2011 ވަނަ އަހަރު އެންމެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި "ޑާޓީ ޕިކްޗާ" ހިމެނުނެވެ.

ސުޕަހިޓަކަށްވި އެ ފިލްމުގައި ބަތަލާގެ ރޯލު ކުޅެދިން ވިދްޔާ ބާލަންގެ އެކްޓިންނަށް ގިނަ ބައެއްގެ ތައުރީފު ލިބިފައިވާއިރު، ވިދްޔާ ކުޅެދީފައި ވަނީ އިންޑިއާގައި 1980ގެ އަހަރުތަކުގައި ފިލްމީ ދާއިރާގައި މަސައްކަތް ކުރި މަޝްހޫރު އެކްޓަރެއްގެ ރޯލެވެ.

ފިލްމު ފެށިގެން ދަނީ ނިކަމެތިކަން އިންތިހާއަށް ތަހައްމަލް ކުރަމުން ގެންދިޔަ އަންހެން ކުއްޖެއްގެ އެކްޓަރަކަށް ވުމުގެ ހުވަފެނާ ހިސާބުންނެވެ. އަދި އެހާ ހިސާބުން ފެށިގެން އޭނާ ފިލްމު އިންޑަސްޓްރީގައި، އެންމެ މަޝްހޫރު އަދި އެންމެ އެދެވޭ އެކްޓަރަށް ވާސިލްވުމާއި، އެއަށްފަހު ތަޖުރިބާކުރަން ޖެހުނު ނާކާމިޔާބީއާ ކުރިމަތިވި ފަލްސަފާތައް ދައްކައިދެ އެވެ.

ގިނަ ބަޔަކަށް ނޭނގޭ ހަގީގަތަކީ، ވިދްޔާ ކުޅެދިން ރޯލަކީ ހަގީގީ ވާހަކައެއްގެ މައްޗަށް ބިނާކޮށް ކުޅެދިން ރޯލެއް ކަމެވެ.

އެ ފިލްމަކީ 1980ގެ އަހަރުތަކުގައި ގިނަ ބައެއްގެ ހިތްތަކުގައި ރަނިކަން ކުރި ސިލްކް ސްމިތާގެ ހަޔާތުގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ. ޑާޓީ ޕިކްޗާގައި ދައްކައިދިން ފަދައިން، އެޒަމާނުގައި ނެރުނު ކޮންމެ ފިލްމެއްގައި ވެސް ސިލްކްގެ ފެނިލުމެއް އިނުމަކީ ކޮންމެހެން މަޖުބޫރު ކަމަކަށް ވެގެންދިޔަ އެވެ.

ސިލްކް ސްމިތާ

ސިލްކްގެ މައްޗަށް ކުޅުނު ފިލްމު ވެސް ވެގެންދިޔައީ ގިނަ ބަޔަކަށް ކަމުދިޔަ ސުޕްހިޓް ފިލްމަކަށެވެ. އަދި ސިލްކަކީ އިންޑިއާގެ ފިލްމު އިންޑަސްޓްރީގެ ތާރީހުގައި ލިޔެވިފައިވާ ނަންތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ނަމެކެވެ.