އދ. ހަންޏާމީދޫގައި ގާއިމްކުރަމުން އަންނަ ފެނުގެ ނިޒާމް ގާއިމުކުރުމުގެ މަސައްކަތުގެ 80 ޕަސެންޓް ނިމިއްޖެ އެވެ.
ހަންޏާމީދުގެ ފެނުގެ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް ސަރުކާރުން 21.65 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައި ވަނީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރަމުން އަންނަ ކުންފުނި، އެމްޑަބްލިޔުއެސްސީއާ އެވެ.
އެ ކުންފުނިން ބުނީ ފެނުގެ ނިޒާމްގައި ހިމެނޭ 4.91 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކްގެ ހޮޅިވަޅުލުމުގެ މަސައްކަތްތަކާއި، ބޯހޯލް ތޮރުފުމުގެ މަސައްކަތްތަކާއި، އާރުއޯ ޕްލާންޓް ފެބްރިކޭޓްކުރުމުގެ މަސައްކަތްތަކާއި އަދި ފެން ރައްކާކުރާ ތާނގީގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށެވެ.
މީގެ އިތުރުން، ފެނުގެ ނިޒާމު ގާއިމްކުރުމުގެ މަސައްކަތުގެ ދަށުން، ފެން ރައްކާކުރުމަށް ތިން ތާނގީ ބެހެއްޓުމުގެ މަސައްކަތްތައް ފެށިގެން ކުރިއަށްދާ ކަމަށް ވެސް އެމްޑަބްލިޔުއެސްސީން ބުންޏެވެ.
އެ ކުންފުނިން ބުނީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން އިމާރާތުގެ ބޮޑުބައެއް މިހާރު ނިމިފައިވާ ކަމަށާއި، ފެން އުފެއްދުމަށްޓަކައި ދެ އާރުއޯ ޕްލާންޓް ބެހެއްޓުމާއި، ގޭގެއަށް ފެންމީޓަރު ބަހައްޓައި ފެނުގެ ކަނެކްޝަން ގުޅައިދިނުން ވެސް މި މަޝްރޫއުގެ ތެރެއިން ކުރިއަށްދާ ކަމަށެވެ.
އަދި, ފެނުގެ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށްވެސް ހަމަޖެހިފައިވާ ކަމަށް އެމްޑަބްލިޔުއެސްސީން ބުނެ އެވެ.
އެ ކުންފުނިން ބުނީ އެ މަޝްރޫއުގެ މަސައްކަތް ނިމުމުން ހަންޏާމީދޫގެ ރައްޔިތުންނަށް ސާފު ބޯފެނުގެ ނިޒާމެއް ލިބިގެންދާނެ ކަމަށެވެ.