ރައީސް ނަޝީދާއި ވަރަށް ގާތުން މަސައްކަތްކުރެއްވި އެންވަޔަރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާ، އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ފައްޔާޒަށް ތާއީދުކުރާކަން ހާމަކޮށްފި އެވެ.

ފައްޔާޒަށް ތާއީދު ކުރައްވާކަން ހާމަކުރައްވާ މިނިސްޓަރު ޝައުނާ މިއަދު ވަނީ ވީޑިއޯ މެސެޖެއް އާންމު ކުރައްވާފަ އެވެ. ޝައުނާގެ މެސެޖުގައި 2008 ވަނަ އަހަރު އިންތިހާބުވީ އެމްޑީޕީ ސަރުކާރުން ރައްޔިތުންނަށް ގެނެސްދިން ބަދަލުތަކާއި އަދި 2018 ގައި އުފެދި ހިނގަމުންދާ އެމްޑީީޕީގެ ސަރުކާރުން ކުރީގެ ސިޔާސަތުތައް ދަމަހައްޓަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ޝައުނާގެ މެސެޖްގައި ވިދާޅުވީ އެމްޑީޕީއަކީ ރާއްޖޭގެ މުޅި ސިޔާސީ ހަޔާތް ބަދަލުކޮށްލި ޕާޓީއެއް ކަމަށާ އަދި އެއީ ދިވެހީންގެ އާންމު ދިިރިއުޅުމުގެ ހާލަތު ބަދަލުކުރުމުގެ ސިޔާސަތުތަކެއް ތަންފީޒު ކުރަމުން އަންނަ ޕާޓީއެއް ކަމަށެވެ. ބޭސްފަރުވާއަށް ސަލާން ޖެހުން ނައްތާލުމާއި ބޯހިޔާވަހިކަމަކީ ދައުލަތުން ފޯރުކޮށްދޭން ޖެހޭ އަސާސީ ހިދުމަތަކަށް ހެދުން ފަދަ ކަންކަމަކީ އެމްޑީޕީން ވަކާލާތުކޮށް ތަންފީޒު ކުރަން ފެށި ކަންކަން ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ޕާޓީން ވައުދުވެ ކުރަން ހުރި ކަންކަން އަދިވެސް ވަރަށް ގިނަ. އަދި ކުރަން ހުރި މަސައްކަތްތައް ކުރުމަށް މި ނިމިގެން އަންނަ ރިޔާސީ ދައުރުގައިވެސް މަސައްކަތް އެބަ ކުރަން ޖެހޭ. ޕާޓީއާ އެކީގައި މި މަސައްކަތްތައް ކުރަން ޖެހެނީ. 2023 ވަނަ އަހަރު އަޅުގަނޑުމެން އިންތިހާބު ކާމިޔާބު ކުރުމަށްވެސް ކުރަން ވަރަށް ގިނަ މަސައްކަތްތައް ކާމިޔާބުކުރާން އެބަހުރި. ޕާޓީއާއެކީގައި މި ދެންނެވި މަސައްކަތްތައްވެސް ކުރާން ޖެހޭނީ. އެހެންވީމަ ޖުމްލަކޮށް ބަލާއިރު މި ހުރިހާ ކަމެއް ކުރުމަށް އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޗެެއާޕާސަން ކަމަށް އިންތިހާބު ކުރުމަށް އެންމެ މުހިންމީ އަދި މިކަން ކުރެވޭނެ ބޭފުޅަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ފަޔާ،" ޝައުނާގެ ވީޑިއޯ މެސެޖުގައި ވިދާޅުވި އެވެ.

ޝައުނާ މިމޭރުމުން ވިދާޅުވެފައިވާއިރު ރައީސް ސޯލިހު ގެންދަވަނީ ހުރިހާ ވަޒީރުންނަށް ގުޅުއްވާ ފާޅުގައި ފައްޔާޒަށް ތާއީދު ކުރުމަށް އަންގަވަމުން ކަމަށް އިތުބާރު ހުރި މަސްދަރަކުން މި ނޫހަށް މައުލޫމާތު ދިނެވެ. އަދި ސަރުކާރު ކުންފުނިތަކުގެ އިސްވެރިންނަށްވެސް ގުޅުއްވާ ފައްޔާޒް އެންޑޯސް ކުރުމަށް ވިދާޅުވަމުން ގެންދަވާ ކަމަށް މައުލޫމާތުި ލިބެ އެވެ