ވަޅިން ހަމަލާދީ ބަންގްލަދޭޝް ރައްޔިތަކު މަރާލި މައްސަލާގައި ހޯދަމުން ދިޔަ ޕާކިސްތާނުގެ އުމުރުން 26 އަހަރުގެ މުހައްމަދު އާބިދު ހައްޔަރުކުރީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބީޗު ސަރަހައްދުން ކަމަށް ފުލުހުން ބުނެފި އެވެ.

ފިލައިގެން އުޅެނިކޮށް ހޯދާފައިވާ އާބިދަކީ ހާންޖީ ރެސްޓޯރަންޓްގެ ކައްކާއެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި މީހެކެވެ. ބަންގްލަދޭޝްއަށް ނިސްބަތްވާ މީހާ މަރާލުމާ ގުޅިގެން ފުލުހުން ރޭ ވަނީ އޭނާ ހޯދުމަށް އޭނާގެ ފޮޓޯ ވެސް އާންމުކޮށްްފަ އެވެ.

ފުލުހުން ބުނިގޮތުގައި އޭނާ ހައްޔަރު ކޮށްފައި ވަނީ ރޭ މެންދަމުގެ ވަގުތެއްގަ އެވެ. އަދި މި މައްސަލައާ ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

އިއްޔެ ހަވީރު 5:00 ހާއިރު ހިނގި އެ ހާދިސާގައި އަނިޔާވި ބަންގްލަދޭޝްގެ މީހާގެ ކަރަށާއި ގައިގެ އެކި ތަންތަނަށް ވަނީ ވަޅިން ހަމަލާދީފަ އެވެ.

އެ ހަމަލާދޭ ބޭނުންކުރީ ބަދިގޭގައި ގެންގުޅޭ ވަޅިއެއް ކަމަށް އެތަނުގައި މަސައްކަތްކުރި މީހަކު ބުންޏެވެ. އޭނާ މަރާލުމުގައި އެތަނުގައި ދެން ތިބި ޕާކިސްތާންގެ އިތުރު މީހުންގެ ބައިވެރިވުން އޮތް ކަމަށް މަރާލި މީހާގެ ރަހްމަތްތެރިން ތުހުމަތު ކުރެ އެވެ.