ގއ. ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ މެމްބަރުކަމުގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ނޭޝަނަލް އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް ކައުންސިލްގެ މެމްބަރުކަމާ ޔައުގޫބް ހަވާލުވެ ވަޑައިގަތުމުން އޭނާގެ މެމްބަރުކަން ގެއްލިފައިވާ ކަމަށް ކަނޑައަޅަން ކުރީގެ ގާޒީ މުހައްމަދު ހަލީމާއި ވަކީލް އައްސަދު ޝަރީފް ހުށަހެޅި މައްސަލާގައި ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ޔައުގޫބް ހަވާލުވެ ވަޑައިގަތް ކައުންސިލަކީ ދައުލަތުގެ ވަޒީފާއެއް ނޫން ކަމަށެވެ. އަދި ފަންނީ ދާއިރާތައް ރެގިއުލޭޓް ކުރަން ގާނޫނުތަކުން އުފެދޭ މުއައްސަސާތަކަކީ ދައުލަތުގެ ވަޒީފާއެއް ކަމަށް ނުބެލެވޭނެ ކަމަށް އެ ހުކުމުގައިވެ އެވެ.

ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲގެ މައްސަލަގައިގެ ހުކުމް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއް ސުއޫދު މިއަދު އިއްވަނީ

ހުކުމުގައިވަނީ އެހެން ވަޒީފާއެއް މެމްބަރަކު އަދާ ކުރުމަކީ މަނާ ކަމަކަށް ވިޔަސް، މެމްބަރުންގެ ގޮނޑި ގެއްލޭނެ ހާލަތްތަކުގެ ތެރޭގައި އެކަން ހިމެނިފައިނުވާ ކަމަށެވެ. އަދި މެމްބަރުކަން ގެއްލޭނެ ހާލަތްތަކާއި ކުރުން މަނާ ކަންކަން އޮތީ ގާނޫނު އަސާސީގައި ވަކިން ބަޔާން ކޮށްފައި ކަމަށާއި އަދި އެ ނޫން ހާލަތްތަކެއްގައި ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓަށް އަމިއްލައަށް ނުނިންމޭނެ ކަމަށް ހުކުމުގައިވެ އެވެ. އަދި ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަކީ ހަމައެކަނި މަޖިލީހަށް ކުރެވޭނެ ކަމެއް ކަމަށް ވެސް ހުކުމުގައި ބުނެފައިވެ އެވެ.

ހުކުމުގައިވަނީ ޕާޓީ ބަދަލުކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ސުޕްރީމް ކޯޓުން ކުރިން ކުރި ހުކުމަކީ ގާނޫނާ ޚިލާފަށް ކުރި ހުކުމެއް ކަމަށެވެ. އަދި ގާނޫނު އަސާސީގައި ނެތް ކަމެއް އިތުރުކުރަން ކޯޓުތަކަށް ބާރެއް ނޯންނާނެ ކަމަށް އެ ހުކުމުގައިވެ އެވެ. ކޯޓުތަކަށް ވެސް ބާރު ލިބެނީ ގާނޫނު އަސާސީން ކަމަށާއި ގާނޫނާ އަސާސީގެ އިމުން ބޭރުން ކަންކަން ނިންމުމުގެ ބާރު ކޯޓުތަކަށް ނޯންނާނެ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.

ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲގެ މައްސަލަ ހުށަހެޅި އައްސަދު ޝަރީފާއި ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމް އެ ކޯޓުގެ ޝަރީއަތުގެ އަޑުއެހުމުގައި ބައިވެރިވަނީ.

އެ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ ޔައުގޫބްގެ މެމްބަރުކަން ގެއްލިފައިވާ ކަމަށް ކަނޑައެޅެން ނެތް ކަމަށެވެ. އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު އައިޝާ ޝުޖޫން އާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ އިތުރުން ފަނޑިޔާރު އަލީ ރަޝީދު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.