ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނަށް ނިސްބަތްވާ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަމީމް (އަނދުން ހުސެއިން) އަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ތުހުމަތުތަކެއް ކޮށްފި އެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލައްވަން މަސައްކަތް ކުރިކަން ދޭހަވާގޮތަށް ރައްޔިތުންގެ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕްގައި އެމަނިކުފާނު ވަނީ، އަނދުން ހުސެއިންއަށް ތުހުމަތު ކުރައްވައި މެސެޖުތަކެއް ކުރައްވާފަ އެވެ. އެގޮތުން އަނދުން ހުސެއިންގެ އަތުގައި އެމަނިކުފާނުގެ ލޭ ހޭކިފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެ އެވެ.

"ތިޔަ ބޭފުޅުންގެ އަތުގައި ހޭކިފައި ތިޔަވަނީ އަޅުގަނޑުގެ ލޭ. އަޅުގަނޑުގެ ލެޔަކީ ކެރަފާ ދަނޑިކޮށީގެ ލޭ. އޭގައި އަސަރު ހުންނާނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވަނީ އެމަނިކުފާނަށް ދިން ހަމަލާގެ އަޑީގައި ސަރުކާރަށް ނިސްބަތްވެ ވަޑައިގަންނަވާ މެމްބަރު ހުސެއިންގެ ބައިވެރިވުމެއްވާކަމަށް ތުހުމަތުކުރައްވާފަ އެވެ.

އެކަމަށް ރައްދުދެއްވަމުން އަނދުން ހުސެއިން ވިދާޅުވީ، ރައީސް ނަޝީދު ހުންނަވަނީ މާބޮޑަށް ކޯފާވެފައި ކަމަށެވެ. އަދި އޭނާގެ ނަން ތަހުގީގު ރިޕޯޓުގެ އިތުުރުން އިންކުއަރީ ރިޕޯޓުގައި ވޭތޯ، ހުސެއިން، ރައީސް ނަޝީދަށް ސުވާލުކުރައްވާފައިވެ އެވެ.