ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކުރެއްވި ތުހުމަތުން އެނގެނީ ސަރުކާރުގެ ހައްދުފަހަނައަޅާފައިވާ އަނިޔާވެރިކަން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.

ޖަމީލް މިފަދައިން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނަށް ނިސްބަތްވާ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަމީމް (އަނދުން ހުސެއިން) އަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ތުހުމަތުތަކެއް ކޮށްފައިވަނިކޮށެވެ.

އެގޮތުން ރައީސް ނަޝީދު އަވަހާރަކޮށްލައްވަން މަސައްކަތް ކުރިކަން ދޭހަވާގޮތަށް ރައްޔިތުންގެ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕްގައި އެމަނިކުފާނު ވަނީ، އަނދުން ހުސެއިންގެ އަތުގައި އެމަނިކުފާނުގެ ލޭ ހޭކިފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެމަނިކުފާނަށް ދިން ހަމަލާގެ އަޑީގައި ސަރުކާރަށް ނިސްބަތްވެ ވަޑައިގަންނަވާ މެމްބަރު ހުސެއިންގެ ބައިވެރިވުމެއްވާ ކަމަށް އެމަނިކުފާނު ތުހުމަތުކުރެއްވި އެވެ.

މިކަމާ ގުޅިގެން ޑރ. ޖަމީލް ކުރެއްވި ޓުވީޓެއްގައި ވަނީ ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލައަކީ ސަމާސާއެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. އަދި އެމަނިކުފާނު އެކުރައްވާ ތުހުމަތުން އެނގެނީ ރައީސް ޞާލިޙާއި ސަރުކާރަކީ ހައްދުފަހަނައަޅައި ގޮސްފައިވާ އަނިޔާވެރި ބައެއްކަން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ކުރީގެ ސަރުކާރާ ބެހޭ ގޮތުން ރައީސް ނަޝީދު ދެއްކެވި ވާހަކައަކާ ގުޅުވައިގެން ޑރ. ޖަމީލް ވަނީ ރައީސް ނަޝީދަށް ޓެގް ކުރައްވައި، ސަރުކާރުގައި މިފަހަރު އެޅީ ކޮން ފަންޏެއްތޯ ވެސް ސުވާލުކުރައްވައިފަ އެވެ.