އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ 34.7 ބިލިއަން ރުފިޔާގެ ބަޖެޓަކީ ބުއްދި ސަލާމަތުން ތިބެގެން ފާސްކުރަން ހެޔޮވާވަރުގެ ބަޖެޓެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ.

މިއަދު މަޖިލީހުގައި ފެށުނު ބަޖެޓު ބަހުސްގައި ވާހަކަދައްކަވަމުން ސަލީމް ވިދާޅުވީ މިއީ ރާއްޖޭގެ ތާރީޚުގައި ވެސް އަދި ދުނިޔޭގެ ތާރީޚުގައި ވެސް ފާސްކުރާ މިފަދަ ފުރަތަމަ ބަޖެޓް ކަމަށް ވިދާޅުވެ، ބަޖެޓްގައިވާ ކަންކަމަށް ވަރަށްބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

ސަލީމް ވިދާޅުވީ ބަޖެޓާ ބެހޭގޮތުން ވަރަށް މޮޅު ވާހަކަ ދެއްކިދާނެ ކަމަށާއި، އެހެންނަމަވެސް މިބަޖެޓަށް އާމްދަނީ ހޯދުމަށް ކަނޑައަޅާފައިވާ ކަންކަމަކީ ވެސް ދަރަނި ކަމަށެވެ.

"ރައްޔިތުންނަށް އެނގެން އެބަޖެހޭ ބޮންޑާ ސުކޫކާ ޓީބިލާ މިކަހަލަ ކޮންމެ ނަމެއްކިޔަސް މިއީ ދަރަނިކަން،" އޭނާ ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ ގަދަފައި ވިއްދާފައި މިއަހަރު ބޮޑެތި މަޝްރޫޢުތައް ހިންގަން ދަރަނި ނަގައިގެން މިކަން ކުރުމަކީ ޑޮލަރުގެ އަގު އިންތިހާއަށް ބޮޑުވެ، ތަކެތީގެ އަގު އިންތިހާއަށް އުފުލި ރައްޔިތުން ނިކަމެތިވުން ކަމަށެވެ. އަދި ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކޮށްފައިވުމުން ލޯނު ލިބޭނީ ވެސް ކުރިއަށްވުރެ ބޮޑު އިންޓްރެސްޓް ރޭޓްގައި ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

"ރައްޔިތުންނަށް މިބަޖެޓުން ލިބޭނެ ފައިދާއަކީ ކޮބައިތޯ؟ ރައްޔިތުންގެ މުސާރަ ބޮޑުވޭތޯ؟ ފައިސާ މެނޭޖްކުރަން ނޭނގުމުގެ ސަބަބުން ކަންކަން މިދަނީ ގޯހުން ގޯހަށް،" ބަޖެޓާ ގުޅޭގޮތުން ވާހަކަދައްކަވަމުން ސަލީމް ސުވާލުކުރެއްވި އެވެ. "މިސަރުކާރުން ބުނި ރައީސް ޔާމީންގެ ސަރުކާރުގައި އެއް ބަނދަރު ހަދާ އަގުގައި ތިން ބަނދަރު ހަދާނެ ކަމަށް. އެކަމަކު ކިހިނެތްތޯ މިވީ. އަޅުގަނޑު ގޮވާލަން ފިނޭންސް މިނިސްޓަރު އަމީރަށް މިބަޖެޓް އަނބުރާ ގެންދިއުމަށް. ހެޔޮވިސްނޭ، ހަމަ ބުއްދި ހުރި މީހަކު މިބަޖެޓަށް ތާއީދު ނުކުރާނެ. ގަވަރުނަރު، އޮޑިޓަ ޖެެރަލްވެސް މިބަޖެޓަށް ތާއީދު ނުކުރޭ."

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށައަޅާފައިވާ ބަޖެޓު 15.5 ބިލިއަން ރުފިޔާއިން ޑެފިސިޓް ވެ އެވެ. އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވަނީ 17.8 ބިލިއަން ރުފިޔާ އެވެ. އަދި ޖޫރިމަނާ ކޮށްގެންނާއި ބިންވިއްކައިގެންނާއި ކުންފުނިތައް ޕްރައިވެޓައިޒްކޮށްގެންވެސް ބަޖެޓަށް އާމްދަނީ ހޯދުމަށް ހުށައަޅާފައިވެ އެވެ.