ވަގުތީ ނަތީޖާ ދައްކާގޮތުން މި އިންތިހާބުގައި 49،370 މެމްބަރުން ވަނީ ވޯޓުލާފައި. އޭގެ ތެރެއިން 28،514 މީހުން ވޯޓުލާފައިވަނީ ޗެއާޕާސަން ކަމަށް ފައްޔާޒު އިސްމާއީލް އިންތިޚާބު ކުރުމަށް. އެއީ ވޯޓުލީ މީހުންގެ 58 ޕަސެންޓެވެ. އިންތިއަށް ވޯޓުލާފައިވަނީ 20،856 މީހުން. އެއީ ވޯޓުލީ މީހުންގެ 42 ޕަސެންޓު.

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް މެންބަރުން ދިން ވޯޓަކީ، ސަރުކާރާއެކު ކުރިއަށް ގޮސް އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށް ދިން ވޯޓެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ކަމަށް ހޮވިވަޑައިގެންނެވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ވާދަވެރި އިންތިޚާބަކަށްފަހު މިނިސްޓަރު ފައްޔާޒް ބޮޑު ތަފާތަކުން އެ އިންތިޚާބު ކާމިޔާބުކޮށްފައިވާ ކަމަށް ވަގުތީ ނަތީޖާތަކުން ދައްކަ އެވެ.

ވަގުތީ ނަތީޖާއިން ދައްކަނީ ވޯޓުގެ 58 ޕަސެންޓް ފައްޔާޒަށް ލިބިފައިވާ ކަމަށެވެ. އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އަށް ލިބިވަޑައިގަތީ 42 ޕަސެންޓެވެ.

ވަގުތީ ނަތީޖާ ދައްކާގޮތުން މި އިންތިހާބުގައި 49،370 މެމްބަރުން ވަނީ ވޯޓުލާފަ އެވެ. އޭގެ ތެރެއިން 28،514 މީހުން ވޯޓުލާފައިވަނީ ޗެއާޕާސަން ކަމަށް ފައްޔާޒު އިސްމާއީލް އިންތިޚާބު ކުރުމަށެވެ. އެއީ ވޯޓުލީ މީހުންގެ 58 ޕަސެންޓެވެ. އިންތިއަށް ވޯޓުލާފައިވަނީ 20،856 މީހުންނެވެ. އެއީ ވޯޓުލީ މީހުންގެ 42 ޕަސެންޓެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބު ކާމިޔާބުކުރެއްވިއްޖެކަން ޔަޤީންވުމާއެކު ސަޕޯޓަރުންނަށް ޝުކުރު އަދާކުރައްވާ ފައްޔާޒް ކުރެއްވި ޓުވީޓެއްގައި ވަނީ އެމްޑީޕީގެ މެންބަރުން މިއަދު ދިން ވޯޓަކީ މެންބަރުން އެދުނު ގޮތަށް ޕާޓީ ހިންގާލައި، އެމްޑީޕީއާއި ސަރުކާރާ އެއްކޮށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށް ދިން ވޯޓެއް ކަމަށެވެ. އަދި އެކަމުގައި ދެގޮތެއް ނުވެ ހުންނަވާނެ ކަމަށް ފައްޔާޒް ވަނީ ވިދާޅުވެފަ އެވެ.

އޭނާ ވަނީ މި އިންތިޚާބުގައި ވޯޓުލަން ނިކުމެ ވޯޓު ދެއްވި ހުރިހާ މެންބަރުންނަށް ޝުކުރު އަދާކުރައްވާފަ އެވެ.

މި އިންތިޚާބުގައި ފައްޔާޒް ކުރިހޯއްދަވާފައި ވަނީ ގާތްގަނޑަކަށް 7،000 އަށްވުރެ ގިނަ ވޯޓުގެ ތަފާތަކުން ކަމަށް ވަގުތީ ނަތީޖާތަކުން ދައްކަ އެވެ.

މުޅި ރާއްޖޭގެ ސަމާލުކަމަށް އައި މި އިންތިޚާބަކީ އެމްޑީޕީގެ ކުރިމަގު ކަނޑައެޅުމަށްޓަކައި މުހިންމު އިންތިޚާބެކެވެ. އެމްޑީޕީގެ ޗެއަރޕާސަންގެ މަސްޢޫލިއްޔަތުތަކުގެ ތެރޭގައި ޕާޓީގެ އިންތިޚާބުތައް ރާވާ އިންތިޒާމްކުރުމާއި، އެޕާޓީގެ ދާއިރާތަކުގެ އިންތިޚާބުތަކުގެ އިދާރީ ކަންކަން ހިންގެވުމާއި، އެޕާޓީގެ އުސޫލުތައް ރައްކާތެރިކޮށް ދެމެހެއްޓުން ހިމެނެ އެވެ.

