ހުޅުމާލޭގައި ގާއިމުކޮށްފައިވާ ޕެއިޑް ޕާކިން ޒޯންތަކުން ކާރު ޕާކުކުރުމުގެ ޖާގަ ކުއްޔަށް ދޫކުރުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލާފި އެވެ.

އެޗްޑީސީން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ދެ ޒޯނަކަށް ބަހާލައިގެން 70 ކާރު ޕާކު ކުރާނެ ޖާގަ ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މިޖާގަތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ބީލަމުގެ އުސޫލުން އެންމެ މަތީ ކުއްޔެއް ހުށަހަޅާ ފަރާތްތަކަށް ކަމަށް އެ ކުންފުނިން ބުނެއެވެ.

އެގޮތުން މި ޖާގަތަށް ދޫކުރުމަށް ހަމަޖެހިފައި ވަނީ ތިން މަސް ދުވަހުގެ މުއްދަތަކަށެވެ. އަދި ބީލަން ފެށޭ އަގަކީ މަހަކަށް 1،500 ރުފިޔާ އެވެ.

ޕެއިޑް ޕާކިން ދެ ޒޯނުގެ ގޮތުގައި ކަނޑައަޅާފައިވަނީ ފެރީ ޓަރމިނަލް ކައިރީގައިވާ 50 ކާރުގެ ޖާގައިގެ ފިތުރޯނު ޕާކިން ޒޯން،އަދި ރެޑްވޭވް މެގަމޯލް ކާރީގައިވާ 20 ޖާގައިގެ އުނިމާ ޕާކިން ޒޯނެވެ.

މި ބީލަމުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފަރާތްތަކުގައިހުންނަން ޖެހޭ ޝަރުތު ތަކުގެ ތެރޭގައި، ދިވެހި ރައްޔިތެއް ކަމުގައިވުމާއި އުމުރުން 18 އަހަރު ފުރިފައިވުން، އަދި އެފަރާތެއްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ކާރަކަށް ވުން ހިމެނެ އެވެ.

މިކަމުގެ މައިގަނޑު މަގުސަދަކީ ހުޅުމާލޭގައި ފަސޭހަ ކަމާއި އެކު ކާރު ޕާކު ކުރުމަށް މަގުފަހި ކޮށްދިނުން ކަމަށްވެސް އެޗްޑީސީން ބުނެ އެވެ. އެ އިއުލާންކުރި ޕާކިން ޖާގަތަކަށް ބީލަން ހުށަހަޅައި ހޮވޭ ފަރާތްތަކަށް އެ ކޯޕަރޭޝަނުން ގާއިމުކުރާ ސްމާޓް ޕާކިން އިން އިސްކަންދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މިހާރު ހުޅުމާލޭގައި ހުރި ޕާކިންގެ ކަންކަން ރަނގަޅު ކުރުމަށާއި ރައްކާތެރިކަން ކަށަވަރުކުރުމަށް، އަދި ދުއްވާ ތަކެތި ދުއްވާ ފަރާތްތަކަށް އިތުރު ލުއިފަސޭހަތައް ހޯދައި ދިނުމަށްޓަކައި ސްމާޓް ޕާކިން ތައާރަފު ކުރުމުގެމަސައްކަތް އެ ކޯޕަރޭޝަނުން ދަނީ ކުރަމުންކަން އެ ކުންފުނިން ފާހަގަކުރެ އެވެ.