އުތުރުގެ އަތޮޅު ރަށެއްގައި ދެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ފިރިހެނަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އުތުރުގެ ރަށެއްގައި ފިރިހެނަކު ޖިންސީ ގޯނާ ކޮށްފައިވަނީ އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކާއި، 11 އަހަރުގެ އަންހެން ކުއްޖަކަށް ކަމަށެވެ.

ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރާ މި މައްސަލަ މިދިޔަ މަހުގެ 27 ވަނަ ދުވަހު ފުލުުހުންނަށް ރިޕޯޓްކުރިކަން ފާހަގަކޮށް ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން 19 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އޭނާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން މިދިޔަ ބުދަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ. އަދި މައްސަލައިގައި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކްރިމިނަލް ކޯޓުން އޭނާގެ ބަންދަށް 10 ދުވަސް ޖަހާފައިވާކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.

މި މައްސަލަ ފުލުހުންނާއި ޖެންޑާ މިނިސްޓްރީ ގުޅިގެން ދަނީ ތަހުގީގު ކުރަމުންނެވެ.

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާތައް އަހަރަކަށް ފަހު އަހަރެއް އިތުރުވަމުންދާއިރު، އޭގެ ތެރޭގައި ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް ގިނަ ކަމަށް ޖެންޑާ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.