ގޫގުލް ޓްރާންސްލޭޓަރަށް އަލަށް އިތުރު ކުރި ބަސްތަކުގެ ތެރޭގައި "ދިވެހި ބަސް" ހިމެނިއްޖެ އެވެ.

ގޫގުލް "ޓްރާންސްލޭޓް" އެޕަށް ދިވެހި ބަހާއެކު އިތުރު 24 ބަހެއް އިތުރުކުރިކަން އިއްޔެ އެކުންފުނިން

އިއުލާންކޮށްފައި ވަނީ އައިއޯ 2022 ޑިވެލޮޕާރ ކޮންފަރެންސްގަ އެވެ.

ގޫގުލް އިން ބުނެފައިވަނީ އަލަށް އިތުރުކުރި 24 ބަހުން ވާހަކަ ދައްކާ 300 މިލިޔަން މީހުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭކަމަށެވެ. ދިވެހި ބަސް ބޭނުން ކުރާކަމަށް ގޫގުލް އިން ލަފާކުރާ އަދަދަކީ 300،000 މީހުންނެވެ.

އަލަށް އިތުރުކުރި 24 ބަހާއެކު ގޫގުލް ޓްރާންސްލޭޓަރ މެދުވެރިކޮށް ތަރުޖަމާކުރެވޭ ބަސްތަކުގެ އަދަދު މިވަނީ 133 އަށް އަރާފަ އެވެ. ގޫގުލް ޓްރާންސްލޭޓް ގެ ޚިދުމަތް އިތުރަށް ފުޅާ ކުރުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާކަމަށް ގޫގުލް އިން ބުނެ އެވެ.

މި ބަސްތައް ތަރުޖަމާ ކުރުމަށްޓަކައި ގޫގުލް އިން ވަނީ ޑޭޓާ މަދު ބަސްތަކަށް "ޒީރޯ ރިސޯސް ޓްރާންސްލޭޝަން" މޮޑެލްއެއް އުފައްދާފަ އެވެ. މިއީ ސީދާ އެ ބަހުގެ ތަރުޖަމާގެ ޑޭޓާ މަދު ބަސްތައް ވެސް ދަސްކުރުމުގެ ގާބިލުކަން ލިބިފައިވާ މޮޑެލްއެކެވެ.

މީގެ ކުރިން މައިކްރޮސޮފްޓުން ވެސް ވަނީ ދިވެހި ބަހަށް ޓްރާންސްލޭޓް ކުރެވޭ ގޮތް ހަދާފަ އެވެ.

ދިވެހި ބަހަށް މި ލިބުނު މި ކާމިޔާބީއާ ގުޅިގެން ބަހަށް ލޯބިކުރާ ވަރަށް ގިނަ ބަޔަކު އަންނަނީ އެކަން ފާހަގަކުރަމުންނެވެ.