ރޯދަ މަސް ނިމެންދެން ހިޔާ ފްލެޓްތަކުން ކުލި ނުނެގުމަށް އެދި ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި އެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ހިޔާ ފްލެޓްތަކުން ކުލި ރޯދަ މަސް ނިމޭފަހުން ދައްކަން މަޖިލީހަށް ހުށަހަޅާފައިވަނީ ފްލެޓްތަކުން ކުލި ދައްކަން ފަށަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގާފައިވަނިކޮށެވެ.
އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރެވެ. އެގޮތުން ޝަރީފް ހުށަހެޅުއްވި މައްސަލައިގައި ސަރުކާރުން ފްލެޓްތައް ދޫކުރިއިރު ފިނިޝިން ނުނިންމަ ހުރުމުގެ ސަބަބުން ގިނަ ބަޔަކު ދަރަނި ނަގައި އެ ދައްކަމުންގެންދާކަން ވަނީ ފާހަގަކުރައްވާފަ އެވެ.
ހަމައެހެންމެ އެފަދަ ފަރާތްތަކަށް މާލީ އެހީތެރިކަމެއް ސަރުކާރުން ފޯރުކޮށްދީފައެއް ނެތްކަން ފާހަގަކުރައްވައި އޭނާ ވަނީ މިފަދަ ދަތި ދަނޑިވަޅެއްގައި ފްލެޓްތައް ލިބުނު ފަރާތްތަކުން ކުލި ނުނެގުމަށް އެދިފަ އެވެ. އަދި ރޯދަމަހު ކުލި ނަގަން ފެށުމުގެ ބަދަލުގައި ތިން މަސް ދުވަސް ފަހުން ކުލި ނަގަން ފެށުމަށް އާދަމް ޝަރީފް ވަނީ މަޖިލީހުގައި އެދިފަ އެވެ.
ހިޔާ ފްލެޓްތަކުން ކުލި ދައްކަންޖެހޭ ތާރީހު ފަސްކޮށްދިނުމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވެސް ގޮވާލާފައިވެ އެވެ.
މުއިއްޒު ވިދާޅުވީ ރައްޔިތުންގެ އަތްމަތި އެންމެ ބޮޑަށް ދަތިވެ އެންމެ ބޮޑަށް ހަރަދު ބޮޑުވާ ރޯދަމަހު ހިޔާ ފްލެޓްގެ ކުލި ނަގަން ފެށުމަކީ އެތައްހާސް އާއިލާއަކަށް ނުހަނު ބޮޑު ތަކުލީފެއް ކުރިމަތިވެގެން ދާނެ ކަމެއް ކަމަށެވެ.
"މި ނިންމުން ބަދަލުކޮށް ކުލި ދައްކަން ފަށަން ޖެހޭ ތާރީހު ފަސްކޮށްދެއްވުމަށް ގޮވާލަން،" މުއިއްޒު ވިދާޅުވި އެވެ.
ގިނަ އަދަދެއްގެ ބަޔަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުރީގެ ސަރުކާރުން ހިންގާފައިވާ މި މަޝްރޫއުގެ ދަށުން އަޅާފައިވާ ހިޔާ ފްލެޓުތަކުން ކުލި ނެގުމަށް އެޗްޑީސީން އެންގީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.