ހުޅުމާލެ ކުނި ކަހައި ސާފުކުރުމަށް 50 މީހުން ހޯދުމަށް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ)އިން އިއުލާން ކޮށްފި އެވެ.

ވެމްކޯއިން ކުރި އިއުލާނުގައި ބުނެފައިވަނީ ކުނިކަހައި ސާފުކުރުމުގެ ވަޒީފާއަށް 50 މީހުން ބޭނުންވާ ކަމަށެވެ. އަދި އެ ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުގުވެރިކަން ހުރި ގާބިލު މީހުން ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

އެ މަގާމަށް ހޮވޭ މީހުންނަށް 8،000 ރުފިޔާގެ މުސާރައެއް ލިބޭނެ އެވެ.

މަގާމަށް އެދި ހުށައަޅާ ފޯމްތަކުގެ ތެރެއިން ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ހުށައަޅާ 100 ފޯމެވެ. އަދި ފޯމް އަންނަ މަހުގެ ނުވަ ވަނަ ދުވަހުގެ 1:00 ހަމައަށް ބަލައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.

އެ މަގާމަށް މީހުން ނެގުމުގައި އެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލާނެ އެވެ. އަދި ވެމްކޯގެ މަސައްކަތްތައް ކުރިއަށްގެންދިއުމާ ގުޅުންހުރި ގާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު ބެލުމުގެ އިތުރުން އިންޓަވިއުކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

ވެމްކޯއިން ކުނި ކެހުމުގެ ވަޒީފާއަށް 50 މީހުން ހޯދަން އިއުލާންކޮށްފައި މިވަނީ ހުޅުމާލޭގެ އާންމު ސަރަހައްދުތައް ކުނިކަހައި ސާފުކުރުމުގެ މަސައްކަތް އެޗްޑީސީއިން ވެމްކޯއާ މިއަދު ވަނީ ހަވާލުކޮށްފަ އެވެ.

ވެމްކޯ އިން ގެންދަނީ މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގެ ކުނީގެ ކަންތައް މެނޭޖް ކުރަމުންނެވެ. ކުނި ކެހުމާއި ގޭގެއިން ކުނި އުކާލުމުގެ ހިދުމަތް އެ ކުންފުނިން ދެ އެވެ.