ވިވޭކް އޯބަރޯއި އާއި އައިޝްވަރްޔާއަކީ ބޮލީވުޑްގައި އެންމެ މަޝްހޫރު މީހުންގެ ތެރޭގައި ހިމެނޭ ދެ މީހުންނެވެ.

ހަމައެހެންމެ އެ ދެ މީހުންގެ ލޯބީގެ ވާހަކަތަކަކީ ވެސް އޭރު ގިނަ ބައެއްގެ ތުންތުން މަތިން ދެކެވި، މަޝްހޫރުވި ވާހަކަތަކެކެވެ.

އެގޮތުން އައިޝްވަރްޔާ އާއި ވިވޭކްގެ ލޯބީގެ ގުޅުން އެންމެ ފުރަތަމަ ފެށުނީ، ސަލްމާން ޚާންއާއި އައިޝްވަރްޔާގެ ގުޅުން ނިމުމަކަށް އައުމަށް ފަހު އެވެ. ވިވޭކް އާއި އައިޝްވަރްޔާއާ މެދުގައި އޮތް ރަހުމަތްތެރިކަމުގެ ގުޅުން މަޑުމަޑުން ލޯތްބަށް ބަދަލުވެ، އެކީގައި އުޅެން ފެށި ނަމަވެސް، ދެ މީހުން ގުޅުނުކަން ދެފަންނާނުން ވެސް ބޭއްވީ ސިއްރުކޮށްފަ އެވެ.

އެހެންނަމަވެސް އެ ދެމީހުންގެ މެދުގައި ކަންތައްތައް ގޯސްވާން ފެށީ، ސަލްމާން، އައިޝްވަރްޔާއާ މެދުގައި ކަންތައް ކުރިގޮތް ވިވޭކް، މީޑިއާތަކަށް މަޑުމަޑުން ހިއްސާކުރަން ފެށުމުންނެވެ. އެކަމާ ގުޅިގެން ފަހުން ވިވޭކަށް ސަލްމާނުގެ ފަރާތުން ވެސް އެކި ކަހަލަ އިންޒާރުތައް އައިސްފައިވާކަމަށް ފާޅުގައި ވިވޭކް މީޑިއާގައި ބުނަމުންދިޔަ އެވެ.

އެ މައްސަލަ އެންމެ ބޮޑަށް ގޯސްވީ ވިވޭކާއި އައިޝްވަރްޔާއާ ދެމެދު އެވެ. ނަތީޖާއެއްގެ ގޮތުން ދެ މީހުންގެ ލޯބީގެ ގުޅުން ވެސް އެއްކޮށް ނިމިގެންދިޔައީ އެވެ.

މިހާރު އައިޝްވަރްޔާއަކީ މަޝްހޫރު އަބީޝޭކް ބައްޗަންގެ އަނބިމީހާ އެވެ. އެ ދެމީހުންނަށް އަންހެން ދަރިއަކު ވެސް ލިބިފައިވެ އެވެ. އަދި ވިވޭކް ކައިވެނި ކުރީ ޕްރިޔަންކާ އަލްވާ ކިޔާ މީހަކާ އެވެ.