މީގެ އިތުރުން ޕާޓީއަށް މެންބަރުން އިތުރުކޮށް، ޑިމޮކްރަސީގެ މިންގަނޑުތަކާއި ހަމަހަމަކަންމަތީ ޕާޓީ ކުރިއެރުވުމުގެ މަސައްކަތްކުރުން ވެސް ޕާޓީގެ ޗެއާޕާސަންގެ މަސްއޫލިއްޔަތުގައި ބަޔާންކޮށްފައިވެ އެވެ.

އިންތިޚާބު ކާމިޔާބީ ފާހަގަކުރަން ރޭ ބޭއްވި ހަފުލާގައި، ފައްޔާޒްގެ ބޭނުމަކީ ނަޝީދުގެ ބާރު ޕާޓީން ކަނޑުވާލުން ކަމަށް ބުނެ ކުރެވޭ ތުހުމަތުތަކާ ގުޅިގެން ނޫސްވެރިއަކު ސުވާލު ކުރުމުން ފައްޔާޒް ވިދާޅުވީ އިންތިޚާބުގެ ކެމްޕެއިންގެ ތެރޭގައި ބަހުގެ ހަމަލާތައް ބަދަލު ކުރިޔަސް، ނަތީޖާއަށް ފަހު އެފަދަ ހިތްބުރަ ކަމެއް ޕާޓީގެ ތެރޭގައި ނޯންނާނެ ކަމަށެވެ. އަދި ޗެއާޕާސަންގެ މަގާމުގައި ހުންނަވައިގެން ނަޝީދާ އެކު، މަސައްކަތް ކުރެވޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

ރައީސް ނަޝީދަކީ އަޅުގަނޑަށް ވަރަށް ފަސޭހަކަމާ އެކު މަސައްކަތް ކުރެއްވޭ ބޭފުޅެއް. އަޅުގަނޑަކީ ސިޔާސީ މީހެއް. އަޅުގަނޑުގެ ޕާސަނަލް ކަމެއް ނޯންނާނެ. އަޅުގަނޑު ދެކެނީ ރައީސް ނަޝީދަކީ ވެސް އެފަދަ ބޭފުޅެއް ކަމަށް،
ފައްޔާޒް

"ރައީސް ނަޝީދަކީ އަޅުގަނޑަށް ވަރަށް ފަސޭހަކަމާ އެކު މަސައްކަތް ކުރެއްވޭ ބޭފުޅެއް. އަޅުގަނޑަކީ ސިޔާސީ މީހެއް. އަޅުގަނޑުގެ ޕާސަނަލް ކަމެއް ނޯންނާނެ. އަޅުގަނޑު ދެކެނީ ރައީސް ނަޝީދަކީ ވެސް އެފަދަ ބޭފުޅެއް ކަމަށް،" ފައްޔާޒް ވިދާޅުވި އެވެ.

އިންތިޚާބަށްފަހު ޕާޓީ ދެ ބައިވެފައިވޭތޯ އާއި އަލުން އެކުގައި މަސައްކަތް ކުރެއްވޭނެތޯ ސުވާލު ކުރުމުން ފައްޔާޒް ވިދާޅުވީ އެކަމާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ. އަދި ކުރިން ވެސް އެފަދަ ވާދަވެރި އިންތިޚާބުތައް އެމްޑީޕީގެ އެތެރޭގައި ހިނގާފައި އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަށް އިންތި އާ އެއްކޮށް ވެސް އިންތިގެ ޓީމާ އެއްކޮށް ވެސް މަސައްކަތް ކުރެވޭނެ. އަޅުގަނޑު އަތްވަނީ ހުޅުވިފައި އެ ބޭފުޅުންނާ އެކު މި ޕާޓީ ހިންގާލުމުގެ މަސައްކަތުގައި." ފައްޔާޒް ވިދާޅުވި އެވެ.

"ކެމްޕެއިންގައި ދެއްކެވި އެއްވެސް ވާހަކައާ މެދު އަޅުގަނޑުގެ ހިތް ބުރަކަމެއް ނެތް. އަޅުގަނޑާ އެކު މަސައްކަތް ކުރުމުގައި އެއްވެސް ދަތިކަމެއް ނޯންނާނެ. އަޅުގަނޑު ދެކެނީ އެ ބޭފުޅުން ވެސް ދެކެވަޑައިގަންނަވާނެ ގޮތަކީ އެއީ ކަމަށް" އޭނާ ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވި ގޮތުގައި ވޯޓުގެ ނަތީޖާއިން އެނގުނީ އެމްޑީޕީގެ މެމްބަރުން މި ސަރުކާރާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ މެދު ހިތްހަމަޖެހޭ މިންވަރެވެ.

