ރާއްޖޭގައި ބޭރު ފައިސާ ގަނެވިއްކާ ރޭޓޫ ހިފެހެއްޓުމެއް ނެތި ދޫކޮށްލުމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައިފި އެވެ.

ރައީސް ނަޝީދު މިހެން ގޮވާލާފައިވަނީ ކަޅުބާޒާރުގައި ޑޮލަރުގެ އަގު ބޮޑުތަނުން ވެއްޓިއްޖެ ކަމަށް ލިޔެފައިވާ ލިޔުމެއް ހިމަނުއްވާ ކުރެއްވި ޓުވީޓެއްގައި އެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަށް ފެނިވަޑައިގަންނަވާގޮތުގައި މިއީ ރާއްޖޭގެ ބޭރުފައިސާ ގަނެވިއްކާ ރޭޓު "ފްރީ ފްލޯޓް" ނުވަތަ ހިފެހެއްޓުމެއް ނެތި ދޫކޮށްލަންވީ ވަގުތުކަމަށެވެ. ނަޝީދު ވިދާޅުވީ، ޑޮލަރުގެ ކަޅު ބާޒާރު މުޅިން ނައްތާލެވިދާނެކަމަށެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވިއރު ރާއްޖޭގައި އޮންނަނީ ފިކްސްޑް އެކްޗްސްޗޭންޖް ރޭޓް ނިޒާމެކެވެ. މިސަބަބާއެކު ފައިސާގެ އަގު ރަސްމީކޮށް ހުންނަނީ ހިފެހެއްޓިފަ އެވެ. އެހެން ނަމަވެސް ޑޮލަރު ލިބުން ދަތިވުމުން ޑޮލަރު ގަންނަށް ލިބޭ އަގު ބޮޑުވެ ޑޮލަރަކަށް ހޭދަކުރަން ޖެހޭ ފައިސާގެ މިންވަރު ކަޅުބާޒާރުގައި އިތުރުވެ އެވެ.

ރާއްޖޭގައި ޑޮލަރުގެ ކަޅު ބާޒާރުގައި ޑޮލަރުގެ ރޭޓު ރޯދައި ކުރިން ހުރީ 17.50 ރުފިޔާ އާއި 17.70 ރުފިޔާ ނޫނީ 17.80 ރުފިޔާ އާއި ދެމެދުގެ ރޭޓެއްގަ އެވެ. ނަމަވެސް މިހާރު ވަނީ ވަރަށް ބޮޑަށް ރޭޓު ދަށްވެފަ އެވެ. މިގޮތުން 17 ރުފިޔާ އިން ދަށަށް ވެއްޓި މިހާރު ހުރީ 16.80 ރުފިޔާ ގަ އެވެ.

ކަޅު ބާޒާރުގައި ޑޮލަރުގެ އަގު މިހާބޮޑަށް ތިރިވެފައިމިވަނީ ބާޒާރުގައި ޑޮލަރު އިތުރުވުމުގެ ސަބަބުންނެވެ. ޑޮލަރު އިތުރުވީ މިނިމަމް ވޭޖާ ގުޅިގެން ރިސޯޓު މުވައްޒަފުންނަށް ލިބޭ މުސާރަތައް ރަނގަޅުވެ އެ މީހުންނަށް ލިބޭ ޑޮލަރުގެ އަދަދު އިތުރުވުމުން ކަމަށް ޑޮލަރުގެ ވިޔަފާރިކުރާ މީހަކު ބުންޏެވެ.

މީގެ އިތުރުން ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވުމުގެ ސަބަބުން ސަރުކާރަށް ބޭނުންވާ ވަރަށް ޑޮލަރު ލިބެމުންދާތީ ވިޔަފާރިވެރިން ޑޮލަރު ހޯދަމުންދަނީ ބޭންކުތަކުން ކަމަށް ވެސް އޭނާ ބުންޏެވެ.