފަރާތްތަކުން އަންނަނީ "އިންޑިއާ އައުޓު" ގޮވަމުންނެވެ. މި ގޮވާލުމުގެ އިސް މޭސްތިރިއަކީ ކުރީގެ ރައީސް ޔާމީން އަބުދުލް ގައްޔޫމާއި އެމަނިކުފާނުގެ ޕާޓީ ޕީޕީއެމާއި ޕީއެންސީގެ މެންބަރުންނެވެ. މިއަޑު ގަދަވެގެން ދިޔުމާއެކު ސަރުކާރުން ފުރަތަމަ ބުނީ ރާއްޖޭގައި އިންޑިއާގެ ސިފައިނެއް ނެތް ކަމަށެވެ.

އޭގެ ފަހުން ބުނަމުން އައީ ހަތިޔާރު އެޅި ސިފައިން ނެތް ކަމަށެވެ. އެންމެ ފަހުން އެބަސް ބަދަލުވެފައި މިހާރު އޮތީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންނަކީ ރާއްޖޭގައި ކޮންމެހެން ތިބެން ޖެހޭ ބައެއް ކަމަށެވެ. އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމުވެ ތިބުމާއި އެ މީހުން ރާއްޖެއިން ބޭލުމާމެދު ސަރުކާރާއި ސަރުކާރާ އިދިކޮޅު ފަރާތްތަކުގެ ބަހުސް ހޫނުވެފައިވާ ދަނޑިވަޅެއްގައި ކުރީގެ ރައީސް ޔާމީން މިވަނީ ދުނިޔޭގެ އެންމެ ބޮޑު އެއް ނޫސްކަމުގައިވާ ރޮއިޓާސްއަށް އެ މައްސަލައާ ބެހޭ ގޮތުން އިންޓަވިއުއެއް ދެއްވައިފަ އެވެ.

އިންޑިއާ ދަރިކޮޅަކަށް ނިސްބަތްވާ ރޮއިޓާސްގެ ލިޔުންތެރިޔާ އަލަސްދައިރު ޕާލްއާ އާއި ދިވެއްސެއް ކަމަށްވާ މުހައްމަދު ޖުނައިދުއާ ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވެފައި ވަނީ އިންޑިއާ ސިފައިން ރާއްޖެއިން ފައިބަން ޖެހޭނެ ކަމަށެވެ. ސަބަބަކީ ބޭރުގެ ސިފައިން ރާއްޖޭގައި ތިބުމުގެ ސަބަބުން ދުނިޔޭގެ އެހެން ގައުމުތަކުން ރާއްޖޭގެ ސަރަހައްދުގައި މިލިޓަރީ ރޯލެއް ކުޅެން ބޭނުން ވެދާނެތީ ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އެމަނިކުފާނު ބޭނުންފުޅުވެ ވަޑައިގަންނަވަނީ ރާއްޖެ ހިމެނޭ ސަރަހައްދު މިލިޓަރީ ހަރަކާތްތަކުން އެއްކިބާވެ އޮތުމަށެވެ.

ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން ބޭރުކުރަން ހިންގާ ހަރަކާތާ ބެހޭ ގޮތުން ރައީސް ޔާމީން ރޮއިޓާސްއަށް އިންޓަވިއުއެއް ދެއްވަނީ. ފޮޓޯ: ރޮއިޓާސް

ރައީސް ޔާމީނާ ރޮއިޓާސްއިން ކުރި އިންޓަވިއު ބޮޑަށް ސިފަ ވަނީ ''އިންޑިއާ އައުޓް''ގެ ކެމްޕެއިނާ ދެކޮޅަށް ހުއްޖަތެއް ދެއްކުމަށް ލިޔެވުނު ލިޔުމެއް ހެންނެވެ. އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭ ތިބުމާ ބެހޭގޮތުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާ ހަވާލާދީ ލިޔުންތެރިޔާ ލިޔެފައި ވަނީ ރާއްޖޭގައި "އިންޑިއާގެ އިތުރު ސިފައިންނެއް ނެތް'' ކަމަށެވެ.

މިނިސްޓަރު މާރިޔާ ވިދާޅުވީ ރާއްޖޭގައި ތިބީ ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ގެއްލޭ މީހުންނާއި އުޅަންދުތައް ހޯދައި ސަލާމަތްކުރުމުގެ (ސާޗް އެންޑް ރެސްކިޔު) ބޭނުމުގައި ދުއްވާ ތިން އުޅަނދެއް ދުއްވުމަށް ތިބޭ ބަޔަކާއި ރާއްޖޭގެ މިލިޓަރީ ހޮސްޕިޓަލުގައި ތިބޭ މެޑިކަލް އޮފިސަރުންތަކެއް ކަމަށެވެ. އެހެންކަމުން މާރިޔާގެ ބަސްފުޅުގެ ޚުލާސާއަކީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބި ކަމަށް ދައްކާ ވާހަކައަކީ ދޮގެއް ކަމެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި އިންޑިއާ ސިފައިން ރާއްޖެއިން ފައިބަން ޖެހެނީ ރާއްޖޭގެ ސަލާމަތާއި ރައްކަލަކަށެވެ. ސަބަބެއް ކަމަށް އެމަނިކުފާނު ވިދާޅުވަނީ އިންޑިއާ ސިފައިން ރާއްޖޭގައި ފައިހަރުކޮށްލުމުން ދުނިޔޭގެ ބާރުގަދަ އެހެން ގައުމުތަކުގެ ކަޅި ރާއްޖެއަށް އަމާޒު ވުމެވެ.

އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފައިބަން ޖެހެ އެވެ.

އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާއި ނުތިބުމާމެދު ކުރެވޭ ބަހުސްގެ ނިމުން އޮތީ ކުރިޔަށް އޮތް އިންތިޚާބު ކާމިޔާބު ކުރާނެ ބަޔަކާ ގުޅިފަ އެވެ.

ރައީސް ޔާމީނަށް ވެރިކަން ލިބި ވަޑައިގެންފިނަމަ އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭ ތިބުން ނިމުމަކަށް އަންނާނެ އެވެ. އެމްޑީޕީއަށް ވެރިކަން ލިބިއްޖެނަމަ އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމުވެ ތިބުމުގެ ފުރުސަތު އިތުރުކޮށްދޭނެ އެވެ. އެހެންކަމުން ރޮއިޓާސްގެ ލިޔުންތެރިޔާ ވަނީ އޭނާގެ އިންޓަވިއުގައި މި ޕޮއިންޓަށް ވެސް އަލި އަޅުވައިލައިފަ އެވެ.

ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންނާ ދެކޮޅަށް ހިންގާ ހަރަކާތުގައި ރައީސް ޔާމީން ރަށެއްގައި ވާހަކަދައްކަވަނީ.

ކުރިއަށް އޮތް އިންތިޚާބުގައި ވާދަކުރައްވާނަންތޯ ކުރި ސުވާލަށް ރައީސް ޔާމީން ދެއްވީ އާންމުކޮށް ވެސް އެ މަނިކުފާނު އެ ސުވާލުގެ ޖަވާބުގައި ދެއްވާ ޖަވާބެވެ. އެއީ އަދި އެކަމަށް ވަކި ގޮތެއް ނުނިންމަވާ ކަމަށެވެ. އެ ވާހަކަފުޅަށް އިޝާރާތްކޮށް ލިޔުންތެރިޔާ ވަނީ އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމުވެ ތިބުމަށް އޭނާ ހިތުގެ އަޑިން އެދޭ އެދުމަށް ކުރާ އުންމީދު ވެސް ފާޅު ކޮށްފަ އެވެ.

''ސަރުކާރުގެ ޕްރޮސެކިއުޓަރުން އުންމީދު ކުރަނީ ބަހާރު މޫސުމުގެ ކުރިން ޔާމީނަށް ހުކުމެއް ކޮށްލެވޭނެ ކަމުގަ އެވެ،" ރައީސް ޔާމީނަށް ކުރިއަށް އޮތް އިންތިޚާބުގައި ވާދަނުކުރެވޭ ގޮތް ހެދުމަށް އިންޑިއާ އިން ރާވާ ރޭވުމާއި ދިވެހި ސަރުކާރުން ކުރާ މަސައްކަތް ދޭހަވާނެހެން ލިޔުންތެރިޔާ އޭނާގެ ޝުއޫރު ފާޅުކުރި އެވެ.

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި ގާޑް އޮފް އޮނާއެއް އިންސްޕެކްޓްކޮށްދެއްވަނީ

ރިޔާސީ އިންތިޚާބު ކުޑަތަންވެފައި އޮތްއިރު އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާއި ނުތިބުމުމުގެ މައްސަލަ އޮތީ ކެމްޕޭނުގެ ހޫނު ބަހުސަކަށްވެފަ އެވެ. އެއްބަޔަކަށް ރާއްޖޭގައި އެކި ގޮތްގޮތަށް އިންޑިއާ ސިފައިން ފައިހަރުކުރަމުން ގެންދާ މަންޒަރު ފެންނައިރު އަނެއް ބަޔަކަށް އެ ތަނެއް ނުފެނެ އެވެ.

މިނިސްޓަރު މާރިޔާ އާއި ޔާމީނަށް އިންޑިއާ ސިފައިން ފެނިވަޑައިގަންނަވާ ގޮތް ދިވެހި ރައްޔިތުން ތަރުޖަމާކުރުމުގެ ވަގުތު އަންނަނީ ކުޑަތަން ވަމުންނެވެ. މައްސަލައިގެ ހުކުމް ކުރަން ރައްޔިތުންގެ އަތްމައްޗަށް އެރުން އޮތީ ދާދި ކައިރީގަ އެވެ.