ޓީޗަރުންގެ މުސާރައަށް މިއަދު މިގެނައި ބަދަލުގެ އެންމެ މުހިންމު ބޭނުމަކީ، އިތުރު ގަޑީގެ ފައިސާއާ ނުލައި ވެސް، އެކަށީގެންވާ ރަނގަޅު އުޖޫރައެއް ގެޔަށް ގެންދަން ލިބޭނެވަރު ކޮށްދިނުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ޓީޗަރުންގެ މުސާރަ ބޮޑުކުރުން އިޢުލާނު ކުރެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ދެއްވި ވީޑިއޯ ޚިތޯބުގައި ވިދާޅުވީ ޓީޗަރުންގެ މުސާރައަށް މިގެނައި ބަދަލަކީ، ގައުމު ބިނާކުރުމުގެ ގޮތުން ގެނައި ވަރަށް މުހިންމު ބަދަލެއް ކަމަށެވެ އަދި މިއީ ގައުމުގެ ތަރައްގީގައި ޙިއްސާވާ، ތަފާތު ދާއިރާތަކުގެ ފަންނުވެރިން އެ ކުރައްވާ މަސައްކަތާ އެކަށޭނަ މިންވަރުގެ އުޖޫރައެއް ހޯދައިދިނުމުގެ ފެށުމެއް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

"މި މުހިންމު ފެށުން، ތަޢުލީމީ ދާއިރާއިން ފެށުމަށް އަޅުގަނޑު ނިންމި ސަބަބަކީވެސް އެއީ. އިރާދަކުރެއްވިއްޔާ މިއީ ހެޔޮ ސާއަތެއްގައި ފެށުނު ހެޔޮ މަސައްކަތެއް. ޤައުމު ބިނާކުރުމުގައި އަދި ގައުމަށް ބޭނުންވާ އިންސާނީ ވަސީލަތް ތަރައްޤީ ކުރުމުގައި، ތަޢުލީމީ ދާއިރާއިން ފެށިގެން ޞިއްޙީ ދާއިރާއާއި އަދި އެނޫން ދާއިރާތަކުންވެސް، ގައުމާއި ރައްޔިތުންގެ ޚިދުމަތުގައި ރެޔާއި ދުވާލު، އަވަދިނެތި އުޅުއްވާ ޚިދުމަތްތެރިން ރާއްޖޭގައި ވަރަށް ގިނަ،" ރައީސް ވިދާޅުވި އެވެ.

މި މުހިންމު ފެށުން، ތަޢުލީމީ ދާއިރާއިން ފެށުމަށް އަޅުގަނޑު ނިންމި ސަބަބަކީވެސް އެއީ. އިރާދަކުރެއްވިއްޔާ މިއީ ހެޔޮ ސާއަތެއްގައި ފެށުނު ހެޔޮ މަސައްކަތެއް. ޤައުމު ބިނާކުރުމުގައި އަދި ގައުމަށް ބޭނުންވާ އިންސާނީ ވަސީލަތް ތަރައްޤީ ކުރުމުގައި، ތަޢުލީމީ ދާއިރާއިން ފެށިގެން ޞިއްޙީ ދާއިރާއާއި އަދި އެނޫން ދާއިރާތަކުންވެސް، ގައުމާއި ރައްޔިތުންގެ ޚިދުމަތުގައި ރެޔާއި ދުވާލު، އަވަދިނެތި އުޅުއްވާ ޚިދުމަތްތެރިން ރާއްޖޭގައި ވަރަށް ގިނަ،
ރައީސް

