ސަލްމާން މިސްކިތުގައި ރޭ ކަނު އަނދިރީގައި ފަތިސް ނަމާދުކޮށްފި އެވެ.

ސަލްމާން މިސްކިތަށް ފަތިސް ނަމާދަށް ދިޔަ މީހުން ބުނި ގޮތުގައި ރޭ ފަތިސް ނަމާދު ޖަމާއަތުގައި ކުރަންވެގެން އެ މިސްކިތަށް ދިޔައިރު އެތަނުގައި އެއްވެސް އަލިކަމެއް ނެތެވެ. އެހެންކަމުން ނަމާދު ކުރަން ޖެހުނީ ކަނު އަނދިރީގަ އެވެ.

މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ބުނީ ސަލްމާން މިސްކިތްގައި ރޭގެ ފަތިސް ނަމާދު ކުރިއިރު ކަރަންޓް ނެތީ ލައިޓްތަކުގެ ކޮންޓްރޯލް ރޫމް ހުޅުވަން މުވައްޒަފަށް ނުދެވުމުން ކަމަށެވެ.

ސަލްމާން މިސްކިތުގެ ލައިޓް ސިސްޓަމް އޮޕަރޭޓް ކުރަނީ ކޮންޕިއުޓަރައިޒްކޮށް ކަމަށް ވުމުން ކޮންމެ ވަގުތަކަށް މުވައްޒަފުން ލައިޓް ސިސްޓަމް އޮން ކުރަން ޖެހޭ ކަމަށެވެ.

ރޭ ގެ ފަތިސް ނަމާދު ވަގުތު ލައިޓްތައް ނުދިއްލި ހުރީ ކޮންޓްރޯލް ރޫމާއި ހަވާލުވެ ހުރި މުވައްޒަފަށް ނުދެވިގެން ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

އެތަނުގެ ލައިޓިންގް ސިސްޓަމަކީ ޝެޑިއުލް ވެސް ކުރެވޭ ގޮތަށް ހުރި ސިސްޓަމެއް ކަމުން ކުރިއަށް އޮތްތަނުގައި އެފަދަ އެއްވެސް މައްސަލައެއް ދިމާ ނުވާނެ ގޮތަށް ކަންކަން އިންތިޒާމު ކުރާނެ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ސަލްމާން މިސްކިތް އިއްޔެ ޖަމާއަތުގައި ނަމާދު ކުރުމަށް ހުޅުވާލީ އެ މިސްކިތް ނިމިފައި ހުންނަތާ އަހަރު ތަކެއް ފަހުންނެވެ.

ބައެއް ފަރާތްތަކުން ބުނަނީ އެތަން ރަސްމީކޮށް ނުހުޅުވަނީ މިއީ ކުރީ ސަރުކާރުން ބިނާކުރި ތަނަކަށްވާތީ ކަމުގަ އެވެ.