ފާހަނާއިން ފްލަޝްކުރުމަށް ފަހު ނަރުދަމާ ނިޒާމުގެ ތެރެއިން ވެސް ކޮރޯނާ ވައިރަހަށް ދަތުރުކޮށް ފެތުރުމުގެ ކުޅަދާނަކަން ލިބިގެންވާ ކަމަށް ސައިންޓިސްޓުން ގަބޫލުކޮށްފި އެވެ. މިހެން މިކަން ދިމާވީ ޗައިނާގެ އިމާރާތެއްގައި 12 ފަންގިފިލާ ދެމެދު، އެއްވެސް ގޮތަކަށް ދިމާނުވެ އެ އިމާރާތުގައި ދިރިއުޅުނު 3 އާއިލާއިން ވަރިހަށް ފައްސި ވުމުންނެވެ.

މި އިމާރާތުގެ 15 ވަނަ ފަންގިލާގައި ދިރިއުޅުނު 5 މެމްބަރުންގެ އާއިލާއިން، 4 މެމްބަރަކު ވަނީ ދާދި ފަހުން ޗައިނާގެ ވުހާންއަށް ދަތުރުކުރުމަށްފަހު އެނބުރި އަތުވެފަ އެވެ. ވުހާނަކީ ކޮރޯނާ ވައިރަސް އެންމެ ފުރަތަމަ ތައާރަފްވެ ފެތުރެންފެށި ސަރަހައްދެވެ. މި އާއިލާއިން އެނބުރި ގެއަށް އައުމަށްފަހު އެ އިމާރާތުގެ 25 އަދި 27 ވަނަ ފަންގިފިލާގައި ދިރިއުޅެމުންދިޔަ ދެމަފިރިން ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ.

އިމާރާތުގެ ސީސީޓީވީ ފޫޓޭޖުން ފެންނަ ގޮތުގައި އެމުއްދަތުގައި މި ފަންގިފިލާތަކުގައި ދިރިއުޅުނު ފަރާތްތަކުން އިމާރާތުގެ ލިފްޓަށް އެކުގައި އަރާފައެއް ނުވެ އެވެ. އަދި ސައިންޓިސްޓުން ބުނާގޮތުގައި ލިފްޓުގެ ބަޓަން ތަކުން ކޮރޯނާ ވައިރަހުގެ އަލާމާތެއް ފެނިފައެއް ވެސް ނުވެ އެވެ.

އެންމެ ފުރަތަމަ ކޮވިޑްގެ ސާމްޕަލްތަކެއް ފެނިފައިވަނީ ފަސް މެމްބަރުނެގެ އާއިލާއިން އުޅެމުން ދިޔަ ފަންގިފިލާއިންނެ އެވެ. ސައިންޓިސްޓުން ކުރި ދިރާސާއަކުން ހާމަވާ ގޮތުގައި މިވައިރަސް ނަރުދަމާ ނިޒާމުގެ ތެރެއިން، "ބަޔޯ އެއޮރޯސަލް"ގެ ގޮތުގައި އިމާރާތުގައި ދަތުރުކޮށްފައިވާ ކަމަށް ހިތްވަރުދެ އެވެ.

ޗައިނާގެ އިމާރާތުގެ 15 ވަނަ ފަންގިފިލާ

މިކަން ކަށަވަރު ކުރުމަށްޓަކައި ސައިންޓިސްޓުން ކުރި އިތުރު ދިރާސާއެއްގައި ފަސް މެމްބަރުންގެ އާއިލާއިން ދިރިއުޅުމެންދިޔަ އެޕާޓްމަންޓުގެ ފާޙާނާއިން އީތޭން ގޭސް ވަނީ ފޮނުވާފަ އެވެ. އަދި މަތީގައިވާ އެޕާޓްމަންޓްތަކަށް މިގޭހުގެ އަސަރުކޮށްފައިވޭތޯ ވަނީ ބަލާފަ އެވެ. ގޭސް ދައުރުވޭތޯ ބެލި ބެލުމުން ފާހަގަ ކުރެވުނީ ކުރިން ބުނި ދެ ފަންގިފިލާ، 25 އަދި 27 ގެ އިތުރުން 16 އަދި 21 ވަނަ ފަންގިފިލާއަށް ވެސް އީތޭން ދައުރުކޮށްފައިވާ ކަމަށެވެ. މިކަމާ ގުޅިގެން ސައިންޓިސްޓުން ލަފާ ކޮށްފައިވަނީ ވައިރަސް ނެވާލާ ނިޒާމުން ނުވަތަ ވައިރަސް ހުރި ތަނެއްގައި އަތްލެވި ހަށިގަނޑަށް އެތެރެވީ ކަމަށެވެ.

އެ އިމާރާތުގެ 25 އަދި 27 ވަނަ ފަންގިފިލާގައި އުޅެމުންދާ ދެމަފިރިން މައުލޫމާތު ދިން ގޮތުގައި ފާޙާނާގެ ކުޑަ ދޮރު އެއްވެސް ގޮތަކަށް ހުޅުވާފައެއް ނުވެ އެވެ. އިންފެކްޓްވެފައިވާ ވައި ފާޚާނާ ތެރޭގައި އެނބުރެން ދެން އޮތް ހަމައެކަނީ ގޮތަކީ އެކްޒޯސްޓްގެ ފަންކާ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މިއީ އިމާރާތުގެ ނަރުދަމާ ނިޒާމުގެ ތެރެއިން ވައިރަސް ފެތުރުނު ފުރަތަމަ ފަހަރެއް ނޫނެވެ. މާޗް މަހުގެ ތެރޭގައި ހޮންކޮންގްގެ އިމާރާތެއްގެ 32 ވަނަ ފަންގފިލާގައި ދިރިއުޅެމުން ދިޔަ ދެމަފިރިންގެ ފަރާތުން އޭގެ ދެ ފަންދިފިލާ މަތީގައި ދިރިއުޅެމުންދިޔަ 59 އަހަރުގެ މީހަކަށް ވެސް ވައިރަސް ޖެހިފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ.

މީފަދަ އެތައް ކޭސްތަކެއް ޗައިނާ އަދި ހޮންކޮންގުން ރިޕޯޓުކޮށްފައިވާއިރު، ބަސްތަކުގައި ހުންނަ އެއާ ކޮންޑިޝަނިނުން ވެސް މި ވައިރަސް ފެތުރޭ ކަމަށް ސައިންޓިސްޓުން ވަނީ ބުނެފަ އެވެ. މީގެ އިތުރުން ރެސްޓޯރެންޓް، ސެލޫން އަދި އޮފީސް ފަދަ އޭސީ ހަރުކޮށްފައިވާ ހުރިހާ ތަންތަނުގައި ވައިރަސް ފެތުރުމުގެ ފުރުސަތު އެބައޮތް ކަމަށް ސައިންޓިސްޓުން ލަފާ ކުރެ އެވެ.