މޮސްކޯ (17 އޭޕްރީލް) - އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަންއާއި އެ ގައުމުގެ އިތުރު އިސްވެރިންތަކެއް ރަޝިއާއަށް ވަނުން އެ ގައުމުން މަނާކޮށްފި އެވެ.

ރަޝިއާގެ މި ފިޔަވަޅަކީ ޔޫކްރެއިން މައްސަލާގައި އިނގިރޭސިވިލާތުން ރަޝިއާއަށް އިތުރު ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅުމާއެކު އެކަމުގެ ރައްދުގައި އެޅި ފިޔަވަޅެކެވެ.

ރަޝިއާގެ ފޮރިން މިނިސްޓްރީއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިނގިރޭސި ލީޑަރުންނާ ދެކޮޅަށް އެ ގައުމުން އެޅި ފިޔަވަޅަކީ ބައިނަލްއަގްވާމީ މުޖުތަމައުން ރަޝިއާ އެކަހެރި ކޮށްލުމަށް އިނގިރޭސި ވިލާތުން ކުރިއަށް ގެންދާ ސިޔާސީ ކެމްޕެއިންއަށް ރައްދު ދޭން އެޅި ފިޔަވަޅެއް ކަމަށެވެ.

ރަޝިއާއިން ވަނީ އެގައުމުގެ އިސްވެރިންނާ ދެކޮޅަށް އިނގިރޭސި ވިލާތުން އަޅާފައިވާ ފިޔަވަޅުތަކަކީ ހާލަތާ ނުބައްދަލު ފިޔަވަޅުތަކެއް ކަމަށް ތުހުމަތު ކޮށްފަ އެވެ.

"އިނގިރޭސި ވިލާތުން ދަނީ ޔޫކްރެއިން މައްސަލައިގެ މަޝްރަހު އިތުރަށް ގޯސްކޮށް ނޭޓޯގެ ޕްރޮޕެގެންޑާ ފަތުރަން މަސައްކަތް ކުރަމުން،" ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

ބޮޑުވަޒީރު ޖޯންސަންގެ އިތުރުން ރަޝިއާއަށް އެތެރެވުން މަނާކުރި ބޭފުޅުންގެ ތެރޭގައި ބޮޑު ވަޒީރުގެ ނާއިބު ޑޮމިނިކް ރާބް އާއި ފޮރިން ސެކެޓްރަރީ ލިޒް ޓްރުސްއާއި ޑިފެންސް ސެކެޓްރަރީ ބެން ވެލަސްގެ އިތުރުން ކުރީގެ ބޮޑުވަޒީރު ތެރީސާ މޭ ހިމެނެ އެވެ.

އިނގިރޭސި ވިލާތުން ވަނީ ޔޫކްރެއިން މައްސަލާގައި ރަޝިއާއާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅުމުގައި ވަރަށް ހަރަކާތްތެރި ދައުރެއް އަދާ ކޮށްފަ އެވެ. -- އަލް އަރަބިއްޔާ