ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް އެމްއެންޕީން ވާދަކުރާ ކެންޑިޑޭޓަށް މާލޭ ސިޓީ ކައުންސިލްގެ ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ ކެމްޕެއިން ކޮށްދިން ކަމަށް ބުނާ މައްސަލައެއް ޕީޕީއެމްގެ ސުލޫކު ކޮމިޓީން ބަލަން ފަށައިފި އެވެ.

ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ނަހުލާއާ ގުޅޭގޮތުން ހުށަހެޅިފައިވާ މައްސަލައެއް އެ ޕާޓީގެ ސުލޫކީ ކޮމިޓީން ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް އެއީ ކޮން މައްސަލައެއްކަން އަދި ހާމަކުރެވެން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

އެނގިފައިވާގޮތުގައި އެ ޕާޓީގެ ސުލޫކީ ކޮމިޓީން ބަލަމުން އަންނަނީ ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި އިލެކްޝަންގައި އެމްއެންޕީން ވާދަކުރާ ކެންޑިޑޭޓަށް އޭނާ ކެމްޕެއިންކޮށްދިން ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ.

އެ ކަމަށް ނަހުލާ ވަނީ އިންކާރުކޮށްފަ އެވެ. ނަހުލާ ވިދާޅުވީ އެ ބައި އިލެކްޝަންގައި ވާދަކުރުމަށް އޭނާ ވިދާޅުވެގެން ކުރިމަތިލި ކެންޑިޑޭޓުގެ ނަން ނެގުމަށް ޕީއެންސީގެ ނައިބު ރައީސަކު މަޖުބޫރި ކަމަށެވެ. އަދި އެ ބައި އިލެކްޝަންގައި ވާދަކޮށްފައި ވަނީ ޕީއެންސީގެ އެ ނައިބު ރައީސް ބޭނުންވި ކެންޑިޑޭޓް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަހުލާ ވިދާޅުވީ އޭނާ ޕާޓީން ވަކިކުރާނެ ކަމުގެ އިންޒާރު ޕީއެންސީގެ ނައިބު ރައީސަކު ދެއްވާފައިވާ ކަމަށެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު އަދި އެމްއެންޕީގެ ރައީސް ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމްގެ އަތުން ފައިސާ ނެގި ކަމަށް ބައެއް ބޭފުޅުން ތުހުމަތު ކުރެއެވެ. ނަމަވެސް އެކަމާ ގުޅިގެން ނަހުލާ ވަކިއެއްޗެއް ވިދާޅެއްނުވެ އެވެ.