ފިތުރު އީދު ބަންދަށް އެއް ހަފުތާ ލިބޭ ގޮތަށް މިއަހަރުގެ ބަންދު ދުވަސްތަކުގެ ގޮތުގައި އިތުރު ދުވަސްތަކެއް ސަރުކާރުން ކަނޑައަޅައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ މިއަހަރު ސަރުކާރު ބަންދު ދުވަސްތަކުގެ ތެރެއަށް އިތުރު ހަތަރު ދުވަސް ރައީސް އިތުރުކުރައްވާފައިވާ ކަމަށެވެ. އެއީ ފިތުރު އީދާ ދިމާކޮށް އަންނަ މެއި 5 ވަނަ ދުވަހާއި އަޟްހާ އީދާއި ގުޅިގެން އަންނަ ޖުލައި މަހުގެ 13 އަދި 14 ވަނަ ދުވަހާއި މިއަހަރުގެ މިނިވަން ދުވަހާއި ގުޅިގެން ޖުލައި މަހުގެ 28 ވަނަ ދުވަހެވެ.
ފިތުރު އީދާ ގުޅިގެން ގެނައި ބަދަލާއެކު 5 މެއި ބަންދުކުރުމުން ފިތުރު އީދު ބަންދަށް ލިބޭ ދުވަސް އިތުރުވާނެ އެވެ. ކުރިން އޮތް ގޮތުން އީދު ބަންދަށްފަހު ސަރުކާރު ހުޅުވާފައި ހުންނަ ދުވަހަކީ ބުރާސްފަތި ދުވަސް އެކަންޏެވެ. ނަމަވެސް މެއި 5 ވާ ބުރާސްފަތި ދުވަސް ބަންދުކުރުމާ ގުޅިގެން ފިތުރު އީދު ބަންދަށް އެއް ހަފްތާ ލިބޭނެ އެވެ.
ޖުލައި މަހުގެ 13 އާއި 14 ބަންދުކުރުމަށް ނިންމެވުމުގެ ސަބަބުން ވެސް އަޟްހާ އީދު ބަންދަށް 8 ދުވަސް ލިބޭނެ އެވެ. އަދި ޖުލައި މަހުގެ 28 ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅުމުން މިނިވަން ދުވަހާ ގުޅިގެން ބަންދު ދުވަހުގެ ގޮތުގައި 5 ދުވަސް ލިބޭނެ އެވެ.
ސަރުކާރުން ފާހަގަކުރާ ރަސްމީ ދުވަސްތަކާއި ގުޅިގެން މަސައްކަތްތެރިންނާއި އާއްމުންނަށް ލުއި ފަސޭހަކޮށްދިނުމުގެ މީގެ ކުރިން ވެސް މިފަދަ ދުވަސްތައް ބަންދުކުރަމުންދެ އެވެ.