ރައީސް ވިދާޅުވީ ޓީޗަރުންގެ މުސާރަ ބޮޑުކުރިއިރު ސިއްހީ ދާއިރާގެ ޚިދުމަތްތެރިން އެ ކުރައްވާ ބުރަ މަސައްކަތް އަޅުގަނޑުމެން ހަނދާން ނައްތައެއްނުލައްވާ ކަމަށެވެ. އަދި ސަރުކާރުން މިހާރު ފަށާފައިވާ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތްތަކުގެ ތެރެއިން، ސިއްހީ ދާއިރާގެ މުސާރައިގެ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް މިހާރު ސަރުކާރުން އަންނަނީ ދިރާސާކުރަމުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"މުވައްޒަފުން ކުރާ މަސައްކަތާ އެކަށޭނަ މިންވަރަށް އުޖޫރަ ކަނޑައެޅުމަށް، އަދި އުޖޫރައިގެ ތަފާތުތައް ނައްތައިލުމަށް ފަށާފައިވާ މަސައްކަތް ނިމޭއިރު، ހުރިހާ ދާއިރާއެއްގެ މުސާރަތަކަށް ވެސް، އިރާދަކުރެއްވިއްޔާ ހެޔޮ ބަދަލުތަކެއް އަންނާނެ. އިޖުތިމާއީ އަދާލަތު ހިފެހެއްޓުމަށްޓަކައިވެސް، ހުރިހާ ދާއިރާއަކަށް މި ބަދަލު ގެނައުމަކީ އަޅުގަނޑު ކުރާނެ ކަމެއް،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި، ދައުލަތުގެ ޒިންމާތަކާ ހަވާލުވެ ތިބެ ކުރާ މަސައްކަތަށް، އެކަށީގެންވާވަރުގެ އާމްދަނީއެއް ހޯދައިދިނުމަކީ، ވެރިކަމުގެ މައްޗަށް ލާޒިމުކުރާ ކަމެއް ކަމަށެވެ. އަދި އެންމެ ކުޑަމިނުން ދޭންޖެހޭނެ އުޖޫރަ، ގާނޫނީ ގޮތުން ކަނޑައަޅައި އެކަން ތަންފީޒު ކުރުމާއި، ޓީޗަރުންގެ މުސާރައަށް މިއަދު މިގެނައި ބަދަލަކީ، ސަރުކާރު މުވައްޒަފުންގެ މުސާރަ އިތުރުކޮށްދިނުމަށް ފެށި މަސައްކަތުގެ ވަރަށް މުހިންމު ދެބައި ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

"ޓީޗަރުންގެ މުސާރައަށް މިއަދު މިގެނައި ބަދަލުގެ އެންމެ މުހިންމު ބޭނުމަކީ، އިތުރު ގަޑީގެ ފައިސާއާ ނުލައިވެސް، އެކަށީގެންވާ ރަނގަޅު އުޖޫރައެއް ގެޔަށް ގެންދަން ލިބޭނެވަރު ކޮށްދިނުން. މިހާތަނަށް އިތުރު ގަޑީގެ ފައިސާއާއެކީގައި ލިބޭ ވަރަށްވުރެ ބޮޑު މިންވަރެއް، މިގެނައި ބަދަލާއެކު، ހަމައެކަނި މުސާރައާއި ޢިނާޔަތްތަކުންވެސް ލިބޭނެ. އަލަށް މި އެކުލަވައިލި، ޓީޗަރުންގެ މުސާރައިގެ އޮނިގަނޑުގެ ސަބަބުން، ޓީޗަރުކަމުގެ ފަންނުން އިތުރަށް ކުރިއަށް ދެވޭނެ މަގު ދައްކައިދޭނެ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ތައޠލީމީ ދާއިރާއަށް ބަލާއިރު، މިވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، ރަށްރަށުގެ ސްކޫލްތަކަށް ފެންވަރު ރަނގަޅު ޕްރިންސިޕަލުން ލިބެން ނެތުން ކަމަށެވެ. އަދި ޓީޗަރުންގެ މުސާރައިގެ އޮނިގަނޑަށް މިގެނައި ބަދަލަކީ، ރަށްރަށުގައި ވަޒީފާ އަދާކުރުމަށް ޕްރިންސިޕަލުންނާއި ޓީޗަރުންނަށް ވެސް ލިބޭނެ އިތުރު ބާރަކަށްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މިފަދަ ބަދަލުތައް އަޅުގަނޑުމެން މިގެންނަނީ ހަމައެކަނި ވަކި ދާއިރާތަކެއް ކުރިއެރުވުމަކަށް ނޫން. މިއީ މުޅި ރާއްޖޭގެ ތަރައްގީއަށް، އަދި ލާމަރުކަޒީ ނިޒާމުން ރާއްޖެ ތަރައްޤީ ކުރުމުގެ ސިޔާސަތުގެ ދަށުން، ގައުމު ކުރިއެރުވުމުގައި ބައިވެރިވުމަށް ހިތްވަރު ދިނުމުގެ ގޮތުން ފަށާފައިވާ މަސައްކަތެއް،
ރައީސް

