ގާތް މީހަކަށް ވަޒީފާއެއް ހަމަޖައްސައިދިނުމަށް އެދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލަށް މެސެޖް ކުރި ހަނދާނެއް ނެތް ކަމަށް، އެމްޑީޕީގެ ޗެއާޕާސަން ކަމުގެ އިންތިހާބަށް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި) ވިދާޅުވުމުން އޭނާ ހެދި ދޮގު ސަންގު ޓީވީ ބަހުސްގައި ފަޅާ އަރުވާލައި، ވަރަށް ބޮޑަށް ބޭޒާރުކޮށްލައިފި އެވެ.
"ސަންގު ޓީވީ" އިން އިންތިޒާމް ކޮށްގެން ރޭ ބޭއްވި އެމްޑީޕީ ޗެއާޕާސަންގެ އިންތިޚާބުގެ ބަހުސްގައި ފުރަތަމަ ސުވާލު އަމާޒު ކުރީ އިންތިގެ އަނބިމީހާގެ އާއިލާ މެންބަރަކަށް ވަޒީފާ ހޯދަން އިންތި ކުރެއްވި ކަމަށް ބުނާ މެސެޖްތަކާ ގުޅޭ ގޮތުންނެވެ.
އެ ސުވާލުކުރުމުން އިންތި ތަކުރާރުކޮށް ވިދާޅުވީ އޭނާގެ އާއިލާ މެންބަރަކަށް ވަޒީފާ ހޯދަން އެއްވެސް ނުފޫޒެއް ފޯރުވާފައި ނޯންނާނެ ކަމަށެވެ. އަދި ގާތް މީހަކަށް ވަޒީފާ ހޯދަން މެސެޖް ކުރި ކަމަށް ބުނާއިރު، އެ ބުނާ މީހަކަށް ވަޒީފާ ލިބުނުތޯ ބަލަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކުންފުންޏެއްގެ ވެރިކަމަށް ވަޒީފާ ހޯދަން އިންތި މެސެޖް ނުކުރައްވާ ކަމަށް އިންތި ވިދާޅުވި ނަމަވެސް ސަރުކާރުގެ ކުންފުންޏެއްގެ އިސްވެރިޔަކަށް އިންތި ކުރި މެސެޖުތަކެއް މީގެ ކުރިން ވަނީ އާއްމުވެފަ އެވެ. އެ މެސެޖްތައް އިންތި ފޮނުވީ ގްރޭޓާ މާލެ ކުންފުނީގެ އޭރުގެ ސީއޯއޯ ޝާތިރު އަބްދުއްރަހުމާނަށެވެ.
"ވަރަށް ބޮޑެތި އޮޅުވާލުންތައް އެބަ އޮޅުވާލާ. އަޅުގަނޑު މި ޕާޓީއަށް ހިދުމަތުގައި ހުންނަތާ ކިތަށް އަހަރުވެއްޖެތޯ؟ މި ފިކުރުގައި ހުންނަތާ. މި މަސައްކަތުގައި ހުންނަތާ. އެކަމަކު އެންމެ ވަޒީފާއެއް ވެސް އަޅުގަނޑަށް ލިބިފައެއް ނެތް. އަޅުގަނޑު ހޯދާފައެއް ނެތް. އެއީ ދޮގު ވާހަކަތަކެއް. އައްސަވާ އެބޭފުޅަކު ވަޒީގައި ހުރިތޯ، ލިބުނުތޯ، ހޯދިތޯ؟" އިންތި ވިދާޅުވި އެވެ.
އިންތިގެ ވާހަކަތަކަށް ރައްދު ދެއްވަން ލިބުނު ފުރުސަތުގައި އޭނާ އާއި ވާދަކުރައްވާ އިކޮނަމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވީ ފިނޭންސް މިނިސްޓްރީގެ މަގާމަކަށް މީހަކު އައްޔަން ކުރައްވަން އިންތި ގުޅުއްވާ މެސެޖް ވެސް ކުރެއްވި ކަމަށެވެ.
