ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ އަހަރު ބަޔަކު ދިން ބޮމުގެ ހަމަލާއާ ގުޅުވައި އެ މަނިކުފާނު ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން)އަށް ކުރައްވާފައިވާ ތުހުމަތުތާ ގުޅޭ ގޮތުން ދެއްކި ވާހަކަތަކުގެ ޗެޓްލޮގް ދިނުމަށް މަޖިލީހުގެ އާންމު ކޮމިޓީން ފާސްކޮށްފި އެވެ.

ރައީސް ނަޝީދުގެ ވާހަކަތަކާ ގުޅިގެން މައްސަލަ ބަލައިދިނުމަށް އެދި އަނދުން ހުސައިން ކޮމިޓީއަށް ފޮނުވި ސިޓީގައި ވިދާޅުވީ ރައީސް ނަޝީދުގެ ވާހަކަތަކަކީ ހަގީގަތެއް ނެތް ތުހުމަތުތަކައް ކަމަށާއި އޭގެ ސަބަބުން އޭނާގެ ހައްގުތަކާއި އިމްތިޔާޒަށް އުނިކަން އަންނަ ކަމަށެވެ. އަދި ރައީސް ރައީސް ނަޝީދު ފަދަ، ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ރައީސްގެ މަގާމުގައި ހުންނެވި ބޭފުޅަކު އެފަދަ ވާހަކައެއް ދެއްކެވުމަކީ އޭގެ ސަބަބުން އޭނާގެ ފުރާނައަށް ނުރައްކަލެއް ކުރިމަތިވުމުގެ އިހުތިމާލު އޮތް ހައްސާސް މައްސަލައެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އާއްމު ކޮމެޓީގެ ބައްދަލުވުން

އެހެންވެ، ހުސައިން އެދިވަޑައިގަތީ އެ މައްސަލަ ތަހުގީގު ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމަށްޓަކައި ނަޝީދު ފޮނުއްވި މެސެޖުތަކުގެ ކޮޕީއެއް މަޖިލީހުގެ އިދާރާ އިން ދިނުމަށެވެ. އެ މެސެޖުތައް ނަޝީދު ފޮނުއްވީ ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެމްބަރުން އަދި މަޖިލީހުގެ އިދާރާގެ އިދާރީ މުވައްޒަފުން ހިމެނޭ ގޮތަށް އެ އިދާރާ އިން ހަދާފައިވާ ވަޓްސްއެޕް ގުރޫޕަކަށެވެ.

މިކަމާއި ގުޅިގެން ނަޝީދު ވަނީ މިކަމުގައި އާންމު ކޮމިޓީގެ ލަފައަކަށް މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އެދިވަޑައިގެންފައެވެ. މިއަދު އެ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ހުސައިނަށް އެދުނުގޮތަށް ފާސްކުރުމަށް ހުށަހަޅުއްވާފައި ވަނީ ފުނަދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ޝާހިދެވެ.

ޝާހިދުގެ ހުށަހެޅުމަށް ތާއީދު ކުރައްވާފައި ވަނީ ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދެވެ.

ރައީސް ނަޝީދަށް އަމާޒު ކުރައްވާ މެންބަރު މުހައްމަދު ރަޝީދު ވިދާޅޫވީ މެސެޖް ފޮނުއްވި ބޭފުޅާ ފޮނުއްވި މެސެޖްތަކުގައި ލިޔުއްވާފައިވާ ކަންކަމުގެ ޒިންމާ ނެގެން ވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ނަޝީދު ކުރެއްވި ތުހުމަތުތަކާ ގުޅޭ ގޮތުން އެ މަނިކުފާނަށް ފިޔަވަޅު އެޅުމަށް ވެސް ވަނީ މަޖިލީހުގެ ސުލޫކީ ކޮމިޓީ އަށް ވަނީ ހުށަހަޅައިފަ އެވެ. އެ ކޮމިޓީން ވެސް އިއްޔެ ނިންމާފައި ވަނީ އެ މައްސަލަ ބަލައިގަތުމަށެވެ.

މިދިޔަ އަހަރުގެ މެއި ހަ ވަނަ ދުވަހުގެ ރޭ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން މި މަހުގެ އަށްވަނަ ދުވަހު މަޖިލީހުގެ ވަޓްސްއެފް ގުރޫޕަށް އެމަނިކުފާނު ކުރެއްވި މެސެޖުތަކެއްގައި ވިދާޅުވީ ބޮމުގެ ހަމަލާގެ ރޭވުންތައް ފޮރުވުމުގައި ސަރުކާރަށް އަނދުން ހުސެއިން ވާގިވެރިވި ކަމަށެވެ. އަދި އަނދުން ހުސައިގެން "އަތުގައި" އެމަނިކުފާނުގެ ލޭ ހޭކިފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