ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) އަށް ކުރެއްވި ތުހުމަތުތަކާ ގުޅިގެން އޭނާ މަޖިލީހުގެ ކޮމިޓީއަށް ހުށައެޅި މައްސަލައަށް މިއަދު ގޮތެއް ނުނިމި ކޮމިޓީ ނިންމާލައިފި އެވެ.
މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަށް މީގެ މި މަހުގެ 8 ވަނަ ދުވަހު ކުރެއްވި މެސެޖުތަކެއްގައި ރައީސް ނަޝީދު ވަނީ، އެމަނިކުފާނަށް އަމާޒުކޮށް 6 މޭއި 2021 ގައި ދިން ހަމަލާ އާއި ގުޅޭކަންކަން ފޮރުވުމުގައި ސަރުކާރަށް އެންމެ ބޮޑަށް އެހީތެރިވަނީ އަނދުން ހުސެއިން ކަމަށް ވިދާޅުވެފަ އެވެ. އަދި އަނދުން ހުސެއިންގެ އަތުގައިވަނީ ރައީސް ނަޝީދުގެ ލޭ ހޭކިފައި ކަމަށް ނަޝީދު ވިދާޅުވި އެވެ. ރައީސް ނަޝީދުގެ މިވާހަކަތަކާ ގުޅިގެން އޭނާ ވަނީ ވަޓްސްއަޕް ގްރޫޕުގައި އެކަން ދޮގު ކުރައްވާފަ އެވެ. އަދި އެވާހަކަތަކާ ގުޅިގެން ރައްޔިތުން މަޖިލީހުގެ ރައީސްއަށް އެޑްރެސްކޮށް އަނދުން ހުސައިން ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ 6 މެއި 2021 ގައި ރައީސް ނަޝީދަށް އަމާޒުކޮށް ދީނީ ހަރުކަށި ފިކުރުގެ ބަޔަކުކަމަށް ތުހުމަތުކުރެވޭ ބަޔަކު ދިން ބޮމުގެ ހަމަލާގެ ފަހަތުގައި އޭނާގެ ބައިވެރިވުމެއް އޮތްކަމަށް ދޭހަވާގޮތަށް އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއް ކުރައްވައި 8 މެއި 2022 ގައި ރައްޔިތުންގެ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕުގައި އެމަނިކުފާނު ވާހަކަފުޅު ދައްކަވާފައިވާކަމަށެވެ.
ރައީސް ނަޝިދުގެ އެވާހަކަފުޅުތަކަކީ އޭނާގެ ހައްގުތަކާއި އިމްތިޔާޒަށް އުނިކަން އަންނާނެފަދަ ގޮތަކަށް ދައްކަވާފައިވާ ވާހަކަފުޅުތަކެއްކަމަށާއި ރައްޔިތުން މަޖިލީހުގެ ރައީސް އަދި ދިވެހިރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ރައީސް އެ މަގާމުގައި ހުންނެވި ބޭފުޅަކު މި ބީދައިން އެއްވެސް އަސާސެއް ނެތް ގޮތަށް ކުރައްވާ ތުހުމަތުތަކަކީވެސް އޭގެ ސަބަބުން އޭނާގެ ފުރާނައަށް ނުރައްކަލެއް ކުރިމަތިވުމުގެ އިހުތިމާލު އޮތް ހައްސާސް މައްސަލައެއް ކަމަށެވެ.
"މި ސަބަބުތައް މިހެން ހުރުމާއި އެކު ރައީސް ނަޝީދު އަނދުން ހުސައިންގެ މައްޗަށް ސީރިއަސް ތުހުމަތުތަކެއް ކުރައްވާ ދެއްކެވި ވާހަކަފުޅުގެ ހަގީގަތަކީ ރައްޔިތުންނަށްވެސް ހާމަވާން ޖެހޭ ބާވަތުގެ މައްސަލައެއްކަމުގައި ދެކެން." ހުސެއިން ފޮނުވި ސިޓީގައި ވެއެވެ.
ސިޓިގައި އެދިފައިވަނީ މި މައްސަލަ ކަމާބެހޭ އިދާރާތަކަށް ހުށަހެޅުމަށްޓަކައި 8 މެއި 2022 ވަނަ ދުވަހުގެ 19:01 އިން 20:26 އާ ދެމެދު ރައްޔިތުން މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވާފައިވާ މެސެޖުތަކުގެ ކޮޕީ އޭނާއަށް ލިބޭނެ ގޮތް ހަދައިދިނުމަށެވެ.
މިސިޓީއާއި ގުޅިގެން މަޖިލިސް ޗުއްޓީގައި ވަނިކޮށް އާއްމު ކޮމިޓީގެ ބައްދަލުވުމެއް ވަނީ ބާއްވާފަ އެވެ. މި ބައްދަލުވުމުގައި ކޮމެޓީގައި މަޝްވަރާކުރުމަށްފަހު ނިންމީ މި މައްސަލައާ ގުޅިގެން އަދި އިތުރަށް ބަލަން ޖެހޭ ކަންތައްތަކެއް ހުރިކަމަށެވެ. އެގޮތުން މަޖިލީހުގެ ވަޓްސްއެޕް ގްރޫޕު އެއީ ރަސްމީ ގްރޫޕުތޯ ނުވަތަ ނުރަސްމީ ގްރޫޕުތޯ ބަލަން ޖެހޭކަމަށާއި ގޮތެއް ނިންމާނީ އެކަންކަން ބެލުމަށް ފަހުގައިކަމަށް ކޮމެޓީން ނިންމާފައިވެ އެވެ.
ކޮމެޓީން ނިންމީ ބަލަން ޖެހޭ ކަންކަން ބަލައި ހޯދަން ޖެހޭ މައުލޫމާތު ހޯދުމަށް ފަހު މި މައްސަލައާ މެދު ގޮތެއް ނިންމަން އެހެން ބައްދަލުވުމެއް ބޭއްވުމަށެވެ.