އިސްލާމް އާބާދު (10 އޭޕްރީލް) ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާންގެ އިތުބާރު ނެތް ކަމަށް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި ނެގި ވޯޓުން ނާކާމިޔާބުވެ އޭނާއަށް މަގާމު ގެއްލިއްޖެ އެވެ.

މިއަދު ނެގި ވޯޓުގައި އިމްރާން ޚާންއަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނީ މީގެ ކުރިން މި ވޯޓު ނަގަން މަޖިލީހުގައި ތާވަލު ކުރުމާއެކު ވޯޓު ހުއްޓުވުމުގެ ބޭނުމުގައި މަޖިލީސް އުވާލާފައި ވަނިކޮށެވެ.

އެހެން ނަމަވެސް ސުޕްރީމް ކޯޓުގެ އަމުރާއެކު މަޖިލީސް އަލުން ރުޖޫއަކޮށް ބޭއްވި މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ވަނީ މިވޯޓު ނަގާފަ އެވެ.

ޖުމްލަ 340 ގޮނޑި ހިމެނޭ މަޖިލީހުގައި ވޯޓަށް އަޣުލަބިއްޔަތު ލިބެން 172 ވޯޓު ބޭނުންވި އިރު އިމްރާންއާ ދެކޮޅަށް 174 މެމްބަރަކު ވަނީ ވޯޓު ދީފަ އެވެ.

މަގާމު ގެއްލިދާނެ ކަމަށް ގަބޫލު ކުރެވުމާއެކު އިމްރާން ވަނީ މިކަމުގައި ބޭރުގެ ނުފޫޒު އޮތް ކަމަށް ބުނެ އޭނާގެ ސަޕޯޓަރުންނަށް މަގުމައްޗަށް ނުކުމެ އިހުތިޖާޖު ކުރަން ގޮވާލާފަ އެވެ.

މިއާއެކު އިމްރާން ވެފައިވަނީ އިތުބާރު ނެތް ކަމުގެ ވޯޓަކުން މަގާމުން ދުރު ކުރެވުނު ޕާކިސްތާނުގެ ފުރަތަމަ ބޮޑު ވަޒީރަށެވެ.

މިހާތަނަށް ޕާކިސްތާނުގެ އެއްވެސް ބޮޑު ވަޒީރަކު މަގާމުގެ ފަސް އަހަރު ފުރިހަމަ ކޮށްފައެއް ނުވެ އެވެ. އަލް އަރަބިއްޔާ