"މިފަދަ ބަދަލުތައް އަޅުގަނޑުމެން މިގެންނަނީ ހަމައެކަނި ވަކި ދާއިރާތަކެއް ކުރިއެރުވުމަކަށް ނޫން. މިއީ މުޅި ރާއްޖޭގެ ތަރައްގީއަށް، އަދި ލާމަރުކަޒީ ނިޒާމުން ރާއްޖެ ތަރައްޤީ ކުރުމުގެ ސިޔާސަތުގެ ދަށުން، ގައުމު ކުރިއެރުވުމުގައި ބައިވެރިވުމަށް ހިތްވަރު ދިނުމުގެ ގޮތުން ފަށާފައިވާ މަސައްކަތެއް،" އެމަނިކުފާނު ވިދާޅުވި އެވެ. "އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ޓީޗަރުންގެ މުސާރަ ބޮޑުވުމުން، ގައުމު ބިނާކުރުމުގެ މުޅިން އާ ބާބެއް ފެށިގެންދާނެ. އަދި ކިޔަވައިދިނުމުގެ ދާއިރާއަށް ޝައުގުވެރިވާ މީހުންގެ ޢަދަދުވެސް އިތުރުވެގެންދާނެ. މިއީ ދިވެހިން އެދޭގޮތަށް، ދިވެހިންގެ އަތްމަތިން، ދިވެހި ޤައުމު ބިނާކޮށް އާރާސްތު ކުރުމަށްވެސް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް."

ރައީސް ވިދާޅުވިގޮތުގައި ޓީޗަރުކަމުގެ ފަންނާ ގުޅޭގޮތުން ހެދި ދިރާސާއިން ފާހަގަވިގޮތުގައި ޓީޗަރުންނަށް ކުރިމަތިވެފައިވާ ހަމައެކަނި މައްސަލައަކީ މުސާރަ ކުޑަވުމެއް ނޫނެވެ. އޭގެ އިތުރުން ވެސް ކިތަންމެ އެހެން ކަންތައްތަކެއް ދިމާވެފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އޭގެ ތެރެއިން އެންމެ މުހިންމު ހަތަރު މައްސަލައަކީ، މުސާރަ ކުޑަވުމާއި، ވޯކްލޯޑާއި މަސައްކަތުގައި ހޭދަކުރަންޖެހޭ ވަގުތު ގިނަވުމާއި، ޙައްޤުތައް ކަށަވަރުނުވުމުގެ މައްސަލައާއި، ވަސީލަތްތައް މަދުވުމުގެ މައްސަލަ. މިކަންކަން ޙައްލުކުރުމުގެ މަސައްކަތް އަޅުގަނޑުމެން މިހާރު މިވަނީ އަމަލީގޮތުން ފަށާފައި،" ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ އިރާދަކުރެއްވިއްޔާ، މި ފިޔަވަޅުތަކުގެ ހެޔޮ ނަތީޖާ، މާ ގިނަ ދުވަސްތަކެއް ނުވެ ފެންނަން ފަށާނެ ކަމަށެވެ.

"އަޅުގަނޑުގެ އުންމީދަކީ، ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ގެންނަ މިފަދަ ބަދަލުތަކުގެ ސަބަބުން، މި ދާއިރާ ކުރިއެރުވުމަށް ޝައުގުވެރިވާ ދިވެހިންގެ އަދަދު އިތުރުވެގެންދިޔުން،" ރައީސް ވިދާޅުވި އެވެ.