ރ. އިންނަމާދޫގައި ނަރުދަމާގެ މަސައްކަތް ކުރާތާ ހަތަރު އަހަރުވީ އިރު ވެސް އެ މަސައްކަތް ނުނިމި ދިގުލާފައިވާތީ އެ މަޝްރޫއުގެ ކޮންޓްރެކްޓަރު އެސްޖޭ ކޮންސްޓްރަކްޝަން ބްލެކް ލިސްޓްކޮށްފާނެ ކަމުގެ އިޝާރާތެއް ޕްލޭނިން މިނިސްޓަރު ދެއްވައިފި އެވެ.

އިންނަމާދޫގައި ނަރުދަމާގެ މަޝްރޫއު ނުނިމި ލަސްވާ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގައި މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ ކޮންޓްރެކްޓަރުންގެ އިހުމާލުން މަޝްރޫއުތައް ލަސްވާ ނަމަ އެ ފަރާތެއް ބްލެކް ލިސްޓުކުރަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

އަސްލަމް ވިދާޅުވީ، އިނގުރައިދޫގެ ނަރުދަމާގެ މަޝްރޫއު ލަސްވާ މައްސަލަައިގައި އެތައް ފަަހަރަކު ވާހަކަ ދައްކައިގެން ވެސް އެކަން ހައްލުވެފައި ނުވާ ކަމަށެވެ. އެފަދަ ކުންފުނިތައް ބްލެކްލިސްޓު ކުރެވޭނީ ޓެންޑާ މަރުހަލާގައިކަން ފާހަގަކުރައްވައި މިނިސްޓަރު އަސްލަމް ވިދާޅުވީ، ރަނގަޅަށް ޕާފޯމް ނުކޮށް އޮތް ބަޔަކަށް މަސައްކަތް ހަވާލުކުރުމާއި ނުކުރުމުގެ އިޚުތިޔާރު އޮންނަނީ ޓެންޑާ މަރުހަލާގައި ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.

އެހެންކަމުން އެފަދަ ކުންފުނިތައް ބްލެކްލިސްޓް ކުރާނެ ނިޒާމެއް ފިނޭންސް މިނިސްޓްރީން މިހާރު އެކުލަވާލާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ޕާފޯމް ނުކޮށް އޮތް ބަޔަކަށް މަސައްކަތް ހަވާލުކުރުމާއި ނުކުރުމުގެ އިޚުތިޔާރު އޮންނަނީ ޓެންޑާގައި. އެހެންވީމާ މިނިސްޓްރީ އޮފް ފައިނޭންސުން އެކަން ކުރައްވާފައިވާކަމަށް އެބަ ވިދާޅުވޭ އަޅުގަނޑު ގާތުގައި،" މިނިސްޓަރު ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ އެފަދަ ކޮންޓްރެކްޓަރުން ބްލެކް ލިސްޓު ކުރުމުގެ ނިޒާމެއް ފިނޭންސް މިނިސްޓްރީން މިހާރު ހަދާފައިވާ ކަމަށާއި އެ ނިޒާމުގެ ތެރެއިން ބްލެކް ލިސްޓު ކުރުމުގެ މަސައްކަތް ކުރިޔަށް ދާނެ ކަމަށެވެ.

މި މައްސަލައިގައި މިނިސްޓަރާ ސުވާލު ކުރެއްވީ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދެވެ. އޭނާ ސުވާލު ކުރެއްވީ ވެސް، މަސައްކަތް ނުނިންމާ ކުންފުނިތައް ބްލެކް ލިސްޓް ނުކުރާ މައްސަލައިގަ އެވެ.

މަޖިލީހުގައި މީގެ ކުރިން ވެސް ބައެއް މެމްބަރުން ވަނީ އެސްޖޭ ކޮންސްޓްރަކްޝަނަކީ ދައުލަތަށް ބަލަދު އަރާ ކުންފުންޏެއްތޯ ސުވާލުކޮށް، އެ ކުންފުނިން މަޝްރޫއުތައް ކުރިޔަށް ނުގެންދާތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެސްޖޭ އަކީ ސަރުކާރުގެ ވަރަށް ގިނަ މަޝްރޫއުތަކެއް މިހާރު ވެސް ހިންގަމުން އަންނަ ކުންފުންޏެކެވެ. އޭގެ ތެރޭގައި ދަރުމަވަންތަ ސްކޫލް އާ އިމާރާތް އެޅުމާއި ތ. ތިމަރަފުށީގައި 100 ހައުސިން ޔުނިޓް އިމާރާތް ކުރުމާއި ސ. މަރަދޫ ސްކޫލްގައި 12 ކްލާސް ރޫމް އެޅުމާއި، މަނިޔަފުށި މެރިކަލްޗާ ރިސާޗް ފެސިލިޓީ އިމާރާތް ކުރުން ހިމެނެ އެވެ. މީގެ އިތުރުން މަޑަވެލީގެ ނަރުދަމާ އާއި ހުޅުމާލޭގައި މިސްކިތެއް އެޅުން ވެސް ހިމެނެ އެވެ.