ރިސޯޓުތަކުން ނަގާ ބިމު ކުލި ކުޑަކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހު ދިފާއުކުރައްވައި ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފު ވާހަކަފުޅުދައްކަވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު އިދިކޮޅު މެމްބަރުން މިނިމަމްވޭޖާ ގުޅިގެން ރިސޯޓުތަކުން ބިމު ކުލީގެ ގޮތުގައި ނަގަމުން އަންނަ ފައިސާގެ އަދަދު މަދުކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހާ ދެކޮޅަށް ދެއްކެވި ވާހަތަކަށް ރައްދު ދެއްވައި، ޝަރީފްވަނީ އެ އިސްލާހަށް ތާއީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

"ޓުއަރިސްޓުން އެ މީހުންގެ ތަންތަނުން އެހެން ތަންތަނަށް ދަތުރުކުރުން މަދުވާން ފަށައިފި، އެހެންކަމުން އަޅުގަނޑުމެން ވަރަށް ވިސްނުންތެރިކަމާއެކު ރާއްޖޭގެ ޓުއަރިޒަމް އިންޑަސްޓްރީއަކީ މީހުންގެ އަތްފޯރާ ފަށުގައި އޮތް އިންޑަސްޓްރީއެއް ކަމުގައި ހަދައިގެން ނޫނީ އަޅުގަނޑުމެން ހާސިލުކުރަން ބޭނުންވާ އަމާޒު ހާސިލުނުވާނެ،" އޭނާ ވިދާޅުވި އެވެ.

ޝަރީފު ވިދާޅުވީ މިހާރު ދުނިޔޭގެ އިގްތިސާދު އޮތީ ވަރަށް ބޮޑަށް ހީނަރުވެފައި ކަމަށެވެ. އެގޮތުން ބަލިމަޑުކަމުގެ ތެރެއިން އަރައިނުގަނެވެނީސް ދުނިޔެ މިހާރު އޮތީ ހަނގުރާމައެއްގެ ހިޔަނީގެ ތެރޭގައި ކަމަށާއި، އެކަމުގެ ސަބަބުން އިންފްލޭޝަން އުފުލި، ގައުމުތައް ފަގީރުވެ، ފަތުރުވެރިން އެމީހުންގެ ގައުމުތަކުން އެހެން ތަންތަނަށް ދަތުރުކުރުން މަދުވެފައިވާ ކަމަށްވެސް ޝަރީފު ވިދާޅުވި އެވެ. އަދި އެކަންކަމަށް ވިސްނައިގެން ވިސްނުންތެރިކަމާއެކު ރާއްޖޭގެ ފަތުރުވެރިކަމަކީ އަތްފޯރާ ފަށުގައި އޮންނަ ފަތުރުވެރިކަމަކަށް ހަދަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އައްޑޫގައި ފަތުރުވެރިކަން ތަރައްގީކުރުމަކީ އެ ސިޓީގެ ރައްޔިތުންގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ. އަދި އައްޑޫގެ ރިސޯޓުތަކުން 8 ޑޮލަރު ބިމު ކުލީގެ ގޮތުގައި ނެގުމަކީ ކުރިން ދިރާސާނުކުރެވި ކުރެވިފައި އޮތް ކަމެއް ކަމަށް ވެސް ޝަރީފު ވިދާޅުވި އެވެ.