އިންތި "ތިހާ ދޮގު ހައްދަވާކަށް ނުވާނެ" ކަމަށް ވިދާޅުވެ ފައްޔާޒް އިޝާރާތް ކުރެއްވީ އޭނާގެ ފޯނަށެވެ.
"އަޅުގަނޑުގެ ފޯނުގައި އެބަހުރި މެސެޖްތައް،" އޭނާ ވިދާޅުވި އެވެ.
ފައްޔާޒްގެ ވާހަކައަށް ޖަވާބުދާރީވަމުން އިންތި ވިދާޅުވީ "އަޅުގަނޑު މެސެޖް ކުރިންތޯ. އަޅުގަނޑު ހަނދާނެއް ނެތް." ކަމަށެވެ.
އޭގެ އިތުރުން ލ. އަތޮޅުން އިންތިގެ ބޭބެއަކަށް ލިބުނު ފަޅު ރަށެއް އޭނާ މަރުވުމުން، ވާރިސުންނަށް އެ ރަށް ލިބޭ ގޮތަށް އުސޫލް ބަދަލުކޮށްގެން ވެރި ފަރާތް ބަދަލުކުރަން އޭނާ އެދުނު މައްސަލައެއް ވެސް ފަޅާއަރުވާލި އެވެ. އެކަމާ ގުޅިގެން ބަހުސް ވަރަށް ބޮޑަށް ހޫނުވެގެންދިޔަ އެވެ.
އެ ކަމާ ގުޅިގެން ޕްރެޒެންޓަރު އިބްރާހިމް ވަހީދު (އަސްވާޑް) ސުވާލުކުރުމުން އިންތި ވިދާޅުވީ "އަޅުގަނޑު ހަނދާނެ ނެތް" ކަމަށެވެ.
ދެބޭފުޅުންގެ ދެމެދުގައި ބަހުގެ ހޫނު ހަމަލާތަކެއް ރޭގެ ބަހުސްގައި ބަދަލު ކުރެއްވި ނަމަވެސް ބަހުސް ނިންމާލަން ލިބުނު ފުރުސަތުގައި ފައްޔާޒް ވިދާޅުވީ "އަޅުގަނޑުމެންނަކީ އެއްބައެއް" ކަމަށެވެ. އަދި ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް އިންތިޚާބަށް ފަހު މަސައްކަތް ކުރާނީ އެއްކޮށް ކަމަށް ފައްޔާޒް ވިދާޅުވި އެވެ.
އެ ބަހުސްގައި މިނިސްޓަރު ފައްޔާޒް ވިދާޅުވީ ކުރީގެ ވެރިކަމުގައި ހިންގި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ބެލެވޭ މީހުންގެ ނަންތައް ހިމެނޭ ލިސްޓެއް ރައްޔިތުންގެ މަޖިލީހުން އާންމުކުރީ ބައެއް ނަންތައް އުނިކުރުމަށް ފަހު ކަމަށާއި އަސްލު ލިސްޓު އަދި އާންމު ވާނެ ކަމަށެވެ. އަދި އެމްއެމްޕީއާރްސީގެ މައްސަލައިގެ ތަހްގީގު ކުރިއަށް ނުދިއުމުގެ ޒިންމާ ވެސް ނަގަން ޖެހޭނީ "އިންތިގެ ޓީމުން" ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ.
"ހިޔާނާތުގެ މައްސަލަތައް ހަވާލު ކުރި ކޮމިޝަންގެ ރައީސަކަށް ހުންނެވި ބޭފުޅާ އައްސަދު ހުންނެވީ ވެސް އިންތިގެ ޓީމުގައި. އެ ތަހުގީގަށް ކުރިއެރުން ނުލިބުނު ނަމަ އެއީ އިންތިގެ ޓީމުގެ ކަމެއް،" ފައްޔާޒު ވިދާޅުވި އެވެ.