އައްޑޫއަށް ވާރޭ ނުވެހޭތީ އެ އަތޮޅުގައި އިސްތިސްގާ ނަމާދު ކުރަން ވިސްނާ ކަމަށް އެރަށު ކައުންސިލް ހާމަކޮށްފި އެވެ.

އައްޑޫ އަށް ވާރޭ ނުވެހި ގިނަ ދުވަސް ވުމުގެ ސަބަބުން ފެން ލިބުން ދަތިވެ، އެ އަތޮޅު ވަނީ ފެނަށް ޖެހިފަ އެވެ. އަދި އެކަމާ ގުޅިގެން އިސްތިސްގާ ނަމާދު ކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ ނިންމައިފަ އެވެ.

"އަޅުގަނޑުމެން އިއްޔެ މަޝްވަރާކޮށް ނިންމާފައި ވަނީ ކައުންސިލުން. އިމާމުންނާ ވާހަކަދައްކާފަ ދެން ސީދާ ދުވަހެއް ނިންމާނީ،" އައްޑޫ ސިޓީ ކައުންސިލްގެ އޮފިޝަލަކު ވިދާޅުވި އެވެ.

ފެން ލިބުން ދަތިވުމުގެ ސަބަބުން އައްޑޫގެ ރައްޔިތުން ވެސް ދަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

"އައްޑޫ ސިޓީއަކީ ވޯޓާ ސަޕްލައި ފެން ވެސް ލިބޭ ސިޓީއެއް ނޫން. ނަމެއްގައި އޮންނަ ސިޓީއެއް މީ. މި ރޯދަމަހު ފިހާރައިން ގެއަކަށް ދުވާލަކު ފެންފުޅިއެއް ލިމިޓްކޮށްގެން ވިއްކީމާ ދެން އަހަރެމެން ތިބެން ޖެހޭނީ ފެން ނުބޮއިތޯ؟" ކަންބޮޑުވުން ހިއްސާ ކުރަމުން އައްޑޫގެ މީހަކު ބުންޏެވެ.

ވާރޭ ނުވެހުމުގެ ސަބަބުން ދަތިވެ ދާދި ފަހުން ޅ. ނައިފަރުގައި ވެސް ވަނީ އިސްތިސްގާ ނަމާދުކޮށްފަ އެވެ. އެ ރަށުގައި އިސްތިސްގާ ނަމާދުކުރީ މި މަހުގެ އެއްވަނަ ދުވަހުގަ އެވެ.

ހަމައެހެންމެ ކޮންމެ އަހަރެއްގެ އޭޕްރިލް މަހަކީ ރާއްޖެއަށް އެންމެ ހޫނުގަދަވާ މަސް ކަމަށް ރާއްޖޭގެ މޫސުމާ ބެހޭ އިދާރާއިން ވެސް ބުނެފައިވެ އެވެ. އަދި ވާރޭ ނުވެހި ފެން ލިބުން ދަތިވުމުން އަތޮޅުތެރޭގައި އަބަދުވެސް އިސްތިސްގާ ނަމާދު ކުރެ އެވެ.