ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ނަންފުޅު ބޭނުންކޮށްގެން އެއްވެސް ޕާޓީއަކުން މިހާރު ތާއީދު ހޯދަން މަސައްކަތް ނުކުރާނެ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް (އަދުރޭ) ވިދާޅުވެއްޖެ އެވެ.

އަދުރޭ މިހެން ވިދާޅުވީ ޕީޕީއެމް/ޕީއެންސީ ކޯލިޝަންއިން ރޭ ބޭއްވި ޖަގަހަ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ.

މީގެ އިތުރުން އަދުރޭ ވިދާޅުވީ ޕީޕީއެމްއަކީ ރައީސް މައުމޫނު ވަށައިގެން އެބުރޭ ޕާޓީއެއް ނޫންކަން ރައްޔިތުންނަށް މިހާރު އިނގޭނެ ކަމަށެވެ.

ޕީޕީއެމްއަކީ ފިކުރެއްގެ މައްޗަށް ބިނާވެފައިވާ ޕާޓީއެއްކަމަށާއި އެކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނެ އެއް ބޭފުޅަކީވެސް ރައިސް މައުމޫންކަމަށްވެސް އަދުރޭ ވިދާޅުވި އެވެ.

"ރައީސް މައުމޫން މި ޕާޓީ ދޫކޮށްލާފައި ދިޔައިމަވެސް މި ފިކުރުގަ މި ޕާޓީ މި އޮތީ، އެހެންވެގެން އެނގެނީ ޕީޕީއެމްއަކީ ފިކުރެއްގެ މައްޗަށް ބިނާވެފައި އޮތް ޕާޓީއެއްކަން" އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ އިދިކޮޅު އިތިހާދުގެ ލީޑަރު ރައީސް ޔާމީނާއެކީ ޕީޕީއެމް އޮތީ އެމަނިކުފާނަކީ މި ފިކުރު ދަމަހައްޓަވާ ބޭފުޅަކަށް ވާތީ ކަމަށެވެ.

އޭނާ ވިދާޅުވީ ރައީސް މައުމޫނާ އެކީ އެ ޕާޓި ނުދިޔައީ އެމަނިކުފަނު ފިކުރު ދެމެހެއްޓުމުގެ ބަދަލުގައި އަމިއްލަ ވަންތަކަން ދަމަހައްޓަން މަސައްކަތް ކުރެއްވީމައިކަމަށާއި މަވެސްކަން އިސްކުރައްވާ ގައުމަށް ހިޔާނާތްތެރިވެ ރައްޔިތުންނަށް ހަރާންކޯރުވީމައިކަމަށެވެ