ރާއްޖޭގައި ތިބި ބޭރު ސިފައިން ފޭބުމަށް ގޮވާލައި އިދިކޮޅުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތުގެ ބޮޑު ބެނާއެއް ކުރީގެ ރައީސް ޔާމީންގެ ގެކޮޅުގައި ހަރުކޮށްފި އެވެ.

ހ. ދޫވެހީގައި ހަރުކޮށްފައިވާ އެ ބެނާގައި ގައުމީ ދިދައިގެ ކުލަތައް ވަނީ ހިމަނާފަ އެވެ. އެގޮތުން ބެނާގައި ހިމެނެނީ ފެއްސާއި ރަތާއި ހުދުކުލަ އެވެ. އަދި ހުދު ބައިގައި އިނގިރޭސި ބަހުން އިންޑިއާ އައުޓް ޖަހާފައިވެ އެވެ.

ބޮޑުތަކުރުފާނު މަގުގައި ހުންނަ އެގެއަކީ 15 ފަންގިފިލާއަށް އިމާރާތްކުރަމުން ގެންދާ ގެއެކެވެ. އެމަނިކުފާނުގެ އެ ގެކޮޅުގައި ހަރުކުރި އެ ބެނާއަކީ މިހާތަނަށް އިންޑިއާ އައުޓް ކެމްޕޭނުގައި ހަރުކޮށްފައިވާ އެންމެ ބޮޑު ބެނާކަން ފާހަގަކޮށްލެވެ އެވެ.

ރައީސް ޔާމީން ވަނީ ހުރިހާ ރައްޔިތުން ވެސް ފާރުތަކުގައި އިންޑިއާ އައުޓް ލިޔުމަށް ގޮވާލާފަ އެވެ. ހަމައެހެންމެ އެގޮވާލެއްވުމާއި ގުޅިގެން އަތޮޅުތެރޭގެ ބައެއް ރަށްތަކުގަ އާއި މާލޭގެ ބައެއް ގެތަކުގައި އިންޑިއާ އައުޓް ބެނާތައް ވަނީ ހަރުކޮށްފަ އެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލާ އިދިކޮޅުން މި ހަރަކާތް ފަށާފައިވާއިރު، ޔާމީން ޖަލުން މިނިވަންވުމަށްފަހު މި ހަރަކާތް ވަނީ އިތުރަށް ވަރުގަދަކޮށްފަ އެވެ.

އެގޮތުން ޖަލުން މިނިވަންވެ ވަޑައިގަތުމަށްފަހު އެމަނިކުފާނު ދިޔައީ އަތޮޅުތެރޭގެ ރަށްތަކަށް ވަޑައިގެން އިންޑިއާ ސިފައިން ރާއްޖެއިން ބޭރުކުރުމަށް ގޮވާލަމުންނެވެ. ހަމައެހެންމެ، މި ހަރަކާތުގައި ބައިވެރިވެ، ގައުމުގެ ދިފާއުގައި އެންމެހައި ރައްޔިތުން ނިކުތުމަށް އެމަނިކުފާނު ގޮވާލާފައިވެ އެވެ.

ރައީސް ޔާމީން ވިދާޅުވާގޮތުގައި އިންޑިއާ އައުޓް ހަރަކާތަކީ، ރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތަށް ނުރައްކާ އޮތް ކަމެކެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި ސަރުކާރުގެ ބާރު އޮތުމުން، އިންޑިއާ އައުޓް ހަރަކާތެއް ހުއްޓުވަން ގާނޫނެއް ހެދިނަމަވެސް، ދިވެހި ފަސްގަނޑުގައި އިންޑިއާ ސިފައިން ތިބުމަކީ ދިވެހި ރައްޔިތުން އެންމެ އެދޭނެ ގޮތެއް ނުންކަމުގައި ރައީސް ޔާމީން ވިދާޅުވެފައިވެ އެވެ.