ހަތަރު ގާނޫނަކަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވައިފި އެވެ.

މިއަދު ތަސްދީގު ކޮށްފައިވަނީ ސިވިލް ސާރވިސްގެ ގާނޫނަށް ގެނައި އިސްލާހުގެ ބިލާއި، ފެނާއި ނަރުދަމާގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގެ އިތުރުން ދިވެހިރާއްޖޭގެ ފޮރިން ސާވިސް ގާނޫނަށް ގެނައި އިސްލާހުގެ ބިލެވެ.

މިއަދު ރައީސް ތަސްދީގު ކުރި ސިވިލް ސާވިސްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަކީ ސިވިލް ސާވިސް ކޮމިޝަނުގެ ރައީސްގެ މަސްއޫލިއްޔަތުތަކުން އުނިކުރި ބައި، އެ ބާރުތަކާއެކު އަލުން ދޭން ހިމަނައި، ސީއެސްސީގެ ގާނޫނަށް އިސްލާހު ގެނައި ބިލެކެވެ. އެގޮތުން، ގާނޫނު އަސާސީއާއި ގާނޫނުގައިވާ ގޮތުގެ މަތިން، ނަތީޖާ ނެރެދެވޭ ގޮތުގައި ހަރުދަނާ އުސޫލުން، ކޮމިޝަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ ލަފައާއި އިރުޝާދުދިނުމާއި، ކޮމިޝަނުގެ ބައްދަލުވުންތަކުގެ ރިޔާސަތު ބެލެހެއްޓުމާއި، ކޮމިޝަނުން ނިންމާ ނިންމުންތައް ތަންފީޒުކުރުން ކޮމިޝަނުގެ ރައީސްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ބަޔާންކޮށްފައިވެ އެވެ.

ރައީސް ތަސްދީގުކުރެއްވި ފެނާއި ނަރުދަމާގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ފެނާއި ނަރުދަމާގެ ނިޒާމުތައް ފަރުމާކުރުމާއި، ގާއިމުކުރުމާއި، އެ ނިޒާމުތަކުން ހިދުމަތް ދިނުމާބެހޭ މިންގަނޑުތައް ކަމާގުޅޭ މުއައްސަސާތަކުގެ މަޝްވަރާގެމަތިން އެކުލަވާލުމާއި، ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމަށް ބޭނުންކުރެވޭ ސާމާނު ޓެސްޓުކޮށް ސެޓިފައިކުރާނެ މިންގަނޑުތައް ކަނޑައެޅުން ހިމެނެ އެވެ.

މި ގާނޫނުގެ 54 ވަނަ މާއްދާއަށް އިތުރުކުރި އަކުރުގައިވާ ގޮތުން ބިމުން ފެން ނަގައި ފެން ބޭރުކުރުމުގެ މަސައްކަތްކުރާ ފަރާތްތަކުން މި ގާނޫނާއި ގަވާއިދާ ހިލާފަށް އެއްވެސް އަމަލެއް ކޮށްފިނަމަ، އެ އަމަލެއްގެ ކުޑަބޮޑުމިނަށް ބަލައި އެކަން ކުރި ފަރާތެއް 5،000 ރުފިޔާ އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރުޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއަށް ލިބިގެންވާކަމުގައި ބަޔާންކޮށްފައިވެ އެވެ.

ދިވެހިރާއްޖޭގެ ފޮރިން ސާވިސްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ވަނީ ފޮރިން ސާވިސްގެ މަގާމުތަކުގެ މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ ފޮރިން މިނިސްޓްރީ އާއި މިނިސްޓްރީ އޮފް ފިނޭންސްގެ ލަފާގެ މަތިން ނެޝަނަލް ޕޭ ކޮމިޝަނުން ކަމަށް ގާނޫނުގައި ބުނާ 44 ވަނަ މާއްދާގެ (ށ) ވަނީ އުނިކޮށްފަ އެވެ. މި ބިލުގައި ބަޔާންކޮށްފައިވާގޮތުގައި ފޮރިން ސާވިސްގެ ހިދުމަތުން މުސްކުޅިކުރެވޭ މުވައްޒަފުންނަށް ޢިނާޔަތް ދޭންވާނީ ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނުގެ ދަށުން ނޭޝަނަލް ޕޭ ކޮމިޝަނުން ކަނޑައަޅާ މިންގަނޑުތަކާއި ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން ކަމުގައި ވަނީ ބަޔާންކޮށްފަ އެވެ.

އަދި، މި ގާނޫނުގެ ދަށުން އެކުލަވާލާ މުވައްޒަފުންގެ އޮނިގަނޑުގައި ހިމެނޭ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ޤާނޫނުގެ ދަށުން ނޭޝަނަލް ޕޭ ކޮމިޝަނުން ކަނޑައަޅާ މިންގަނޑުތަކާއި ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން މިނިސްޓްރީ އޮފް ފިނޭންސްއިން ކަމުގައި ވެސް ވަނީ ބަޔާންކޮށްފަ އެވެ.

ކުދި އަދި މެދުފަންތީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ވިޔަފާރިތައް ގިންތިކުރާ ގޮތް ވަނީ ބަޔާންކޮށްފަ އެވެ. އެގޮތުން އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް، މިއަހަރުގެ ޖުލައި 30ގެ ކުރިން، ރަޖިސްޓްރާ އަލުން ގިންތިކޮށް ދަފްތަރުކޮށް، އާންމުކުރަންވާނެ ކަމަށް ބުނެފައިވެ އެވެ.