ރައީސް ޔާމީންގެ ވެރިކަމުގައި ސައޫދީ ސަރުކާރުގެ އެހީގައި ބިނާކުރެއްވި ކިންގް ސަލްމާން މިސްކިތުގައި މާދަމާ ހުކުރު ނަމާދު އިމާމުވެ ކުރައްވާނީ ޝައިޚް އިލްޔާސް ހުސެއިން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

ކިންގް ސަލްމާން މިސްކިތް ރަސްމީކޮށް ނުހުޅުވާ ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނަމާދު ކުރެވޭ ގޮތަށް ހުޅުވާލަން ސަރުކާރުންވަނީ ނިންމާފަ އެވެ. އެގޮތުން މާދަމާގެ ހުކުރު ނަމާދު ސަލްމާން މިސްކިތުގައި ކުރާގޮތަށް އިސްލާމިކް މިނިސްޓްރީން ވަނީ ހަމަޖައްސާފަ އެވެ. އަދި މާދަމާއިން ފެށިގެން ހުރިހާ ގަޑިއެއްގައި ވެސް ޖަމާއަތުގައި ނަމާދު ކުރާނެ ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެފައިވެ އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ބިނާކުރެއްވި ކިންގް ސަލްމާން މިސްކިތް

ސަލްމާން މިސްކިތުގައި މާދަމާއިން ފެށިގެން ފެށިގެން ނަމާދުކުރުމަށް ހުޅުވާލި ކަމުގައި ވިޔަސް މުޅި މިސްކިތް ހުޅުވައެއް ނުލަ އެވެ. ޖަމާއަތުގެ ނަމާދަށް މިސްކިތުގެ ދެ ބައެއް ހުޅުވާލަން ނިންމާފައިވާ ކަމަށާއި އެއީ މިސްކިތުގެ ފުރަތަމަ ފަންގިފިލާ އާއި ދެވަނަ ފަންގިފިލާ އެވެ. އަދި ރޯދަމަހު ސަލްމާން މިސްކިތުގައި ތަރާވީސް ނަމާދު ކުރާނީ ރާއްޖެއިން ބޭރުގެ ހާފިޒެކެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ބިނާކުރެއްވި ކިންގް ސަލްމާން މިސްކިތް

ސަލްމާން މިސްކިތަކީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ސައުދީ ސަރުކާރުގެ އެހީގައި ބިނާ ކޮށްފައިވާ މިސްކިތެކެވެ. ގާތްގަނޑަކަށް 24 މިލިއަން ޑޮލަރު ހަރަދު ކޮށްގެން ބިނާ ކޮށްފައިވާ ފަސްބުރީގެ ސަލްމާން މިސްކިތުގައި އެއް ފަހަރާ 10،000 އެއްހާ މީހުންނަށް ނަމާދު ކުރެވޭނެ އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ބިނާކުރެއްވި ކިންގް ސަލްމާން މިސްކިތް

އެ މިސްކިތުގެ ފުރަތަަމަ ދެ ފަންގިފިލާ ނަމާދު ކުރަން ހާއްސަކޮށްފައިވާ އިރު ތިނެއް އަދި ހަތަރު ވަނަ ފަންގިފިލާ ބޭނުން ކުރާނީ އޮޑިޓޯރިއަމްއެއްގެ ގޮތުގަ އެވެ. އަދި ފަސްވަނަ ފަންގިފިލާގައި މަލްޓި ޕާޕަސް ބޮޑު ހޯލެއް ހިމެނޭ އިރު އެކި އެކި އިވެންޓްތައް އެތަނުގައި ބޭއްވެ އެވެ.

މާލޭގައި ބިނާކުރި އެންމެ ޒަމާނީ ފެންވަރުގެ މިސްކިތުގެ މަސައްކަތް ނިމުނު ފަހުންވެސް އެތަން ނުހުޅުވި ހަތަރު އަހަރާ ގާތްވަމުން ދާތީ ގިނަ ބައެއްގެ ފާޑުކިޔުން މި ސަރުކާރަށްވަނީ އަމާޒުވެފަ އެވެ.