މިއަހަރު ހައްޖަށް މީހުން ގެންދާ އަދަދު ސައުދީން މަދުކުރުމުން ރާއްޖެއަށް ލިބޭ ކޯޓާގެ އަދަދު ވެސް މަދުވެގެންދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ބުނީ މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ސައުދީ ދިނުމަށް ނިންމާފައިވަނީ އެއް މިލިއަން ހައްޖުވެރިންނަށް ކަމަށެވެ. އެހެންކަމުން މިއަހަރު ރާއްޖެއަށް ލިބިގެންދާ ކޯޓާގެ އަދަދު ވެސް މަދުވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.

އެގޮތުން ކޯޓާގެ އަދަދު 45 އިންސައްތައަށް މަދުވެދާނެކަމަށް ބެލެވޭކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ. އެހެންނަމަވެސް އިތުރަށް ވެސް ކޯޓާ ހޯދުމަށްޓަކައި މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ކޮވިޑްގެ ކުރިން ސައުދީން ރަސްމީކޮށް ރާއްޖެއަށް ދެމުން އައީ 1،000 ކޯޓާ އެވެ. އަދި ބައެއްފަހަރު އެ 1،000 ކޯޓާގެ އިތުރަށް އިތުރު ކޯޓާވެސް ވަނީ ދީފަ އެވެ.

ދުނިޔެއަށް ފެތުރިގަތް ކޮވިޑާ ހެދި ސައޫދީ އަރަބިއްޔާއަށް އެތެރެވުން ވަރަށް ބޮޑަށް ހަރުކަށިކޮށްފައި އޮތުމަށް ފަހު މިހާރު ވަނީ ދޫދޭން ފަށާފަ އެވެ. މި އަހަރު ރޯދަ މަހު އުމްރާވެރިންނަށް ވެސް ވަނީ ވަރަށް ބޮޑަށް ލުއި ދީފަ އެވެ.

މިއަހަރުގެ ހައްޖުގެ ބައިވެރިން ވާންޖެހޭނީ ކޯވިޑް ވެކްސިން ފުރިހަމަކޮށްފައިވާ، 65 އަހަރުން ދަށުގެ މީހުންނަށެވެ. އަދި ސަޢުދީން ބޭރުން އަންނަ ޙާއްޖާޖީން އެތެރެވުމުގައި ނެގެޓިވް ޕީސީއާރު ޓެސްޓެއް ހުށަހަޅަންޖެހޭނެ އެވެ.

ކޮވިޑާ ހެދި މިދިއަ އަހަރު ހައްޖު ކުރަން ފުރުސަތު ދީފައި ވަނީ 58،745 މީހުންނަށް ކަމަށް ރަސްމީ ހިސާބުތައް ބުނެ އެވެ. ކޮވިޑް ލައިގަތުމުގެ ކުރިން ދެ މިލިއަނަށް ވުރެ ގިނަ މީހުންނަށް ހައްޖުގެ ފުރުސަތު ސައުދީން ވަނީ ދީފަ އެވެ.

މިއަހަރުގެ ހައްޖުގެ އަޅުކަން ފެށޭނެކަމަށް ކަލަންޑަރުގައިވާ ތާރީހަކީ ޖުލައިމަހުގެ 7 ވަނަ ދުވަހެވެ.