އައްޑޫ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތްތައް ފެށުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަނަ ކަމަށް އެ މަޝްރޫއު ކުރިއަށްގެންދާ ނެދަލޭންޑްސްގެ ވެން އޫޑް ޑްރެޖިން ކުންފުނިން ބުނެފި އެވެ.

އެ ކުންފުނިން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ މި މަޝްރޫއަކީ ތިމާވެއްޓާ ވަރަށް ބޮޑަށް ގުޅިފައި އޮތް ކަމަށްވާތީ މަސައްކަތް ކުރިއަށް ގެންދާނީ ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅައި، ކަމުގެ ތަޖުރިބާކާރުންގެ ލަފަ އާއި މަޝްވަރާގެ މަތިން ކަމަށެވެ.

Adv by Villa Hakatha Pvt. Ltd
Villa Hakatha Pvt. Ltd
Adv by Coca Cola
Coca Cola

އައްޑޫގެ ބިން ހިއްކުމަށްޓަކައި ގެންނަން ހަމަޖެހިފައި ވަނީ ވެން އޫޑްގެ އެޗްއޭއެމް 318 ޑްރެޖަރެވެ. މި މަޝްރޫއުގެ ދަށުން 194 ހެކްޓަރުގެ ބިން ހިއްކާނެ އެވެ.

އައްޑޫ ބިން ހިއްކުމުގެ މަސައްކަތް 18 މަސް ދުވަހުގެ ތެރޭގައި ނިމިގެންދާނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

އިންޑިއާ ސަރުކާރުގެ އެގްޒިމް ބޭންކްގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިއަށްގެންދާ އެ މަޝްރޫއު ހަވާލުކޮށްފައިވަނީ ބިން ހިއްކުމުގެ އިތުރުން ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ވެސް ކުރިއަށްގެންދާ ގޮތަށެވެ.

ވެން އޫޑް ޑްރެޖިން ކުންފުނީގެ ބަޔާނުގައިވާ ގޮތުން އެ މަޝްރޫއު ކުރިއަށްދާއިރު 11 ކިލޯމީޓަރުގެ ސަރަހައްދެއްގައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރާނެ އެވެ.

މިއީ އައްޑޫގައި ބިން ހިއްކަން މިހާތަނަށް ކުރިއަށް ގެންދާ އެންމެ ބޮޑު މަޝްރޫއެ އެވެ. ކައުންސިލުން ބުނިގޮތުގައި މި މަޝްރޫއުގެ ސަބަބުން މިހާރު އައްޑޫއަށް އޮތް ބިމުގެ ދަތިކަން ކުރިއަށް އޮތް 50 އަހަރަށް ހައްލުވާނެ އެވެ.

އައްޑޫން ބޮޑު ސަރަހައްދެއް ހިއްކާތީ ތިމާވެށީގެ ހިމާޔަތުގައި މަސައްކަތް ކުރާ މީހުން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެ މީހުން ބުނާގޮތުގައި އެ މަޝްރޫއުގެ ސަބަބުން ތިމާވެއްޓަށް ނޭދެވޭ އެތައް އަސަރެއް ކުރާނެ އެވެ.