އައްޑޫގައި ހުންނަ ރައީސް މުހައްމަދު ނަޝީދުގެ އޮފީސް ނުހުޅުވާ ހުންނަތާ އެތައް ދުވަހެއް ފަހުން އެ އޮފީހުގެ ހިރަފުސްފޮޅާ ހުޅުވައިފި އެވެ.
ރައީސް ނަޝީދުގެ އޮފީހަކީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ވުމާ ގުޅިގެން ނޮވެމްބަރު މަހު ރައީސް ނަޝީދު ރާއްޖެއަށް ވަޑައިގެން އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި ހުޅުވި އޮފީހެކެވެ. އޭރު އޮފީސް ހުޅުވުމަށްފަހު އެމްދީޕީގެ ގިނަބަޔަކު އުއްމީދު ކޮށްގެން ތިބީ އެ އޮފީހުން އައްޑޫ ސިޓީގެ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ތަރައްގީގެ ކަންކަމުގައި ވަރަށް ބޮޑު ދައުރެއް އަދާކުރާނެ ކަމުގަ އެވެ.
"އަޅުގަނޑުމެން އުއްމީދުކުރިން ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް. އެކަމަކު އޮފީސް ހުޅުވުމަށްފަހު ބަންދު ކުރި ގޮތަށް އެތަން އެހެރީ އެހެން. ކީއްކުރަން ހުޅުވި ތަނެއް ކަމެއް ނޭނގުނު. އޭގެ ފަހުން މެދު ދާއިރާގެ މެމްބަރު އަހްމަދު ރަޝީދު ރައްޔިތުންނާ ބައްދަލުކުރަން އެތަން ހުޅުވި. އަނެއްކާ ބަންދު ކުރިގޮތަށް އެހެރީ،" އައްޑޫ ސިޓީ ހިތަދޫ މެދު ދާއިރާގެ މީހަކު ބުންޏެވެ.
އޭނާ ބުނީ އިއްޔެގެ ވަގުތެއްގައި ބަޔަކު އެތަނަށްވަދެ އެތަން ސާފުކޮށް ހިރަފުސް ފޮޅާ ހުޅުވާފައިވާ ކަމަށެވެ.
"ބެލެވޭ ގޮތުގައި އިންތިގެ ކެޕްމެއިންގެ މަސައްކަތެއް ކުރުމަށް ރައީސް ނަޝީދުގެ ފެކްޝަންގެ ބަޔަކު ހުޅުވީ،" އޭނާ ބުންޏެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ރައީސް ނަޝީދާއި ރައީސް ސޯލިހުގެ ފެކްޝަނުގެ ވާދަވެރިކަންވަނީ ވަރަށް ބޮޑުވެފަ އެވެ.