"އަޅުގަނޑު އެއްވެސް ގޮތަކަށް ނުދެކެން މިއީ އެމްޑީޕީގެ މެމްބަރުން އަޅުގަނޑަށް ދިން ވޯޓެއް ކަމަކަށް. އަޅުގަނޑު ދެކެނީ މިއީ 2023 ހޯދުމަށްޓަކައި އެންމެ ރަނގަޅު ގޮތަކީ ސަރުކާރާ އެކު މަސައްކަތް ކުރުން ކަމަށް ޕާޓީގެ ހުރިހާ ލީޑަރުންނަށް އާންމު މެމްބަރުން ދިން މެސެޖެއްގެ ގޮތުގައި." އޭނާ ވިދާޅުވި އެވެ.

އިންތިޚާބުގައި ބޮޑެތި ސިޓީތަކުގެ ތެރެއިން މާލެ ސިޓީން އިންތި އަށް ވަނީ ފައްޔާޒަށް ވުރެ ގިނައިން ވޯޓު ލިބިފަ އެވެ.

މާލެ ސިޓީން އިންތިއަށް ލިބިވަޑައިގެންނެވީ 2،513 ވޯޓެވެ. ފައްޔާޒަށް ލިބިވަޑައިގެންނެވީ 2،218 ވޯޓެވެ.

މާލެ ސިޓީގެ ވަކިވަކި ދާއިރާތަކަށް ބަލާލާއިރު އިންތިއަށް ވުރެ ގިނައިން ފައްޔާޒަށް ވޯޓު ލިބިވަޑައިގަންނަވާފައިވަނީ ހުޅުމާލެ ދާއިރާ، ހެންވޭރު ދެކުނު ދާއިރާ، މައްޗަންގޮޅި ދެކުނު ދާއިރާ، މާފަންނު ހުޅަނގު ދާއިރާ އަދި މާފަންނު ދެކުނު ދާއިރާ އިންނެވެ. އެހެން ދާއިރާތަކުން ކުރީގައި އުޅުއްވީ އިންތި އެވެ. އެންމެ ބޮޑު ތަފާތަކުން އިންތިއަށް ވޯޓު ލިބިވަޑައިގަންނަވާފައިވަނީ ގަލޮޅު އުތުރު ދާއިރާއިންނާއި އިންތި ތަމްސީލުކުރައްވާ މާފަންނު އުތުރު ދާއިރާއިންނެވެ.

ގަލޮޅު އުތުރު ދާއިރާ ތަމްސީލުކުރައްވަނީ އީވާ އަބްދުﷲ އެވެ.

ވަގުތީ ނަތީޖާ ދައްކާގޮތުން އައްޑޫ ސިޓީން ކުރީގައި އުޅުއްވަނީ ފައްޔާޒު އެވެ. ފައްޔާޒަށް އައްޑޫ ސިޓީން 2،925 ވޯޓު ލިބިވަޑައިގެންނެވިއިރު އިންތިއަށް ލިބިވަޑައިގަތީ 2،592 ވޯޓެވެ. އިންތިއަށް ފައްޔާޒަށް ވުރެ ގިނައިން ވޯޓު ލިބިވަޑައިގަންނަވާފައިވަނީ މަރަދޫ ދާއިރާ އާއި ހިތަދޫ މެދު ދާއިރާއިންނެވެ. އެހެން ދާއިރާތަކުން ކުރީގައި އުޅުއްވަނީ ފައްޔާޒެވެ. އެންމެ ބޮޑު ތަފާތަކުން ފައްޔާޒު ކުރި ހޯއްދަވާފައިވަނީ އައްޑޫ މީދޫ ދާއިރާއިންނެވެ. އެ ދާއިރާ ތަމްސީލުކުރައްވަނީ ރޮޒައިނާ އާދަމް އެވެ. ރޮޒައިނާ އަކީ ފައްޔާޒު އާއެކު އިންތިޚާބުގައި އަންހެނުންގެ ރޫހުގެ ރައީސާ ކަމަށް ވާދަކުރެއްވި ބޭފުޅެއްވެސްމެ އެވެ

.މިއިންތިހާބުގައި މާލޭގައި 87 ވޯޓު ފޮށި ބެހެއްޓިއިރު, 194 ރަށެއްގައި ވޯޓު ފޮށި ބެހެއްޓި އެވެ.

ޗެއާޕާސަންކަން ކާމިޔާބުކުރެއްވި ފައްޔާޒަށް މަރުހަބާ.