ކޮވިޑް-19 ޖެހުނު އެއްމަހުގެ ތުއްތު ކުއްޖަކަށް ލ. ގަން ހޮސްޕިޓަލްގެ ކޮވިޑް ފެސިލިޓީގައި ފަރުވާދޭން ފަށައިފި އެވެ.

އެ ހޮސްޕިޓަލުގެ މެނޭޖަރު އަލީ ނަޝީދު "ހުރިހާ"އަށް ވިދާޅުވީ ދ. ކުޑަހުވަދޫން ގެންދިޔަ އެއް މަހުގެ ތުއްތު ކުއްޖާ ޕޮޒިޓިވްވިކަން އެނގުނީ ހޯމް ކަރަންޓީނުގައި ހުރެފައި ހެދި ޓެސްޓުން ކަމަށެވެ. މީގެ ފަސް ދުވަސް ކުރިން ޕޮޒިޓިވްވި ކުއްޖާ އެ ހޮސްޕިޓަލަށް ގެންދިޔައީ މިއަދު ހެނދުނު 8:30 ހާއިރު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެ ކުއްޖާގެ ހާލު ސްޓޭބަލްކޮށް އޮތީ. އެ ކުއްޖާއާއެކު މަންމަ ވެސް މިކޮޅުގައި އެބައުޅޭ،" ނަޝީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ކުއްޖާގެ އިތުރުން މަންމަ އާއި ބައްޕަ އަދި ތިން އަހަރުގެ ކުއްޖަކު ވެސް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އެ ހޮސްޕިޓަލުން ބުނިގޮތުގައި އެ ކޮވިޑް ފެސިލިޓީގައި 20 އައިސީޔޫ ބެޑްގެ އިތުރުން 15 އައިސޮލޭޝަން ބެޑް ހުރި އިރު އެ ފެސިލިޓީއިން މިވަގުތު ފަރުވާ ދެމުން އަންނަނީ އެ ދެމައިންނަށް އެކަންޏެވެ.

އެޗްޕީއޭއިން އިއްޔެ އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ކޮވިޑް ޖެހިގެން މިހާރު 2،684 މީހުން ދަނީ ފަރުވާ ހޯދަމުންނެވެ. މީގެ ތެރެއިން 162 މީހަކު އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންނެވެ. އަދި އެ ބަލިން އިއްޔެ 159 މީހަކު ރަނގަޅުވި އެވެ.